ވ ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޖުމްލަ ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 ހާއިރެވެ.

އެ ލޯންޗަކީ، ރޭސް ޖެހުމާއި ޑްރިފްޓް ކުރުމަށް ހާއްސަ ލޯންޗެކެވެ.

އެނގިފައިވާ ގޮތުގައި އެ ލޯންޗު ބަންޑުން ޖަހާލި ރޭ އެ ލޯންޗު 75 މޭލަށްވެސް ދުއްވިއެވެ.

ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ.

އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ނުފެންނަނީ އިންޑިއާގެ ދެ މީހެކެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަކު މިއަދު ވިދާޅުވީ، އެ މީހުން އަދިވެސް ނުފެންނަ ކަމަށާއި އެ ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮން ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިވާއިރު ފީނައިގެންވެސް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބަންޑުން ޖަހާލި ލޯންޗުން އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިޔާވެސް ދަތުރުކުރިއެވެ. އޭނާއަކީ އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަނެވެ.

އެނގިފައިވާ ގޮތުގައި އެ ލޯންޗު ދުއްވީވެސް އޭނާއެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަންވެސް އެނގިފައިވެއެވެ.

ގޯތަމްއަށްވެސް އެ ހާދިސާގައި އަނިޔާވެ ފަރުވާ ދިނެވެ. ނަމަވެސް އޭނާ ވަނީ ފަހުން ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ.