ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރޭ ރާއްޖޭން ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް، 3-2 އިން ސްރީ ލަންކާ އަތުން ބަލިވި މެޗަކީ ރާއްޖެއަށް ލިބުނު ފިލާވަޅެއް ކަމަށް ކޯޗު، އިސްތަވަން އުރުބާނީ ބުނެފިއެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ ގޯލްތަކުން ފެނުނީ އާދައިގެ ގޯސްތަކެއް ކަމަށާއި، އުމުރުފުރާ ޓީމުތައް ކުރިއަރާނީ އެ ގޯސްތަކުން ދަސްކޮށްގެން ކަމަށެވެ.

"މިއީ ކުޅުންތެރިންނަށް ވަރަށް ހިތްދަތި ބައްޔެއް. އެކަމަކުވެސް މިއަށްވުރެ ނަތީޖާއެއް ލިބޭނެ ވަރަށް އަސްލު ނުކުޅެވުނީ. ކޮޅަށް ވަން ތިން ގޯލްގައިވެސް ފެނުނީ ވަރަށް ބޭސިކް ގޯސްތަކެއް. ކޮންމެ އުމުރުފުރާއެއްގެ ޓީމަކަށްވެސް މި ހާލަތަށްތަކާ ކުރިމަތިވާނެ. މިއީ ހުނަރުވެރި ޖީލަކަށް ދިމާވާނެ ކަންކަން. މި ކަންކަން ދިމާވެގެން އެނގޭނީ ޑައިރެކްޓް ފުޓުބޯޅަ ކުޅޭ، ވަރުގަދައަށް ޖައްސައި ޓީމުތަކާ ކުރިމަތިލާން. ލަންކާއިން ވިސްނި ގޮތަށް އަހަރެމެން ކުޅުންތެރިން ބިރުވެސް ގަތް ކުޑަކޮށް. އަދި ޕްރެޝަރުވެސް ވި ހޯމް މެޗަކަށްވުމާއެކުވެސް،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ލަންކާއިން ކުޅުނީ ވަރަށް ވަރުގަދައަށް ޖައްސައިގެން ކަމަށާއި، ނުރައްކާތެރި ޓެކުލްތައްވެސް މެޗުގައި ފެނުނު ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ސީނިއާ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރަމުން އަންނަ އުރްބާނީ ބުނީ ފަހަތުން ގޭމް ބިލްޑް ކޮށްގެން ކުޅެން ދަސްކުރަން ޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ ބަދަލުތަކަށް ވިސްނާނެ ކަމަށެވެ.

"އަހަންނަށް މަދުވީ ހަމަޖެހިލައިގެން ކުޅުނު ވަގުތު. މާ ބޮޑަށް ހާސްވި. މިއީ އަހަރެމެން ބޭނުންވާ ސްޓައިލެއް ނޫން. ހާއްސަކޮށް ފަހަތުން އެކަން ކުރަން ޖެހޭނީ. ހާސްވުމުން އަހަރެމެންގެ ގޭމް ބަދަލުކުރަން ޖެހުނީ ޑައިރެކްޓް ގޭމަކަށް. އެހެންވީމަ އެކަން ކުރަން ޑިފެންޑަރުން ހާނުވައިގެން ފަސޭހަވާނެ ސްޓައިލެއް ގެންނަން،" އުރުބާނީ ފާހަގަކުރިއެވެ.

ރާއްޖެ އަށް ގްރޫޕް ސްޓޭޖުގައި ދެން އޮތީ ބުދަ ދުވަހުގެރޭ، ބޫޓާނާ ކުޅޭ މެޗާއި ހުުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭ މެޗެވެ. އުރުބާނީ ބުނީ މުބާރާތް ކާމިޔާބުކުރުމަށް ކުޅުންތެރިންނަށް އެ ޕްރެޝަރު ދިނުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މިއީ ތަޖުރިބާއެކޭ ބުނަން ފަސޭހަވާނެ. އެކަމަކުވެސް ކާމިޔާބުކުރަން ޕްރެޝަރު އެބަ ދެވޭ. އެ ޕްރެޝަރު ދިނުން ރަނގަޅެއް ނޫން. އަހަރެން ބުނިން ކުޅުންތެރިން ކައިރީ މިއީ ފިލާވަޅެކޭ. މިސްޓޭކް ހެދޭނެ މިކަހަލަ މުބާރާތްތަކުގައި އެކަން ރަނގަޅުކުރަން ކުޅުންތެރިންނާއެކު މަސައްކަތްކުރުން މީގެ މުހިންމީ. ވިސްނަންވީ އެ މިސްޓޭކް ހެދުނީމަ ކިހާ އަވަހަކަށްތޯ އަހަރެމެންނަށް ރަނގަޅުކުރެެވެނީ،" އުރުބާނީ ބުންޏެވެ.

އުރުބާނީ އިތުރަށް ބުނީ ދެން ހުރި މެޗުތަކަށް ބަދަލުތަކެއް ގެނެސްގެން ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސަޕޯޓަރުންގެ ސަޕޯޓް ޒުވާން ކުޅުންތެރިންނަށް ހުއްޓާނުލުމަށެވެ. އޭނާ ބުނީ ޓީމެއް ބިނާވާނީ ވަގުތު ނަގައިގެން ކަމަށާއި، ޓީމުން ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށެވެ. ހާއްސަކޮށް، އެންމެ ފަހު ވަގުތުކޮޅު ޓީމުން އެ ކުރި ހިތްވަރަކީ އަބަދު ފެންނަން ބޭނުންވާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.

އުރުބާނީ ބުނީ ރާއްޖެއަށް މީގެ ކުރިން އައިސްވެސް ފުޓުބޯޅައަށް ބަދަލު ގެންނަން ކަންތައްތަކެއް ކުރި ކަމަށާއި، އެކަން މިފަހަރުވެސް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.