އެމެރިކާޔާއި އިޒްރޭލު ގުޅިގެން މިދިޔަ ފެބްރުއަރީ އަށާވީސްވަނަ ދުވަހުގެ ހެނދުނު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެމެރިކާޔާއެކު ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަން އީރާނުން އިއްޔެ ވަނީ ކަށަވަރުކޮަށްދީފައެވެ. އީރާނުން މިކަން ކަށަވަރުކޮށްދިނީ އިއްޔެ އެރިއިރާއެކު ޓްރަމްޕު ދެެއްކި ވާހަކަޔަކާ ގުޅިގެންނެވެ. ޓްރަމްޕު ބުންޏެވެ. މެދުއިރުމަތީގައި އީރާނާއި އެމެރިކާގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި އަރައިރުންތަކަށް ދާއިމީ ނިމުމެއް ގެނައުމުގެ މަޝްވަރާތަކެއް ކުރިއަށް އެބަދެއެވެ. މި މަޝްވަރާތައް ކުރިއަަށްދަނީ ވަރަށްވެސް ބަރާބަރަށް ކަމަށާއި ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށްވެސް ޓްރަމްޕު ވަނީ ބުނެފައެވެ. މިހާތަނަށް ސާދަ ފަނަރަ ނުގުތާޔަކާމެދު މުޅިން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ޓްރަމްޕު ވަނީ ބުނެފައެވެ. ކޮންމެއަކަސް މިހިސާބުން އުފެދޭ ސުވާލަކީ ޓްރަމްޕު ދެއްކި ވާހަކައިގެ ހަގީގަތަކީ ކޮބައިތޯއެވެ. މަޝްވަރާތަކެއް ކުރެވުނުތޯއެވެ.
އީރާނުން އެބުނަނީ މަޝްވަރާ ނުކުރާކަމުގައެވެ. ދައްކާނެ ވާހަކައެއްވެސް ނެތްކަމުގައެވެ. އެހެންވީމާ ޓްރަމްޕުގެ ވާހަކަތައް މުޅިން ތަހުލީލުކޮށް އެކިޔަނީ ކީކޭތޯ، އަދި އެކިޔާ އެއްޗަކުން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮބައިކަން ތަހުލީލު ކުރުން މުހިންމެވެ. މަޝްވަރާތައް ކުރެވެނީ އީރާނުގެ ވަރަށްވެސް "ރެސްޕެކްޓެޑް" ލީޑަރަކާއެކު ކަމަށް ޓްރަމްޕު ބުނެއެވެ. އީރާނުގެ ސިޔާސީ އަދި އަސްކަރީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން އެއްވެސް ނިންމުމެއް ރޫހީ ލީޑަރުގެ ރުހުމާނުލައި ނުނިންމޭނެއެވެ. ތަންފީޒެއްވެސް ނުކުރެވޭނެއެވެ. އެއީ ރައީސަކަށްވެސް ޚާރިޖީވަޒީރަކަށްވެސް އަދި ކިޔެއްތަ ޕާލަމެންޓުގެ ސްޕީކަރަކަށްވިޔަސް އަސްކަރީ ކޮމާންޑަރަކަށްވިޔަސް އޮންނަ ބާރެއް ނޫނެވެ. އީރާނުގެ އަސްކަރިއްޔާ ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ ރެގިއުލަރ ސިފައިންގެ ލަޝްކަރާއި އިންގިލާބީ ގާޑުންގެ ލަޝްކަރާއި ބަސީޖު މިލީޝިއާ ލަޝްކަރެވެ. މިއީ އެއްބަޔަކު އަނެއް ބަޔަކާ މުޅިން ވަކިން އޮޕަރޭޓްކުރާ ތިން ލަޝްކަރެވެ.
އެ ތިންބައި މީހުންވެސް ތަބާވާ ހަމައެކަނި ލީޑަރަކީ ރޫހީ ލީޑަރެވެ. އެމަގާމުގައި މިހާރު ހުންނެވީ މުޖުތަބާ ޚާމަނާއީއެވެ. އެހެންވީމާ އޭނާގެ ރުހުމާނުލައި އީރާނުން ހަނގުރާމަ ހުއްޓާލާނެ ގޮތެއް ނޯންނާނެއެވެ. ނުވެސް ހުއްޓޭނެއެވެ. މަޝްވަރާ ކުރެވެމުންދާ ލީޑަރަކީ އީރާނުގެ ޕާލަމެންޓްގެ ސްޕީކަރު މުހައްމަދު ބާގިރު ގަލީބާފްއާ ކަމަށް ހީކުރެވޭ ޒާތުގެ އަަޑުތައް ހުޅަނގުގެ މީޑިއާއިން އެބައިއްވައެވެ. ގަލީބާފްއާ ވާހަކަދެއްކޭތޯ އެމެރިކާއިން މެސެޖުކުރަމުންދާ ކަމަށާއި އެކަމަށް އީރާނުން އެއްވެސް ޖަވާބެެއް ދީފައިނުވާ ކަމުގެ ރިޕޯޓުތައްވެސް ދަނީ ލިބެމުންނެވެ. ޔަގީންވާ އެއްޗަކީ ގަލީބާފަކީ އެމެރިކާއަށް ހެއްލޭނެ ބޭފުޅެއް ނޫންކަމެވެ. އޭނާއަކީ އިންގިލާބީ ގާޑުންގެ ކުރީގެ ކޮމާންޑަރެކެވެ. ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އީރާނުގެ ރޫހީ ލީޑަރާއި ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރުހުންނެތި އެއްވެސް ބަޔަކާއެކު އޭނާ މަޝްވަރާއެއް ނުކުރައްވާނެއެވެ. މަޝްވަރާ ކުރެވޭނެ ޖާގައެއްވެސް ނޯންނާނެއެވެ.
އީރާނުގެ އަސްކަރިއްޔާގެ ކުރިން ދެންނެވި ތިން ލަޝްކަރު އޮޕަރޭޓްކުރަނީ މޮސެއިކް ޑިފެންސް ސިސްޓަމަށެވެ. މި ސިސްޓަމަކީ މުޅި އީރާނު އަސްކަރީގޮތުން ވިހިތިރީސް ބަޔަށް ބަހައިލުމާއެކު ކޮންމެ ބައެއްގައިވެސް ހަރަކާތްތެރިވާ ކޮމާންޑަރަކަށް މިނިވަންކަމާއެކު އޮޕަރޭޓް ކުރުމުގެ އިޚުތިޔާރު ލިބިދޭ ސިސްޓަމެކެވެ. އީރާނުގެ ސިޔާސީ ލީޑަރޝިޕް ނައްތައިލިޔަސް މިދެންނެވި ސިސްޓަމް މަސައްކަތް ކުރާނެއެވެ. ހަނގުރާމަ ހުއްޓައިލުމުގެ ކޮމާންޑް އަންނާނީ އެންމެ މަތިންނެވެ. އެއީ ގަލީބާފަކަށް، ޕަޒިޝްކިޔާނަކަށް، އައްބާސް އަރާގްޗީއަކަށް ދެވޭނެ ކޮމާންޑެއް ނޫނެވެ. އެހެންވީމާ ޓްރަމްޕު އެހަދަނީ ދޮގެއްކަން ކަށަވަރުވެއެވެ. އީރާނުގެ މިހާރުގެ ލީޑަރޝިޕާއި ގުޅިގެން ވެރިކަން ހިންގާނެ އައު ބޭފުޅެއްގެ ވާހަކަވެސް ޓްރަމްޕު ބުނެފިއެވެ. މުޅިން ޚިޔާލީ މީހެއް ކަމަށް ހީވެއެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގުމުގައި އެމެރިކާޔަށް އޭނާގެ ނާއިބުރައީސް ވާގިވެރިވި ބީދައިން އީރާނުގެ ވެރިކަން ފުރޮޅައިލެވޭނެ ހަމައެއްގޮތެއްވެސް ނެތެވެ.
ދެންއޮތް ވާހަކައަކީ އީރާނުން ސާދަ ފަނަރަ ނުގުތާއަކަށް އެއްބަސްވި ވާހަކައެވެ. ޓްރަމްޕު އެބުނާ ސާދަ ފަނަރަ ނުގުތާއަކީވެސް އޭނާގެ ޚިޔާލީ ނުގުތާތަކެކެވެ. ހަނގުރާމަ ހުއްޓައިލަން އީރާނު އެއްބަސްވާނެ މައިގަނޑު ތިން ޝަރުތު އީރާނުން ވަނީ މާކުރީގައިވެސް ބުނެފައެވެ. ފުރަތަމައީ އީރާނާ ދެކޮޅަށް ދުވަހަކުވެސް ދެން ހަނގުރާމަ ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމާއި އެ ޔަގީންކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޖާމިނުވުމެވެ. ދެވަނައީ މިދިޔަ ޖޫންމަހުގެ ހަނގުރާމަޔާއި މިހާރު ކުރިއަށްދާ ހަނގުރާމައިގައި އީރާނަށް ލިބިފައިވާ ގެެއްލުންތަކުގެ ބަދަލު ދިނުމެވެ. ތިންވަނައީ އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް އުވައިލުމާއެކު ހުޅަނގުގެ ގައުމުތަކުން ގަނޑުކޮށް ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމެވެ. ޓްރަމްޕު އެބުނަނީ މި ތިންކަމަށްވެސް އޭނާ މިހާރު ހުރީ ރުހިގެންކަމަށް ވަންޏާ ދެން އެއޮތީ މިކަން ނިމިފައެވެ. އެކަމަކު ޓްރަމްޕު މިކަން ދުނިޔެއަށް މިމޭރުމުން އިއުލާން ކުރާނެ ބާވައެވެ. ކުރަން ކެރޭނެ ބާވައެވެ.
ޓްރަމްޕަކީ ޓްރަމްޕެވެ. ހައްދަވައިގެން ތެދެއް ނުހަދާނެއެވެ. މިކަމުގައިވެސް އެހަދަނީ ދޮގެވެ. ދޮގުހަދައިގެން މިހާރު ކުރަން އުޅޭ ކަމަކީ ހަނގުރާމަ ހުއްޓާލަން މަގު ހުޅުވުމެވެ. އެހެންވެ މިއީ އީރާނުން އެދިގެން ކުރާ މަޝްވަރާއެކޭ އެމެރިކާގެ ގިނަ ޝަރުތުތަކަަށް އީރާނުން އެއްބަސްވެއްޖެއޭ ބުނަނީއެވެ. ހަގީގަތަކީ ޓްރަމްޕަށް ކުރިމަތިވެފައިވާ ޕްރެޝަރެވެ. އީރާނުގެ އައްސޭރިޔަަށް އެމެރިކާ ސިފައިންގެ ލަޝްކަރެއް ފައިބަން ދިމާކުރާ ވަގުތުން ފެށިގެން މުޅި ގަލްފު ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުން 48 ގަޑި އިރުތެރޭގައި ހޮރުމުޒް ކަނޑުއޮޅި ހުޅުވާނުލައިފިއްޔާ އީރާނުގެ ކަރަންޓު އުފައްދާ އެންމެހައި ތަންތަން ސުންނާފަތި ކޮށްލާނަމޭ ޓްރަމްޕު މިދިޔަ އާދީއްދަދުވަހު އެވެ. ރައްދުގައި އީރާނުން ބުނީ އެގޮތަަށް އަމަލުކޮށްފިނަމަ އިޒްރޭލާއި ގަލްފުގެ އެންމެހައި އަރަބި ގައުމުތަކުގެ އިންޖީނުގެތައްވެސް މުޅިން ފުނޑާލާނެ ކަމުގައެވެ. އެކަންކަން މިމަގުން ހިނގައިފިނަމަ ދެންއެއޮތީ އައިކޮޅަަަަށް އަނބުރާ ނުދެވޭ ހިސާބަށް ގޮސްފައެވެ. މިކަން މޭރުންވެގެން ޓްރަމްޕުގެ ބަސްމަގު ބަދަލުކުރީ ކަމަށް ފެނެއެވެ. އޭނާ ކުރިން ދިން މުހުލަތު ކެންސަލްކޮށްފީމޭ ދެން ބަލާނީ ފަސްދުވަހަަށޭ ބުނީ އެހެންވެއެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް