ލިބިފައިވާ ބިން/ފުލެޓް ސަރުކާރުގެ ބަދަލުގައި އާއިލާއަށް ދެވޭގޮތް ހަދައި އެކަމާ ގުޅޭ އުސޫލު ގެޒެޓުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި އެ އުސޫލަށް ކިޔަނީ "ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

އުސޫލުގައިވާ ގޮތުން ގޯތި ލިބޭ ފަރާތާއި ގޯތި ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އަގަކާ ނުލައި އަދި ބަދަލަކާ ނުލައި، ގޯތި އާއިލާގެ މެންބަރަކަށް ދެވެން ހުންނާނެއެވެ. އުސޫލުގައިވާ ގޮތުން ބިން ދޫކޮށްލެވޭނީ އެ ފަރާތުގެ އުފަން ދަރިއަކަށް ނުވަތަ މަންމަ/ބައްޕަ/ އަނބިމީހާ/ފިރިމީހާ/ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ ތެރެއިން މީހަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، ބިން ދޫކޮށްލެވޭނީ ދައުލަތުން ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގޯތި ލިބޭ ފަރާތުގެ ނަމުގައިވާ ބިމަކީ އެކަކަށްވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއް ކަމަށްވަންޏާ، އުސޫލުގެ ދަށުން ގޯތި ލިބޭނީ އެ ތަނުން އެކަކަށް ނުވަތަ ބައެއް މީހުންނަށް ކަމުގައިވާ ނަމަ، އެ ބިމުން ގޯތި ލިބޭ ފަރާތަށް ލިބިފައިވާ ބައި، މަންމަ/ބައްޕަ/ އަނބިމީހާ/ފިރިމީހާ/ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ ތެރެއިން މީހަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، ބިން ދޫކޮށްލެވޭނީ ދައުލަތުން ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގޯތި ލިބޭ ފަރާތަށް އެ މީހެއްގެ މައިންބަފައިންގެ ފަރާތުންނާއި އުފަންދަރިއެއްގެ ފަރާތުންނާއި އަނބިމީހާ/ ފިރިމީހާގެ ފަރާތުން ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިން، އެ ބިމުގެ މިލްކުވެރި ފަރާތް މަރުވެފައިވުމުން، މަރުވި މީހާގެ ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހަޅައި، އުސޫލުގެ ދަށުން ގޯތި ލިބުނު ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލެވޭނީ އެ މީހެއްގެ އުފަން ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަަތަ އެއްބަނޑު މީހުންގެ ތެރެއިން މީހަކަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މާލޭގެ ހަނި ގޯޅިއެއްގައި ބިން އޮތުމުގެ ސަބަބުންނާއި، ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އެ ބިމެއްގައި އިމާރަތްކުރުމަށް ދަތިވާ ބިންތަކާއި، ލާޖައްސައިގެން މުޅި ބިން ދޫކޮށްލަން އެދޭ ފަރާތްތަކަށް ގޯތި ލިބޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ބިން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން ދޫކޮށްލާ ބިން ލިބޭ ފަރާތަކީ، އެ މީހެއްގެ އަމިއްލަ ނަމުގައި 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތަކުން ފުލެޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އުސޫލުގެ ދަށުން އެ ފަރާތަށް ފުލެޓް ހަވާލުކުރުމާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ލިބިފައިވާ އެއް ކޮޓަރީގެ ފުލެޓް ނުވަތަ ދެ ކޮޓަރީގެ ފުލެޓް ދޫކޮށްލެވޭނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ. އެ ކެޓަގަރީގެ ދަށުން ގޯތި ލިބޭ ފަރާތާ ގޯތި ހަވާލުކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި، އެ މީހަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ލިބިފައިވާ ފުލެޓް ދޫކޮށްވޭނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ދޫކޮށްލާ ފުލެޓް ދޫކޮށްލަންވާނީ، އެ ފުލެޓެއް ހަވާލުކުރެވުނުއިރު ހުރިގޮތަށް އެކަށީގެންވާ ފެންވަރެއްގައި، އާންމު ދިރިއުޅުމުގެ ތެރޭގައި ތަނުގެ ހާލަތަށް އައިސްފައިވާ އެކަށޭނެ ބަދަލުތައް ފިޔަވައި، ތަނަށް ލިބިފައިވާ އެހެނިހެން ގެއްލުންތައް މަރާމާތުކުރުމަށްފަހު ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ދޫކޮށްލާ ފުލެޓް ލިބޭ ފަރާތަކީ، އެ މީހެއްގެ އަމިއްލަ ނަމުގައި 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރު ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގޯއްޗެއް ނުވަތަ ފުލެޓް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ އެއްމަދު އިމާރާތަކުން ފުލެޓެއް ލިބިފައިވާ ފަރާތަކަށް ވެެގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައިވާ ގޮތުން އުސޫލުގެ ދަށުން ދޫކޮށްލާ ބިމާއި ފުލެޓް ދޫކޮށްލުމަށްފަހުވެސް އެ ތަނަކާ ގުޅިގެން އުސޫލުގައިވާ ބަޔާންކޮށްފައިވާ ފަދަ އެއްވެސް ފައިސާއެއް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގަކާ ގުޅިގެން އުފެދޭ އެއްވެސް ކަމަކާ ގުޅިގެން ދައުވާއެއް ކޮށްފި ނަމަ، އެކަމެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެތަނެއް ދޫކޮށްލި ފަރާތުންނެވެ.

އުސޫލުގެ ދަށުން ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ދަށުން ގޯއްޗާއި ފުލެޓް ލިބުނު ފަރާތަށް ލިބުނު ގޯއްޗާއި ފުލެޓް އަނބުރާ ދައުލަތަށް ނެގުމުގެ ފުރިހަމަ އިހުތިޔާރު ހައުސިން މިނިސްޓްރީއަށް ލިބިގެންވެއެވެ.