އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް މިފަހަރު އިސްވެ ހަނގުރާމަ ފެށީ 28 ފެބްރުއަރީވީ ހޮނިހިރު ދުވަހު ހެނދުނުއެވެ. ހަނގުރާމައިގެ އެންމެ ފުރަތަމަ ހަމަލަތައް އަމާޒުވި ތަންތަނުގެ ތެރެއިން އެއްތަނަކީ ހޮރްމޮޒްގާން ޕްރޮވިންސްގެ މިނާބުގައިވާ ޝަޖާރާ ތައްޔިބާ އަންހެންކުދިންގެ ސްކޫލެވެ. ޓޮމަހޯކް ކްރޫޒް މިސައިލުން ދިން މި ހަމަލާގައި އެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 180 ކުއްޖަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލަ ފޮނުވައިލީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރާލްޑް ފޯޑާއެކު ދަތުރުކުރާ ސްޓްރައިކް ގްރޫޕުގައި ހިމެނޭ ކްރޫޒަރަކުންނެވެ. އޭރު މި ގްރޫޕް އޮތީ ރެޑްސީގައެވެ. އޭގެ ދެ ހަފުތާފަހުން 12 މާރޗުގައި މިދެންނެވި މަތިންދާބޯޓު އުފުލާ މަނަވަރުގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ވަނީ ހިނގައިފައެވެ. މަނަވަރުގެ ބޮޑުބައެއްގައި ރޯވި އަލިފާން މުޅިން ނިއްވައިލެވުނީ ތިރީސްގަޑިއިރު ފަހުންނެވެ. ފަޅުވެރިންގެ ތެރެއިން އެތައްބަޔަކު ފިހުނު ފަހުންނެވެ. މަރުވިފަހުންނެވެ.

އެމެރިކާއިން ރަސްމީކޮށް ބުނަނީ އެކްސިޑެންޓަކުން ރޯވި އަލިފާނެއް ކަމުގައެވެ. އީރާނުގެ ހަމަލަޔަކުން ވީކަމެއް ނޫންކަމުގައެވެ. ހަގީގަތް ހާމަކުރަން ބޭނުންނުވަނީ ތޯއްޗެކެވެ. އެކްސިޑެންޓަކުންވިޔަސް އަދި އީރާނުގެ ރައްދު ހަމަލަޔަކުން ކަމަށްވިޔަސް މަނަވަރު ވަނީ ހަލާކުވެފައެވެ. އެ މަނަވަރު މިހާރު ވަނީ ގްރީސްގެ ޑޮކްޔާޑަކަށް ވައްދައިފައެވެ. މަރާމާތުކޮށްގެން ދެން އަލުން ބޭނުން ކުރެވޭނެ ކަމަށް ބުނެވެނީ އެންމެއަވަސް ވެގެންވެސް ދޮޅުއަހަރު ފަހުންނެވެ. ކޮންމެއަކަސް މިއީ އެމެރިކާގެ މަތިންދާބޯޓު އުފުލާ އެގާރަ މަނަވަރުގެ ތެރެއިން އެންމެ ބިޔަ، އެންމެ ޒަމާނީ އަދި އެންމެ ވަރުގަދަ މަނަވަރެވެ. އަދި މުޅި ދުނިޔޭގައިވެސްވާ އެންމެ އަގުބޮޑު މަނަވަރެވެ. އަގަކީ ސާދަ ބިލިޔަން ޑޮލަރެވެ. އީރާނުގެ އަންހެން ކުދިންގެ ސްކޫލަށް ހަމަލަދިން ސްޓްރައިކް ގްރޫޕުގެ ދިދަ އުފުލި މިދެންނެވި އަގުބޮޑު މަނަވަރު މިހާރު އެއޮތީ ހަލާކުވެގެން މަރާމާތަށްޓަކައި ޑޮކަށް ލައިފައެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށް ފިލާވަޅަކަށްވާ ބީދައިންނެވެ.

ހަނގުރާމައިގެ ފުރަތަމަ ރާޅުބާނީގެ ތެރެއިން ދެން ހަމަލަދެވުނު އެއްތަނަކީ އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ގެޔާއި އޮފީސް ހިމެނޭ އިމާރާތެވެ. މިއީ ވެރިރަށް ތެހެރާނުގެ މެދުތެރޭގައި ހުންނަ އިމާރާތެކެވެ. ތެހެރާނުގެ ޖުމްހޫރީ މައިދާނާއި ތެހެރާން ޔުނިވަރސިޓީއާވެސް ނުހަނު ގާތުގައިވާ އިމާރާތެކެވެ. މި ހަމަލަ ދިނުމުގައި އެމެރިކާއިން ބޭނުންކުރީ އެފް-ތާރޓީ ފައިވް ސީ މަރުކާގެ ޖެޓުތަކެވެ. މިއީ އެމެރިކާގެ އެއަރފޯހުގައިވާ އެންމެ ވަރުގަދަ އެންމެ ޒަމާނީ ޖެޓެވެ. މިއިން އެއްޗެއްގެ އަގަކީ ގާތްގަނޑަކަށް ސަތޭކަ ދިހަ މިލިޔަން ޑޮލަރެވެ. މިއީ ދުނިޔޭގައިވާ އެންމެ އަގުބޮޑު އެއް ޖެޓެވެ. މިދެންނެވި އަގުބޮޑު ޒަމާނީ ޖެޓް ބޭނުންކޮށްގެން ދިން ހަމަލާތަކުގައި އަލީ ޚާމަނާއީ ޝަހީދުކޮށްލިތާ ބަރާބަރު ވިހި ދުވަސް ފަހުން ހަމަ މިމަރުކާގެ ޖެޓަކަށް އީރާނުން ހަމަލަދީ ހަލާކުކޮށްލައިފިއެވެ. މިއީ އެފް ތާރޓީ ފައިވްގެ ޖެޓަކަށް ހަނގުރާމައިގެ ތެރޭގައި ހަމަލައެއް އަމާޒުވި ފުރަތަމަ ފަހަރެވެ. ހަލާކުވި ފުރަތަމަ ފަހަރެވެ.

މީގެކުރިން ބުނަމުންއައީ މިއީ ދުނިޔޭގެ އެއްވެސް ބާރަކަށް ހަމަލަ ނުދެވޭނެ ޖެޓެއް ކަމުގައެވެ. އެއީ ދޮގެެއްކަން އީރާނުން ވަނީ 19 މާރޗުގައި ސާބިތުކޮށްދީފައެވެ. މިދެންނެވި ޖެޓު ނުވެއްޓުނެއް ކަމަކު އިމަޖެންސީގައި ކުވޭތުގައިވާ އެމެރިކާގެ ބޭހަކަށް ތިރިކުރެވުނީ ހަމަކިރިޔާއެވެ. އަލުން ދެން ބޭނުން ނުކުރެވޭ ހާލަތުގައެވެ. މިއީވެސް ފިކުރު ހިންގާ ބަޔަކަށް ފިލާވަޅެކެވެ. އެމެރިކާގެ އެންމެ ވަރުގަދަ މަނަވަރާއި އެންމެ ނުރައްކާތެރި ޖެޓު ބޭނުންކޮށްގެން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުގެ ދެ ހާދިސާޔަކާއި އޭގެފަހުން މި މަނަވަރާއި މި ޖެޓަށްވީ ގޮތުގެ ވާހަކަ މިގެނައީ މި ހަނގުރާމައިގައި އެމެރިކާއަށް ލިބެމުންދާ ގެއްލުމާއި އަދާކުރަންޖެހޭ އަގުގެ ބޮޑުކަން ބަޔާންކުރުމުގެ ގޮތުންނެވެ. ހަލާކުވާ މަނަވަރުތަކާއި ޖެޓުތައް ނުހިމަނައި މި ހަނގުރާމަ ކުރިއަށް ގެންދަން އެމެރިކާގެ ބައިތުލްމާލުން ކޮންމެ ދުވަހަކު އެއްބިލިޔަން ޑޮލަރަށްވުރެ މަތީ އަދަދެއް އެބަހޭދަވެއެވެ. އެ އަދަދުތަކަށް ބެލީމާ މިހާތަނަށް އެކާވީސް ބިލިޔަން އެއޮތީ ޚަރަދު ކުރެވިފައެވެ.

މާރޗް އެކާވީސްވީ ހޮނިހިރު ދުވަހަކީ މި ހަނގުރާމައިގެ ތިންވަނަ ހަފުތާ ނިމިގެން ހަތަރުވަނަ ހަފުތާ ފެށުނު ދުވަހެވެ. އެދުވަހުގެ ނިޔަލަށް ހަމަޔަގީނުންވެސް އެމެރިކާގެ ޚަޒާނާއިން މަދުވެގެން އެކާވީސް ބިލިޔަން ޑޮލަރު ދުމަށް އަރައިގެން ހިނގާއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގާނޫނުހަދާ މަޖިލީހުގައި އިތުރު ސަޕްލިމެންޓަރީ ބަޖެޓަކަށްއެދި އާދޭސްކުރަންވެސް ފަށައިފިއެވެ. ހަނގުރާމަ ދަމަހައްޓަންޏާ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުން މަދުވެގެން ފަސް ޓްރިލިއަން ޑޮލަރު ދޭންޖެހޭނެޔޭ، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަންޏާ މިދެންނެވި ގައުމުތަކުން މަދުވެގެން ދެ ޓްރިލިއަން ޑޮލަރު ދޭންވެސް ރައީސް ޓްރަމްޕު ޝަރުތުކުރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެން ފަށައިފިއެވެ. މިއީ ތެދެއްކަމަށް ވަންޏާ ޓްރަމްޕުގެ މިދައުރުގައި އެމެރިކާގެ ސިފައިން މިވަނީ ކުލީސިފައިންގެ ބައިގަނޑަކަށެވެ. މާސެނަރީންނަށެވެ. މި ހަގީގަތްވެސް ކޮންމެވެސް އެއްދުވަހަކުން ދުނިޔެއަށް ސާފުވާނެއެވެ. އެކަން ކަށަވަރެވެ.

ކޮންމެއަކަސް މިހާރުން މިހާރަށް ޔަގީންވާ އެއްޗަކީ ރައީސް ޓްރަމްޕަށް ވިސްނުނު އެއްޗެއް ވިސްނިގެން ހަނގުރާމަ ހުއްޓާލުމަށް އަމާޒު ހިފައިފިކަމެވެ. ދެއިރު އެއްގޮތަކަށް އެއްވާހަކައެއް ނުބުނެވުނަސް ހަނގުރާމަ ހުއްޓާލަން އޭނާ ކެތްމަދުވެފައިހުރިކަން އެންމެނަށްވެސް މޭރުންވާން ފަށައިފިއެވެ. އެކަން އެންމެ ބޮޑަށް ކަށަވަރުވީ އެމެރިކާގެ ރިޔާސީ ކިއްލާ ހުދުގޭގެ ތަރުޖަމާނު ކެރޮލިން ލީވިޓް ހުކުރުދުވަހު ޓުވިޓަރަށް ދޫކުރި މެސެޖަކުންނެވެ. މި ކަނބުލޭގެއަކީ ޓްރަމްޕުގެ ތާޅަފިއްޔެވެ. އޭނާ ބުންޏެވެ. އެންމެ އިހަށްވެސް އެމެރިކާގެ ރޭވުމަކީ ހަތަރު ހަފުތާޔާއި ހަ ހަފުތާޔާ ދޭތެރޭގައި ހަނގުރާމައަށް ނިމުން ގެނައުމެވެ. އެމެރިކާގެ މަގުސަދު ހާސިލް ކުރެވިއްޖެއެވެ. އެހެންވީމާ ދެން ލަސްތަކެއްނުވެ މިކަންވެސް ނިމިދާނެއެވެ. މިކަނބުލޭގެ މިކިޔަނީ ކޮން އެއްޗެއް ބާވައެވެ. ހަމަޔަގީނުންވެސް ހަފުތާ ހަފުތާއެއްގެ ވާހަކަ އެއްވެސް މީހަކު މީގެ ކުރިޔަކުން ނުބުނެއެވެ. މިހާރު ހަތަރު ހަފުތާއޭ ހަ ހަފުތާއޭ އެކިޔަނީ ކުރިމަތިވެފައިވާ ޕްރެޝަރާހެދި ހަނގުރާމައަށް ނިމުން ގެންނަން ތަންހޯދުމުގެ ގޮތުންނެވެ. މަގުސަދު ހާސިލްވެގެނަކުން ނޫނެވެ.