މާލޭގައި މިއަދު ފެށި ސާފްގެ 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާން ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލުން ބޫޓާންގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ، މުބާރާތް ހޯސްޓްކުރާ ރާއްޖޭގެ އިތުރުން ސްރީ ލަންކާއެވެ. އެ ގްރޫޕުގައި ރާއްޖެއާއި ލަންކާ ވާދަކުރަ މެޗު މިރޭ 8:30 ގައި އޮންނާނެއެވެ.

މިއަދު ކުޅުނު މެޗު ރަނގަޅަށް ފެށީ ނޭޕާލުންނެވެ. އެޓީމުން އަވަސް ޕާސްތަކަކާއެކު ބޫޓާނަށް ނުރައްކާ ކުރަމުން ގޮސް، ފަސްވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެ ގޯލް ޖަހައިދިނީ ސުޖަން ޑަންގޯލްއެވެ. އެއީ އޭރިއާ ތެރެއިން ލިބުނު ނުރަސްމީ ޖެހުމެއްގައި އޭނާ ޖެހި ގޯލެކެވެ.

އޭގެފަހުން ބޫޓާނުންވެސް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، އެޓީމަށް އުނދަގޫތަކާ ދިމާވީ 14 ވަނަ މިނެޓުގައި ތިންލޭ ޔެޒާއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ނޭޕާލުން ލީޑު ފުޅާވެސް ކުރިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ނޭޕާލްގެ ދެވަނަ ގޯލް ޖަހައިދިނީ ސުބާޝް ބާމެވެ. އޭނާ ގޯލް ޖެހީ އަރިމަތިން ކުރިއަށް ޖެހި، އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ.

ބޫޓާނުން ގޯލަކަށް ކުރި މަސައްކަތުގައި 83 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ދެންޑަޕް ގެޔެސްޓެންއެވެ.