ހޮރުމުޒް ކަނޑުއޮޅި އީރާނުން އެއޮތީ ބަންދުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެ ވަނީ ތެލަށް ޖެހިފައެވެ. ގޭހަށްވެސް ޖެހިފައެވެ. ތެލާއި ގޭހުގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. ހަގީގަތުގައިވެސް އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރީ ހެއްޔެވެ. މިތުރުންނަށް އޮތީ ހުޅުވިފައެވެ. ހަތުރުންނަށް އޮތީ ބަންދުވެފައެވެ. މިތުރުންނަކީ އީރާނުގެ ރަހުމަތްތެރި ގައުމުތަކާއި މި ހަނގުރާމައިގައި އެމެރިކާޔާއި އިޒްރޭލަށް އެއްވެސް ގޮތަކުން އެހީތެރި ނުވާ ގައުމުތަކެވެ. އަމަލާއި ބަހުންނެވެ. މިތުރުންނަކީ ހޮރުމުޒް ކަނޑުއޮޅިން ބޭރުވާ ތެލަށް ޗައިނާގެ ޔުއާނުން އަގު އަދާކުރާ ގައުމުތަކެވެ. އެއީ އީރާނުގެ ޝަރުތެކެވެ. މިކަންކަމަށް ތަބާވެގެން ތިބި ބަޔަކަަށް ހޮރުމުޒް ކަނޑުއޮޅި އޮތީ ހުޅުވިފައެވެ. ހަތުރުންނަކީ އެމެރިކާޔާއި އިޒްރޭލެވެ. އެ ދެގައުމުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނަށް ވާގިވެރިވާ ގައުމުތަކެވެ. އެމީހުންގެ އުޅަނދުތަކަށް ހޮރުމުޒް ކަނޑުއޮޅި އޮތީ ބަންދުވެފައެވެ. ހުރަސްކުރަން ދިމާކުރާ ކޮންމެ އުޅަނދަކަށް އީރާނުން ހަމަލަދެއެވެ. ނުވަތަ ދޭނެއެވެ.
ހަމަލައެެއް ނުދިނަސް އިންޝޫރެންސް ކުންފުނިތަކުން ގަންނަ ބިރެއްގެ ބޮޑުކަމުން އެ އުޅަނދެއް ކަވަރުކޮށްދޭން އެއްބަހެއް ނުވެއެވެ. އެހެންވީމާ ހުރަސްކުރަން ކެރޭ އުޅަނދެއް ނެތެވެ. އޮޕަރޭޓްކުރަން ހުއްދަދޭ ކުންފުންޏެއްވެސް ނެތެވެ. އެމެރިކާގެ ބިޔަ ވަރުގަދަ އަރުމާދެއް އިންޑިޔާ ކަނޑަށް ޖަމާކޮށްފައި އޮތަސް އެއިން މަނަވަރަކަށް ހޮރުމުޒް ކަނޑުއޮޅިޔާ ގާތްވާން ކެރެނީއެއް ނޫނެވެ. އެމެރިކާގެ މަނަވަރުތައް ހުރީ އީރާނުގެ އައްސޭރިޔާ މަދުވެގެން ހަތްސަތޭކަ ކިލޯމީޓަރު ދުރުގައެވެ. އެއަށްވުރެ ގާތްވާން ކެރެނީއެއް ނޫނެވެ. އެހެންވީމާ އެމެރިކާއަކަށް ގަދަބާރު ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވޭކަަަށެއް ނެތެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ނޭވީކަމަށް ބުނާ އެމެރިކާގެ ނޭވީއަށް އެކަމެއް ނުކުރެވުނެވެ. ނުވެސް ކުރެވޭނެއެވެ. އެކަން ނުކުރެވުނީމާ ދުނިޔޭގެ އެންމެހައި ގައުމުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައިފިއެވެ. ނުވަތަ އިލްތިމާސްކޮށްފިއެވެ. އެންމެތަކުންނޭވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވަން މަނަވަރުތަކާއި ސިފައިން ފޮނުވައިދޭށެވެ.
ޓްރަމްޕުގެ މި އިލްތިމާސަކީ ހަގީގަތުގައި ވަރަށް ބޮޑު ޖޯކެކެވެ. ޓްރަމްޕުގެ ނޭވީއަށް ނުކުރެވުނު ކަމެއް ދެކުނު ކޮރެޔާއިން މަނަވަރެއް، ޑެންމާކުން މަނަވަރެއް، ޖަޕާނުން މަނަވަރެއް ފޮނުވައިގެން ކުރެވިދާނެ ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ. ނޫނެކެވެ. އެހެނަކުން ހީކުރަނީއެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ މަސްއޫލިއްޔަތަކަށް ހަދަން ޓްރަމްޕު ބޭނުންވަނީއެވެ. އީރާނާ ދެކޮޅަށް ބޮޑު ކޯލިޝަނެއް ނެރެން އޭނާ ބޭނުންވަނީއެވެ. މުޅިދުނިޔެއާ އީރާނު ޖައްސަން ބޭނުންވަނީއެވެ. ކޮންމެއަކަސް މިހިސާބުން އުފެދޭ ސުވާލަކީ ހޮރުމުޒް ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އެމެރިކާއިން އުފައްދަން އުޅޭ ކޯލިޝަނުގައި ބައިވެރިވަނީ ނުވަތަ ބައިވެރިވާން އެއްބަސްވަނީ ކޮންކޮން ބައެއް ހެއްޔެވެ. އެ ކޯލިޝަނުގައި ކުލަޖެހޭ މަންޒަރު އެބަފެނޭ ބާވައެވެ. އާނއެކެވެ. އެބަފެނެއެވެ. ވަރަށް ގިނަ ގައުމުތަކުން މަނަވަރުތައް ފޮނުވައިގެން ހޮރުމުޒް ކޯލިޝަނުގައި ބައިވެރިވާނޭ ކަމަށް ބުނެފިއެވެ. އެކަމަކު ޝަރުތުތަކަކާ އެކުގައެވެ. އީރާނާ ދެކޮޅު ހަނގުރާމައިގައި ބައިވެރިވާން އެއްވެސް ގައުމަކުން ބޭނުމެއް ނޫނެވެ.
މީގެ އިތުރަށް އެމެރިކާއަށް ވާގިވެރިވާކަން އަންގަންވެސް ބޭނުމެއް ނޫނެވެ. އެހެންވީމާ ހޮރުމުޒް ކޯލިޝަނުގައި އަމަލީގޮތުން ބައިވެރިވުމަށް އޮތް ޝަރުތަކީ ހަނގުރާމަ ހުއްޓުމެވެ. ހަމަލާތަކަށް ނިމުމެއް އައުމެވެ. އޭރުން ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ރައްކާތެރިކަން ދޭން މަނަވަރުތައް ފޮނުވަން ތައްޔާރެވެ. އިޓަލީއާއި ޖަރުމަންވިލާތް ފަދަ ގައުމުތަކުގެ ބަހަކީ އެއީއެވެ. ޝަރުތުތަކާއެކު މި ކޯލިޝަނުގައި ބައިވެރިވެދާނޭ ކަމަށް ބުނެފައިވާ ގައުމުތަކުގެ އަދަދު ބާވީހެވެ. އެއީ އިނގިރޭސިވިލާތް، ފްރާންސް، ޖާރމަނީ، އިޓަލީ، ހޮލެންޑް، ސުވިޑަން، ޑެންމާރކް، ސްލޮވީނިއާ، ލެޓްވިޔާ، އެސްޓޯނިއާ، ނޯވޭ، ރުމޭނިއާ، ޗެޗިއާ، ފިންލެންޑް، ޖަޕާން، ދެކުނު ކޮރެޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރައިން، ނިއުޒިލެންޑް، އޮސްޓްރޭލިޔާ އަދި ކެނެޑާއެވެ. މި ލިސްޓަށް ބަލައިލީމާ ގިނައިން މިފެންނަނީ އެމެރިކާގެ ބައިވެރިންނެވެ. ނޭޓޯގެ މެންބަރުންނާއި ޕާޓްނަރުންނެވެ. އެމެރިކާއިން ކަމަކަށް ގޮވައިލީމާ އިންކާރުކޮށް ރެކިގަންނަން ފަސޭހަ ނޫން ގައުމުތަކެވެ.
އެކަން އެހެންއޮތަސް މިއެންމެން އެއްއަޑަކުން ބުނަނީ ތިޔައީ ކަލޭމެން ފެށި ކަލޭމެންގެ ހަނގުރާމައެކެވެ. ތިޔަ ހަނގުރާމައިގައި އަހަރެމެން ބައިވެރިއެއް ނުވާނޫއެވެ. ހަނގުރާމަ ހުއްޓުނު އިރަކުން ހޮރުމުޒަށް މަނަވަރު ފޮނުވައިދީފާނަމެވެ. ބައެއް ގައުމުތަކުން ބޭނުންވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރެއްގެ ދަށުން މިކަން ކުރުމަށެވެ. ގްލޯބަލް ސައުތޭ މިކިޔޭ ގައުމުތަކުގެ އެއްބާރުލުމާއި ބައިވެރިވުންވެސް ހިމެނޭގޮތުންނެވެ. ބްރެޒިލް، ދެކުނު އެފްރިކާ، އިންޑިޔާ، ޗައިނާ، އިންޑޮނީޝިއާ ކަހަލަ ގައުމުތައްވެސް ބައިވެރިކޮށްގެންނެވެ. މިކަމަށް ވަކާލާތުކުރާ އެއްގައުމަކީ ފްރާންސެވެ. އެކަމަކު ސަލާމަތީ މަޖިލީހުން އެފަދަ ގަރާރެއް ފާސްކުރާނެ ބާވައެވެ. ކުރެވޭނެ ބާވައެވެ. އީރާނުގެ މިތުރުންގެ ތެރެއިން ޗައިނާއާއި ރަޝިޔާއަކީ ވީޓޯގެ ބާރު ލިބިގެންވާ ގައުމުތަކެވެ. އެގައުމުތަކުގެ ރުހުން ލިބޭނެކަން ކަށަވަރެއް ނޫނެވެ. ކޮންމެއަކަސް އެންމެންގެ ވިސްނުންވެސް ހުރިކަމަށް ފެންނަނީ ވީހާވެސް އަވަސްގޮތަކުން ހަނގުރާމައަށް ނިމުން ގެނައުމަށެވެ.
ޓްރަމްޕުގެ ކޯލިޝަނުގައި ފުރާނަ އެޅެން އޮތްކަމަށް މިހާރު ފެންނަނީ މި ހަނގުރާމަ ހުއްޓިގެންނެވެ. މި ހަގީގަތް ޓްރަމްޕުވެސް މިހާރު ގަބޫލުކޮށްފި ކަމަށް ހީވެއެވެ. ހަމަކަށަވަރުންވެސް އޭނާގެ ބަސްމަގަށް ބަދަލު އަތުވެއްޖެއެވެ. ދެން ލަސްތަކެއްނުވެ ހަނގުރާމައަށް ނިމުމެއް އަތުވެދާނެއޭ ބުނެ ހަނގުރާމަ ނިންމަން އުޅޭކަމުގެ ސިގުނަލް ދޭން ފަށައިފިއެވެ. މިހާރު އެބަބުނެއެވެ. މަގުސަދު ހާސިލްވެއްޖެއެވެ. އީރާނުގެ ބާރެއްވެސް ނެތެވެ. ހިތްވަރެއްވެސް ނެތެވެ. އެހެންވީމާ ދެންއޮތީ މިކަން ނިމުމަކަށް ގެނައުމެވެ. ޓްރަމްޕުގެ ތަރުޖަމާނު ބުންޏެވެ. އެންމެ އިހަށްވެސް ޕްލޭން ކުރެވިފައިއޮތީ ހަތަރު ހަފުތާޔާއި ހަ ހަފުތާޔާ ދޭތެރޭގައި ހަނގުރާމައަށް ނިމުމެއް ގެނައުމަށެވެ. މިހާރު މިއޮތީ މަގުސަދު ހާސިލްވެފައެވެ. އެހެންވީމާ މިކަން ދެން ލަހެއް ނުވާނެއެވެ. މިއީ ދެން އަނގައެއް އޮތީތީ ދައްކާ ވާހަކަތަކެވެ. މަގުސަދު ހާސިލެއް ނުވެއެވެ. ނުވެސް ވާނެއެވެ. އެކަމަކު ދުނިޔޭގެ އިގްތިސާދު އެކޮޅުކޮޅުން ޖެހުނީމާ ދެން ކޮންމެވެސް އެއްޗެކޭ ކިޔާފައި ރެކިގަންނަން ދިމާކުރަނީއެވެ. ކޮންމެ ގޮތަކަށް ނިމުނަސް ދުނިޔެ އެދެނީ ހަނގުރާމަ ނިމުމަށެވެ. އިންތިޒާރު ކުރަނީ އެކަމަށެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ