ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަކަށް މެގަކެޕް އޭވިއޭޝަން ސާވިސަސް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓެވެ. މޯލްޑިވިއަނުން ފާހަގަކޮށްފައިވާ ގޮތުން، މިދިޔަ އަހަރު ޗައިނާއިން 329,110 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ. އެއާއެކު ޗައިނާ ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި، ޖުމުލަ ފަތުރުވެރިންގެ 14.6 އިންސައްތަ ހިއްސާކޮށްފައެވެ.

އޭގެ އިތުރުން މިމަހުގެ މެދަކާ ހަމައަށް އައި އިރު، ޗައިނާއިން 86,464 ފަތުރުވެރިން އައިސްފައިވާ އިރު، މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ 15.6 އިންސައްތައެވެ.

މޯލްޑިވިއަނުން ދަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އޭ330-200 މަރުކާގެ ބޮޑެތި ބޯޓުތައް ބޭނުންކޮށްގެން މާލެއިން ޗައިނާއަށް ހަފުތާއަކު އެއްފަހަރު ދަތުރުތައް ކުރަމުންނެވެ. މެގަކެޕްގެ ތަޖުރިބާއާއެކު، ޗައިނާ މާކެޓުގައި މޯލްޑިވިއަންގެ މަގުބޫލުކަން އިތުރުވެ، ޓުއާ އޮޕަރޭޓަރުންނާ އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށް އެ އެއާލައިނުން އުންމީދުކުރެއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، ޗައިނާއަކީ އަބަދުވެސް އެ ކުންފުނީގެ ބައިނަލްއަގުވާމީ ސްޓްރެޓެޖީގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ. އަދި މެގަކެޕް އާއެކު މަސައްކަތްކޮށް، ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގައި ފަސިންޖަރުންނާއި ކާގޯގެ ހިދުމަތް ދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ މެގަކެޕް އޭވިއޭޝަން ސާވިސްއަކީ 2007 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ 10 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެތެރޭގެ އުދުހުންތަކުގެ ނެޓްވޯކް އޮންނަ މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 26 ބޯޓު އޮވެއެވެ. އޭގެ ތެރޭގައި އޭ330-200 ބޯޓަކާއި، އޭ320 ބޯޓަކާއި، ފަސް އޭޓީއާރު މަރުކާގެ ބޯޓާއި، 8 ޑޭޝް 8 އަދި 11 ޓުވިން އޮޓާ ބޯޓު ހިމެނެއެވެ.