ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ފުރަތަމަ ފަހަރަށް ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓެއް މިއަދު ގެނެސްފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މިއީ ރާއްޖޭގައި އޮޕަރޭޓްކުރާ މި މަރުކާގެ ފުރަތަމަ ބޯޓެވެ. އަދި އަލަށް ތައާރަފުކުރި މި ބާވަތުގެ ބޯޓާއެކު އެ އެއާލައިނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އަށް ފަސިންޖަރުންގެ ޖާގައިގެ މި ބޯޓަކީ ލަގްޒަރީ ފަތުރުވެރިކަމާއި ކޯޕަރޭޓް ދަތުރުތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ދެ އިންޖީނުލީ ޓާބޯޕްރޮޕް ބޯޓެކެވެ. މި ބޯޓުން، ގދ. އަތޮޅުގެ ނިލާ ކޮރަލް އައިލެންޑްއަށް ހާއްސަ ވައިގެ ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި، ފަސިންޖަރުން މަޑުކުރަން ނުޖެހި ސީދާ މަންޒިލަށް ދަތުރުކުރެވޭ ގޮތަށް ހިދުމަތް ދޭ މި ބޯޓު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޗާޓަރު ދަތުރުތަކަށްވެސް ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ކިންގް އެއާ 360 ގެނައުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ރާއްޖޭގައި މި މަރުކާގެ ބޯޓެއް ބޭނުންކުރާ ފުރަތަމަ އެއާލައިންގެ ހައިސިއްޔަތުން، ފަސިންޖަރުންނަށް މަތީ ފެންވަރުގެ ހާއްސަ ވައިގެ ދަތުރުފަތުރުގެ އާ މިންގަނޑެއް ތައާރަފުކުރެވިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގައި ޕްރީމިއަމް ދަތުރުފަތުރުގެ ތަޖުރިބާތައް ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ފަސިންޖަރުންނަށް އިތުރު ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް އިޔާސް ފާހަގަކުރެއްވިއެވެ.

އެތެރޭގެ އުދުހުންތަކާއި ސީޕްލޭންގެ ހިދުމަތުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރާ މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 25 ބޯޓު އޮވެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ330-200 މަރުކާގެ ބޯޓަކާއި، އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި، ފަސް އޭޓީއާރު ބޯޓާއި، ޑޭޝް 8 މަރުކާގެ ހަތް ބޯޓުގެ އިތުރުން 11 ޑީއެޗްސީ-6 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ.