ލަންކާ ސަރުކާރުން ރެކޯޑު މިންވަރަކަށް ތެލުގެ އަގު ބޮޑުކޮށްފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސްރީލަންކާގެ އިގްތިސޯދަށް އެކަމުގެ ސީދާ އަސަރުކޮށް ތެލާއި ގޭސް ލިބުން ދަތިވެފައިވާއިރު އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ގެއްލުން ކުޑަކޮށް ފިޔަވަޅުތައް ވަރުގަދަކުރުމަށް އެގައުމުގައި ވިއްކާ ތެލުގެ އަގު ބޮޑުތަނުން ބޮޑު ކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެެ.

ލަންކާ ސަރުކާރުން ކުރިން އެގައުމުގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 317 ރުޕީސް އަށެވެ. މި އަގު ވަނީ 398 ރުޕީސް އަށް ބޮޑުކޮށްފައެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ ލަންކާގައި ޕެޓްރޯލް ލީޓަރެއް ކުރިން ލިބެނީ 1.02 އަށެވެ. ނަމަވެސް ގެނައި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 1.30 އެމެރިކާ ޑޮލަރަށެވެ.

ޑީސަލްގެ އަގުވެސް ބޮޑުވެފައިވާއިރު ކުރިން 79 ރުޕީސް އަށް ލީޓަރެއް ލިބުނު ޑީސަލް މިހާރު ލަންކާއިން ލިބޭނީ ލީޓަރެއް 382 ރުޕީސް އަށެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ ލަންކާގައި ޑީސަލް ލީޓަރެއް ކުރިން ވިއްކަމުން ދިޔައީ 0.25 އަށެވެ. ނަމަވެސް މިހާރު ވިއްކާނީ 1.23 އެމެރިކާ ޑޮލަރަށެވެ.

ސްރީލަންކާ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު ސަރުކާރަށް ކޮންމެ ޕެޓްރޯލް ލީޓަރަކުން 20 ރުޕީސް އަދި ކޮންމެ ޑީސަލް ލީޓަރަކުން 100 ރުޕީސްގެ ގެއްލުމެއް ވާނެކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ބޮޑު އާބާދީއަށް ބޭނުންވާ ވަރަށް ތެޔޮ ލިބުން ދަތިވެފައިވާއިރު އެ ގައުމުން ވަނީ ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކުމަށް ހާއްސަ ކިއުއާރް ކޯޑް ނިޒާމެއް ވެސް ތައާރަފުކޮށް ބޭނުންކުރަން ފަށައިފައެވެ.