މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހި (ސެގްމެންޓް 2 އިން 5) އަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ މަގުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށް ބަންދުކުރަން މިމަހުގެ 16 ގައި ވަނީ ނިންމައިފައެވެ.
އެކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުުރުފާނު މަގުގެ މަސައްކަތް މި މަހު 21 ގައި ފަށަން ނިންމާފައިވާ ކަމަށާއި އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ ބައިތަކަކަށް ބަހާލައިގެން ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ މިރޭ 12:00 އިން ފެށިގެން، އާންމު ޓްރެފިކަށް އެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭ މަގުތައް ދައްކުވައިދޭ ޗާޓު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
"މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެމެވެ..،" ފުލުހުން ބުންޏެވެ.
އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާ ގޮތް:
- ހެންވޭރު ޓާމިނަލުން ފެށިގެން، މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު.
- މާޗު 21 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު
- މާޗު 30 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ފަސް ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު
- އޭޕްރީލް 17 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން
މާލެ ސިޓީ ކައުންސިލުން ބުނީ މަގު ފުޅާކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އަޅާފައި ނުބޭއްވޭނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.
ފާތިމަތު ލިއުޝާ
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު