މިދިޔަ ހަފުތާވެސް ތެލުގެ އާ ދެ ޝިޕްމަންޓު އެސްޓީއޯ އިން ގެނެސްފައިވާ ކަމަށާއި ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެ މަތީން ދަމަހައްޓަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާގެ ސަބަބުން ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް ތެޔޮ ގެންދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ސައީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށާއި އެގޮތުން މިދިޔަ ހަފުތާވެސް މިހާރު ވަނީ ތެލުގެ އާ ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމަށެވެ.
"މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮ ސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުންނެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެސްޓީއޯއިން ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށެވެ. އެހެންކަމުން އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ވެސް ތެލުގެ އަގު މައްޗަށް ގޮސްފައިވާ އިރު، ބައެއް ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކުން ތެޔޮ ވިއްކާ އަގު ވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު