ޑިއޭގޯ ގާރސިޔާއަކީ އިންޑިޔާ ކަނޑުން ފޯޅަވަހީގެ ރަށްތަކުގެ އެންމެ ފުލުގައި އޮންނަ ރަށެވެ. އެރަށުގައި އެމެރިކާޔާއި އިނގިރޭސިން ގުޅިގެން ހިންގާ ވަރަށް ބިޔަ ވަރުގަދަ އަސްކަރީ ބޭހެއް އޮވެއެވެ. ރަށުގެ މިލްކުވެރިކަން އިނގިރޭސިވިލާތަށެވެ. އަސްކަރީ ބޭސް އޮޕަރޭޓް ކުރުމުގެ އިޚުތިޔާރު އެމެރިކާއަށެވެ. މިބޭސް އޮންނަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑުއަތޮޅުން ފެށިގެން ހަތްސަތޭކަ ތިރީސް ކިލޯމީޓަރު ދުރުގައެވެ. އެއީ ގާތްގަނޑަކަށް ސިލޯނުގެ ކޮޅުނބާއި ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން ފާދިއްޕޮޅުގެ އޮޅުވެލިފުއްޓާ ދެމެދުގެ ދުރުމިނެވެ. އެރި އިރާއެކު އިއްޔެ އެންމެންގެ ސަމާލުކަމަށް އައިސްފައިވަނީ އީރާނުން ޑިއޭގޯ ގާރސިޔާއަށް ދޭން އުޅުނު ހަމަލައަށެވެ. ނުވަތަ ދޭން އުޅުނު ކަމަށް ބުނާ ހަމަލައަށެވެ. ދިވެހިންގެ ކަންބޮޑުވުން އޮތީ ދިވެހިރާއްޖެއާ އެހާ ގާތަށް ހަމަލައެއް އައުމުންނެވެ. ދުނިޔޭގެ ކަންބޮޑުވުން އޮތީ ހަނގުރާމަ އިތުރަށް ފުޅާވެ ނުރައްކާ ވުމުންނެވެ.

ޑިއޭގޯ ގާރސިޔާއަކީ އިނގިރޭސިވިލާތުގެ ތަނެކެވެ. އެތަނަށް ހަމަލަ ދިނުމަކީ އިނގިރޭސިވިލާތަށް ހަމަލަ ދިނުން ކަހަލަ ކަމެކެވެ. އެގޮތުން ހަނގުރާމަ އިތުރަށް ފުޅާވީކަމަށް ބެލެވެނީއެވެ. މިހިސާބުން ދެނެގަތުން ލާޒިމުވަނީ ޑިއޭގޯ ގާރސިޔާއަށް ހަގީގަތުގައިވެސް ހަމަލަދޭން އީރާނުން އުޅުނުތޯއެވެ. އެ ސުވާލު އުފެދޭ ސަބަބަކީ އީރާނުގެ އެންމެ ދެކުނުން ފެށިގެން ޑިއޭގޯ ގާރސިޔާއާ ދެމެދު ގާތްގަނޑަކަށް ހަތަރުހާސް ކިލޯމީޓަރުގެ ދުރުމިން ހުރުމެވެ. އެވަރުގެ ދުރުގައިވާ ތަނަކަށް ފޮނުވައިލެވޭވަރުގެ ދިގު ރާސްތާއެއް ލިބިގެންވާ މިސައިލް އީރާނުގައި ހުރިކަން މިހާތަނަށް ކަށަވަރެއް ނޫނެވެ. އީރާނުން މިހާތަނަށް މައިގަނޑު ގޮތެއްގައި ފޯކަސް ކުރަމުންއައީ އެއްހާސް ކިލޯމީޓަރާއި ދެހާސް ކިލޯމީޓަރާ ދޭތެރޭގެ ރާސްތާގެ މިސައިލް އުފެއްދުމަށެވެ. ކޮންމެވެސް މިންވަރަކަށް ތިންހާސް ކިލޯމީޓަރަށް އުދުހެވޭ މިސައިލް ހުރިކަމަށް ބައެއް ފަރާތްތަކުން އައީ ގަބޫލު ކުރަމުންނެވެ. އެއްވެސް ބައެއްގެ ލަފާކުރުމަކަށް ހަތަރުހާސް ކިލޯމީޓަރުގެ ރާސްތާއެއް ނާރައެވެ.

އެހެންވީމާ ޑިއޭގޯ ގާރސިޔާއަށް ހަމަލަދޭން އުޅުން ހައިރާންކަން އުފެދުމުގެ ސަބަބަކަށްވީއެވެ. ހަމަކަށަވަރުންވެސް ޑިއޭގޯ ގާރސިޔާއަށް ހަމަލަދޭން އުޅޭނީ މަދުވެގެން ހަތަރުހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލް ބޭނުންކޮށްގެންނެވެ. އެހެންނޫނީ އެވަރުގެ ކަމަކާ ނޫޅޭނެއެވެ. ޑިއޭގޯ ގާރސިޔާއަށް ހަމަލަދޭން އުޅުނު ހިސާބުން ކަށަވަރުވަނީ އެބުނާ ރާސްތާޔާއި އެއަށްވުރެ ދުރުރާސްތާގެ މިސައިލްވެސް އީރާނުގައި އެބަހުރިކަމެވެ. ދެންއޮތީ އީރާނުން މި ހަމަލަދޭން އުޅުނުކަން ކަށަވަރު ކުރުމެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ އިއްޔެ އެކަން ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ އީރާނުގެ މެހެރު ނޫސް އެޖެންސީން ބުނެފައިވަނީ ޑިއޭގޯ ގާރސިޔާއަށް ހަމަލާތަކެއް ފޮނުވައިލި ކަމަށާއި މިއީ ހުޅަނގު އޭޝިއާއިން ބޭރުގައިވާ ދުޝްމަނުންގެ އަމާޒުތަކަށްވެސް ހަމަލަ ދެވިދާނެކަން އަންގައި އިންޒާރު ދިނުމުގެ ގޮތުން ފޮނުވައިލި ހަމަލައެއް ކަމުގައެވެ. އެމެރިކާޔާއި އެމެރިކާއަށް ވާގިވެރިވާ ބައިވެރިންގެ ތަންތަނަށްވެސް ރައްކާތެރިކަމެއް ނެތްކަން އަންގައިދިނުމުގެ ސިގުނަލެއް ކަމުގައެވެ.

އީރާނުން އެދިނީ ސިގުނަލެއް ކަމަށްވަންޏާ އެއީ ވަރަށްވެސް ވަރުގަދަ ސިގުނަލެކެވެ. އެހެނީ އީރާނުގައި ދެހާސް ކިލޯމީޓަރަށްވުރެ ދިގު ރާސްތާގެ މިސައިލް ހުރިކަން ރަސްމީކޮށް މިހާތަނަށް އީރާނުން ބުނެފައެއް ނުވެއެވެ. އިއުތިރާފެއް ނުވެއެވެ. ތިމަންނާމެން ޑިއޭގޯ ގާރސިޔާއަށް ހަމަލަދީފީމޭ ބުނެ އިއުލާން ކުރުމަކީ މަދުވެގެން ހަތަރުހާސް ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ މިސައިލް ހުރިކަމަށް އިއުތިރާފު ވުމެކެވެ. މިއީ ކުޑަ އިއުތިރާފެއް ނޫނެވެ. ދެންއޮތީ ޑިއޭގޯ ގާރސިޔާގައި އަސްކަރީ މަރުކަޒު އޮޕަރޭޓްކުރާ އެމެރިކާޔާއި ޑިއޭގޯ ގާރސިޔާގެ މިލްކުވެރިކަން ލިބިގެންވާ އިނިގިރޭސިވިލާތުން ބުނެފައިވަނީ ކީކޭތޯ ބަލައިލުމެވެ. އީރާނުން ދެ މިސައިލް ފޮނުވައިލިކަމަށާއި އެތަނުން އެއްމިސައިލް ވައިގެތެރޭގައި ފަންނީ މައްސަލައެއް ދިމާވެގެން ވެއްޓިފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. އަނެއް މިސައިލް ޑިއޭގޯ ގާރސިޔާއާ ދާދި ކައިރިން މުޑިއަރުވައި ވައިގެތެރޭގައި ގޮއްވާލާފައިވާ ކަމަށްވެސް ބުނެއެވެ.

މިވާހަކައިން ޔަގީންވާ އެއްޗަކީ އީރާނުގެ މިސައިލަށް ހަތަރުހާސް ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ ކަމެވެ. އެހެންނޫނީ އީރާނުން އުދުއްސައިލި މިސައިލެއް ޑިއޭގޯ ގާރސިޔާގެ ގަސްކަރައާ ހަމައަށް ފޯރާނެ ގޮތެއް ނެތެވެ. ރަށުގެ މިލްކުވެރިކަން ލިބިގެންވާ އިނގިރޭސިވިލާތުން ވަނީ އީރާނުގެ މިހަމަލަ ވަގުތުން ކުށްވެރިކޮށްފައެވެ. ބުންޏެވެ. އީރާނުގެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ނުރައްކާތެރި އަމަލެކެވެ. އިނގިރޭސިން މިހެން ބުނިއިރު އެއްކަމެއް ހަނދާނުން ކެހިގެން ގޮސްފައިވާ ކަމަށް ފެނެއެވެ. އީރާނުން ޑިއޭގޯ ގާރސިޔާއަށް މިސައިލް ތަކެއް އަމާޒުކުރީ ހޮރުމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އީރާނުން ހުރަސްއަޅަންޏާ އެ ހުރަހެއް ނައްތައިލުމަށް ޑިއޭގޯ ގާރސިޔާގެ އަސްކަރީ ބޭސް ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އެ ހުއްދަ ދެއްވުމުގެ ކުރިންވެސް އެމެރިކާގެ ބޮންއަޅާ ބޯޓުފަހަރުން ޑިއޭގޯ ގާރސިޔާ ދިޔައީ ބޭނުން ކުރަމުންނެވެ.

އެހެންވީމާ އެއްވެސް ޝައްކެއްނެތި ޑިއޭގޯ ގާރސިޔާއަކީ އީރާނުގެ ސައްހަ އަމާޒެކެވެ. އެއްވެސް ގައުމަކުން އެބައެއްގެ ސަރަހައްދު އީރާނާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ދީގެން އެކަން ކުރަންޏާ އެތަނަކަށް ހަމަލަދޭނެ ކަމަށް އީރާނު އައީ މާކުރީއްސުރެ ބުނަމުންނެވެ. އިންޒާރު ދެމުންނެވެ. ގަލްފުގެ އަރަބި ގައުމުތަކުގައިވާ އަމާޒުތަކަށް ހަމަލަދެނީ އެގޮތުންނެވެ. ގަލްފަށް ހަމަލަދިނަސް އެމެރިކާއިން ކުރިން ހީކުރީ އަދި އިނގިރޭސިންވެސް ހީކުރީ ޑިއޭގޯ ގާރސިޔާ އޮތީ އީރާނުގެ މިސައިލް ފޯރާ ހިސާބުން ބޭރުގައި ކަމަށެވެ. އެތަނަށް ހަމަލައެއް ނުދެވޭނެ ކަމުގައެވެ. މިހާރު މިވީގޮތުން އެ ވިސްނުން އެއޮތީ ބަދަލުކުރަން މަޖުބޫރު ވެފައެވެ. އިނގިރޭސި އަސްކަރީ މަރުކަޒަކަށް މީގެކުރިންވެސް އީރާނުން ވަނީ ޑްރޯން ހަމަލައެއް ފޮނުވައިފައެވެ. އެއީ އީރާނާ ފަނަރަސަތޭކަ ކިލޯމީޓަރު ދުރުން ސައިޕްރަސްގައި އިނގިރޭސިން އޮޕަރޭޓްކުރާ ވައިގެ ބޭހެކެވެ. އެއީ އިއްޔެއާ ހަމައަށް މިހަނގުރާމައިގައި އީރާނުން އެންމެ ދުރަށް ފޮނުވައިލި ހަމަލައެވެ.