އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ގަނެވޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އަދި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުންނަށް އެކަނިކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްގީކުރާ 1,224 އެފޯޑަބަލް ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އިއުލާނުކޮށްފައިވާ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަ މަޝްރޫއެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1,000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން މިދިޔަ މަހުގެ 26 ގައި ވަނީ އިއުލާނުކޮށްފައެވެ. "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އިމާރާތްކުރުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މުއްތަލިބު ވިދާޅުވީ ބީއެމްއެލް އިން ކުރިއަށްގެންދާ އެ މަޝްރޫއަކީވެސް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ މުހިންމު ބައެކެވެ.
"މިއާ އެކު ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ ފަދަ މަޝްރޫއު ފެށުމަށް މިހާރު ވަނީ އިއުލާންކުރެވިފައި. އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް މި ދެންނެވި ތަނުން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ" މުއްތަލިބު ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި އަމިއްލަ ބޯހިޔާވަހިކަން މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުންކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން ތަރައްގީކުރާ ތިން ކޮޓަރީގެ 3,260 ހައުސިން ޔުނިޓަކީ މަހަކު 60,000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާނެ ތަންތަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އަގުހެޔޮކޮށް ފުލެޓް ހޯދުމަށް ބޭނުންވެއެވެ އަޅުގަނޑު އަކީވެސް އަމިއްލަ ބޯހިޔާވަހިކަން ނެތް މީހެކެވެ.3ކޮޓަރި ފުލެޓް ހޯދުމަށް ފޯމު ހުށަހެޅީމެވެ.ފޯމުނަންބަަަރު 00565
އަލީ ސަމީމުހަސަން - 3 މަސް ކުރިން