އެމެރިކާޔާއި އިޒްރޭލުން އީރާނަށް ހަމަލަދީ ހަނގުރާމަ ފެށުމުގެ ހަގީގީ ސަބަބަކީ ކޮބައިބާވައެވެ. އެކަމާމެދު ހުޅަނގުގެ މީޑިއާއިން ބަހުސްކުރާތީއެއް ނުފެނެއެވެ. އަސްލު ސަބަބަކީ މުޅި މެދުއިރުމަތި އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމެވެ. އެކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އީރާނެވެ. އެހެންވީމާ އަސްލު މަގުސަދަކީ އީރާނުގެ ވެރިކަން ބަދަލު ކުރުމެވެ. މިއީ އިޒްރޭލުން ސިއްރުކޮށްފައި އޮންނަ ކަމެއްވެސް ނޫނެވެ. މިއީ އިޒްރޭލުގެ ރަސްމީ ސިޔާސަތެވެ. އެ ސިޔާސަތުގެ އަމާޒެވެ. އެއީ އަބަދުވެސް އިޒްރޭލުގެ ވެރިން ބުނަމުން އަންނަ ވާހަކައެކެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހަނިކުރުމޭ، ނިއުކުލިއަރ ބޮން އުފެއްދުނަ ނުދިނުމޭ އެކިޔަނީ ބަހަނާއެއްގެ ގޮތުގައެވެ. ނިއުކުލިއަރ މަޝްވަރާތަކުގެ ނަމުގައި ދޭތެރެޔަކުން ދައްކާ ވާހަކަތަކަކީވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ލޮލުގައި މަކަރުވެރިކަމުގެ އަނދުނެއް އެޅުވުމެވެ. ރައީސް އޮބާމާގެ ޒަމާނުގައި އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާބެހޭ ގޮތުން ސޮއިކުރެވުނު އެއްބަސްވުން ނުވަތަ މުއާހަދާ އިރައިލީވެސް ރައީސް ޓްރަމްޕެވެ.
އޭގެފަހުން ދެކެވުނު ވާހަކަތަކުގައިވެސް އީރާނުން އަބަދުވެސް ބުނާ އެއްޗަކީ ނިއުކުލިއަރ ބޮން ބޭނުންނުވާ ކަމުގައެވެ. ނިއުކުލިއަރ ބޮން އުފައްދަން ނޫޅޭކަމުގައެވެ. މަޝްވަރާޔަށް އަބަދުވެސް ދޮރުހުޅުވައިގެން ތިބި ކަމުގައެވެ. މައްސަލަޔަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ކަމަށްވަންޏާ އީރާނުގެ ޖަވާބު ފުދެއެވެ. އެކަމަކު ހަގީގީ މައްސަލައަކީ ނިއުކުލިއަރ ޕްރޮގްރާމް ކަމަށްނުވާތީ އެއީ ނަތަންޔާހޫއާއި ޓްރަމްޕަށް ކަމުދާ ޖަވާބަކަށް ނުވެއެވެ. ޓްރަމްޕަށް އެޖަވާބު ކަމުނުދަނީ އޭނާއަކީ އެމެރިކާގެ މަސްލަހަތާއި ދުނިޔޭގެ މަސްލަހަތަށް ވިސްނާ މީހަކަށް ނުވާތީއެވެ. ހަމައެކަނި އިޒްރޭލުގެ މަސްލަހަތަށް ބުރަވާ މީހަކަަށްވާތީއެވެ. އެހެންގޮތަކަށް ދަންނަވަންޏާ އިޒްރޭލަށްޓަކައި އިޒްރޭލު ބުނާގޮތަކަށް މަސައްކަތްކުރާ މީހަކަށްވާތީއެވެ. މިހާރު ފެށިފައިވާ ހަނގުރާމައަކީ އިޒްރޭލުން އެދިގެން އިޒްރޭލުގެ މަސްލަހަތަށްޓަކައި އެމެރިކާއިން ފެށި ހަނގުރާމައެކެވެ. ނަތަންޔާހޫ ބުނެގެންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ މީގެކުރިން އިޒްރޭލުން މިކަމަށް އެދިފައިވޭ ބާވައެވެ.
ޖަވާބަކީ އާނއެކޭއެވެ. ފާއިތުވި ސާޅީސް އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސްކަމުގައި ކޮންމެ މީހަކު ހުއްޓަސް އެމީހެއްގެ ކައިރިން މިކަމަށް އިޒްރޭލުން އައީ އެދެމުންނެވެ. ބުޝްއެއް، ކުލިންޓަނެއް، އޮބާމާއެއް ބައިޑެނެއް ކިޔާނޭ ކަމެއް ނެތެވެ. އެންމެންގެ ކައިރިންވެސް އެދުނެވެ. އެކަމަކު އެއިން ރައީސަކު މިއަޑެއް ނޭހިއެވެ. އީރާނަށް ހަމަލަދޭން އެއްބަހެއް ނުވިއެވެ. އެކަމަށް އެއްބަސްވާ ކަހަލަ މީހަކު ފެނުނީ އަދިކިރިޔާއެވެ. އިޒްރޭލުން ބުނީމާ ބުނިހާ ގޮތަކަށް އަމަލުކުރަން އެއްބަސްވާ ރައީސަކު މިފެނުނީ ކިރިޔާއެވެ. އެމީހަކީ ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގައި ކޮންމެ ރައީސަކު ހުއްޓަސް އެމީހަކީ އިޒްރޭލަށް ތާއީދުކުރާ މީހެކެވެ. އެކަންއޮތީ އެހެންނެވެ. އެކަމަކު އިޒްރޭލުގެ ބޮޑުވަޒީރުން އެދޭހައިކަމެއް ކުރަން މިހާތަނަށް އެމެރިކާގެ އެއްވެސް ރައީސަކު އެއްބަހެއް ނުވެއެވެ. އަމިއްލަ ސިކުނޑިން ނުވިސްނައި އިޒްރޭލުން ބުނީމާ ބުނިހާ ކަމެއްކުރަން ރުހޭ މީހަކަށްވީ ޑޮނަލްޑް ޓްރަމްޕެވެ. ވިސްނުމަކާއި ހިކުމަތަކާއި ސިޔާސަތެެއްނެތް މީހަކަަށްވީވެސް ޓްރަމްޕެވެ.
އިޒްރޭލާ ބައިވެރިވެގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި އެ ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށްފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ކީކޭބާވައެވެ. އޭނާ ބުންޏެވެ. ވަރަށްވެސް ބޮޑަށް އުފާކޮށްފީމެވެ. މިއީ ސާޅީސް އަހަރުވަންދެން ކުރަމުންއައި އިންތިޒާރެެއްގެ ނިމުމެވެ. މިދުވަސް އައުމަށް އެދިގެން މަސައްކަތްކުރާތާ ސާޅީސް އަހަރުވީއެވެ. ނަތަންޔާހޫގެ މި ބުނުމުން އެކަނިވެސް މިއީ އިޒްރޭލުން ތަކުރާރުކޮށް އެމެރިކާގެ ރައީސުންގެ ކައިރީގައި އެދި އާދޭސްކުރަމުންއައި ކަމެއްކަން އެބައެނގެއެވެ. ނަތަންތާހޫގެ ހުވަފެނުގައި ކުލަ ޖައްސައިދޭން ރުހޭ މީހަކު އެންމެފަހުން ފެނުނީމާ އޭނާ އުފާކުރާނެތާއެވެ. ވަރަށްވެސް ބޮޑަށް އުފާކޮށްފީމޭ ބުނީ އެހެންވެގެންނެވެ. ނަތަންޔާހޫ ބުނިބަސް އަހައިގެން އެމެރިކާއިން އެއޮތީ ހަނގުރާމަ ފަށައިފައެވެ. އެކަމަކު ހަނގުރާމައަށް ނިމުން ގެނައުމުގެ ރޭވުމެއް، ސިޔާސަތެއް ޓްރަމްޕުގެ ކިބަޔަކު ނުވެއެވެ. އޮތިއްޔާއޮތް ސިޔާސަތަކީ ހަނގުރާމަ ފެށުމުގެ ސިޔާސަތެވެ.
އޮތީ ހަމަލަދިނުމުގެ ސިޔާސަތެކެވެ. މިކަން ނިންމާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އެކިދުވަހު ޓްރަމްޕު ދައްކަނީ އެކި ވާހަކަތަކެވެ. އޭނާގެ މިނިސްޓަރުންވެސް އެކި ދުވަހު ވާހަކަ ދައްކަނީ އެކިގޮތަށެވެ. ކޮންމެދުވަހަކުވެސް ސިޔާސަތު ދަނީ އެނބުރެމުން ލާހޫރެމުންނެވެ. ޕްލޭނެއްނެތި މިކަން ފަށައިގަނެ ކިތަންމެ ރަނގަޅަކަށްވެސް އެމެރިކާ އެއޮތީ ހަނގުރާމައިގެ ތެރެޔަށް ބޯމަހާލައިގެންނެވެ. އެމެރިކާގެ މުދަލާއި ފައިސާޔާއި މީހުން އެދަނީ ފަނާވަމުން ހަނާވަމުންނެވެ. މިއީ އެމެރިކާއިން އަދާކުރަންޖެހޭ އަގެއްތޯ އެމެރިކާގެ ރައްޔިތުންނަށް ބުނެދިނުމަށް ޓްރަމްޕު ވަނީ ނުކުޅެދިފައެވެ. ދެން ދެއްކީމާ ދެއްކެނީ ހައްތާވެސް މޮޔަ ވާހަކަތަކެވެ. ހަނގުރާމަޔަކީ އެމެރިކާގެ އާދަޔަކަށްވާތީ ފޫހިފިލުވައިލުމެއް ކަމަށްވެސް ބުނަނީއެވެ. މިއީ ކުޅިވަރެކޭވެސް ބުނަނީއެވެ. މިހެންގޮސް ދުނިޔޭގެ ގައުމެއްގެ ވެރިއެއްގެ ދުލުން ބޭރުވާނޭ ކަމަށް ބަޔަކު ދުވަހަކު ހީނުކުރާ ޒާތުގެ ނުރައްކާތެރި ވާހަކަ ވާހަކަވެސް ޓްރަމްޕު އެބަދައްކައެވެ.
ޓްރަމްޕުގެ މި އަމަލުތަކާއި ބަސްމަގުން އެމެރިކާގެ އަގު މުޅި ދުނިޔޭގެ ކުރިމަތީގައި ވެއްޓިއްޖެއެވެ. އެމެރިކާއަކީ އިތުބާރުކުރަން ހެޔޮނުވާނޭ ދައުލަތެއްކަން އެނގި ކަށަވަރުވެެއްޖެއެވެ. ހަތުރުންނާއި މިތުރުންނަށްވެސް އެކައްޗެެއް ވިސްނިއްޖެއެވެ. ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޓްރަމްޕާއި އޭނާގެ ސަރުކާރުކަން ވިސްނިއްޖެއެވެ. ތިޔައީ ކަލޭމެން އަމިއްލަޔަށްފެށި ހަނގުރާމައެކޭ، އަހަރެމެންނާ ބެހުމެއްނެތް ހަނގުރާމައެކޭ ޔޫރަޕުގެ ގައުމުތަކުން އެބުނަނީ ޓްރަމްޕަށް އިތުބާރު ނުކުރާތީއެވެ. އެމެރިކާއަށް އެހީވާން އަންނާށޭ ބުނީމާ ހޯހޯއޭ، ތިޔައީ އަހަރެމެން ވަންނަން ބޭނުންވާ ހަނގުރާމައެއް ނޫނޭ އެބުނަނީ އެހެންވެގެންނެވެ. ކޮންމެއަކަސް މިހަނގުރާމައިގެ ސަބަބުން އެމެރިކާ އެކަހެރިވެއްޖެއެވެ. މުޅި ދުނިޔޭގައި އެމެރިކާއަށް ނަފުރަތުކުރުން އިތުރުވެެއްޖެއެވެ. އެއީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ހުރަހެކެވެ. ލިބޭ ދެރައެކެވެ. އެވަރު އަދި ޓްރަމްޕަކަށް މޭރުމެއް ނުވެއެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް