އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދިން މުއްދަތު މިއަދުގެ މެންދުރުފަހަށް ހަމަވި އިރު، 230 މީހުން ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ފުރުސަތު އީސީން ހުޅުވައިލީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ނަަމަވެސް އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުންނަ ކެމިކަލް ގުދަނެއްގައި މިދިޔަ ބުދަ ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑައިލިއެވެ. އަދި އިންތިހާބާ ބެހޭ މަރުކަޒަށް އަލިފާނުގެ އަސަރުކޮށްފައިވާތީ، ވަގުތީގޮތުން އިންތިހާބީ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ފައިނަލް ލިސްޓުގައި ސޮއިކުރުމަށް މިއަދުގެ މެންދުރު 1:00 ގެ ނިޔަލަށް ވަގުތުދީ ސޮއިކުރުވަން ފެށިއެވެ.
އީސީން ބުނީ އެ މުއްދަތު ހަމަވި އިރު، ލިސްޓުގައި 230 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.
މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން