ފަތުރުވެރިންގެ މަގުބޫލު މަންޒިލްތަކަށް އިރާނުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ.

އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ދިން ކުއްލި ހަމަލާއަށްފެހު މުޅި މެދުއިރުމަތި ހަނގުރާމައެއްގެ ތެރޭގައި އޮންނަތާ ތިން ހަފުތާ ވެފައިވާ އިރު، އިރާނުން އިއްޔެ ވަނީ އެގައުމުން ދޭ ހަމަލާތައް ދޭ މިސްރާބު ބަދަލުކުރުމަށް ނިންމައިފައެވެ.

އިރާނުގެ މިލިޓަރީގެ އިސް ތަރުޖަމާނު އަބޮލްފަޒްލް ޝެކްރަޗީ ވިދާޅުވީ އެގައުމުން ހަމަލާތައް ފުޅާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ދުޝްމަނުންނާ ގުޅުން ހުރި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލްތަކަށާއި ފަތުރުވެރިންނަށް ހާއްސަ ތަންތަނަށް ހަމަލާދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިރާނާ ދެކޮޅު އެއްވެސް ބަޔަކަށް ދުނިޔެ އަމާންތަނަކަށް ނުހަދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

އިރާނުން ދާދިފަހުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާ ބޭސްތައް ހިމެނޭ ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ މިސްރާބު ބަދަލުކޮށް މެދުއިރުމަތީގެ ގައުމުތަކުގެ ތެލާއި ގޭހާ ބެހޭ ކާރުހާނާ ފަދަ ދުނިޔޭގެ އިގުތިސާދަށް އެކަމުގެ ސީދާ އަސަރުކުރާނެ ތަންތަން ބަލައި ހަމަލާތައް ވަރުގަދަކޮށްފައެވެ.