ރޭ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާލެ، މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 21:57 އެހައިކަންހާއިރު ކަމަށެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.
ފުލުހުން ބުނީ އެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
އެ ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ