އީރާނުގެ ވެރިރަށް ތެހެރާނަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބު އަވަހާރަކޮށްލައިފިއެވެ.
ރޭ ދަންވަރު ދިން އެ ހަމަލާގައި އޭނާ އަވަހާރަވިކަން އިސްރާއީލުގެ އަސްކަރިއްޔާއިންނާއި އީރާނުގެ ސަރުކާރުން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ ޚަތީބު އަވަހާރަކޮށްލުން ކުށްވެރިކުރައްވައި، އެއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ، އީރާނުގެ އެއްވެސް ވެރިޔަކަށް ރައްކާތެރިކަމެއް ނެތް ކަމަށާއި ކޮންމެ މީހަކީވެސް އަމާޒެއް ކަމަށެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރުކަމުގެ މަގާމު 2021 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދެވި ޚަތީބަކީ، އީރާނުގެ އެތެރޭގެ ސަލާމަތީ ކަންކަމާއި، ޖާސޫސީ ނެޓްވޯކްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާއެވެ. އޭނާއަކީ އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން، އޭނާއަކީ އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ.
އިސްމާޢީލް ޚަތީބަކީ 2022 އަދި 2023 ވަނަ އަހަރު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ރޫޅާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ މައްޗަށް އެމެރިކާއިން ވަނީ ސައިބާ ހަމަލާތައް ދިނުމުގެ ތުހުމަތުގައި 2022 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އިންޓެލިޖެންސް މިނިސްޓަރުކަމާ ޚަތީބު ހަވާލުވެވަޑައިގެންނެވީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިންޓެލިޖެންސް ގޮފީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހުއެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚަތީބާއި އެހެނިހެން އިސް އޮފިޝަލުން އަވަހާރަކޮށްލުމަކީ ހިތްދަތިކުރުވަނިވި ކަމެއް ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިސް ވެރިން އަވަހާރަކޮށްލި ނަމަވެސް އީރާނުގެ ސަރުކާރުގެ ނިޒާމު ބަލިކަށިނުވާނެ ކަމަށާއި، އީރާނަކީ ވަރުގަދަ ސިޔާސީ އަދި އިގުތިސާދީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގައުމެއް ކަމަށެވެ.
ޚަތީބު އަވަހާރަކޮށްލާފައި މިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ އިތުރު ދެ އިސް އޮފިޝަލަކު އަވަހާރަކޮށްލާފައި ވަނިކޮށެވެ. އޭގެ ތެރޭގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ އާއި ބާސިޖް ފޯސްގެ ކޮމާންޑަރު ޣުލާމްރެޒާ ސުލައިމާނީ ހިމެނެއެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަކޮށްލައިފައެވެ. އޭގެ އިތުރުން އީރާނުގެ ދިފާއީ ވަޒީރު އަޒީޒް ނާސިރުޒާދޭ ވެސް ވަނީ އަވަހާރަކޮށްލައިފައެވެ.
އިރާން
އިރާން
އިރާން
އިރާން