އެލްޖީ އިލެކްޓްރޯނިކްސްއާއި ޝްނައިޑާ އިލެކްޓްރިކާ ގުޅިގެން އެޕަލް ކުންފުނިން އުފައްދާފައިވާ ސްމާޓް ހޯމް ޑިވައިސްތަކުގެ އާ ލައިންއަޕް، "އެޕަލް ހޯމް ކަލެކްޝަން" ރޭ ދައްކާލައިފިއެވެ.
މި ކަލެކްޝަންގައި ހިމެނެނީ އެތެރެއާއި ބޭރުގައި ހަރުކުރާ ސެކިއުރިޓީ ކެމެރާ، ވީޑިއޯ ޑޯބެލް، ސްމާޓް ތާމޮސްޓެޓް އަދި ސްމާޓް ތަޅެކެވެ. އެޕަލްއިން ބުނި ގޮތުގައި މި ހުރިހާ ޑިވައިސަކީވެސް އެޕަލް ހޯމް އެޕް މެދުވެރިކޮށް ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ، އަދި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ހިމެނޭ ޑިވައިސްތަކެކެވެ. މީގެ ސަބަބުން އިތުރު އެޕްލިކޭޝަނެއް ނުވަތަ އެކައުންޓެއް ހަދާކަށް ނުޖެހޭނެއެވެ.
މި ލައިންއަޕްގައި ހިމެނޭ 249.95 ޑޮލަރުގެ އެލްޖީ ވީޑިއޯ ޑޯބެލްގައި ދެ ކެމެރާ ހުރެއެވެ. އެއީ 2.5K ރެޒޮލިއުޝަންގެ ކުރިމަތީ ކެމެރާއަކާއި، ޕެކޭޖުތައް ބެލުމަށް ހާއްސަ ފުލް އެޗްޑީ ތިރީ ކެމެރާއެކެވެ.
މީގެ އިތުރުން ގޭތެރޭގައި ބަހައްޓާ 199.95 ޑޮލަރުގެ އެލްޖީ އިންޑޯ ކެމެރާ ފަރުމާކޮށްފައިވަނީ ގޭގައި މީހުން އުޅޭ ވަގުތުތަކުގައި ޕްރައިވެސީ ހިމާޔަތްކުރުމަށްޓަކައި ކެމެރާގެ މޫނުމަތި ތިރިއަށް ލެނބޭ ގޮތަށެވެ. އެލްޖީއާއި ޝްނައިޑާއިން އުފައްދާފައިވާ ސްމާޓް ތާމޮސްޓެޓްތަކުން ގޭގެ ފިނިހޫނުމިން އޮޓަމެޓިކުން ކޮންޓްރޯލްކޮށްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ ވައިސް ޕްރެޒިޑެންޓް މެތިއު ކޮސްޓެލޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑަސްޓްރީގެ ކުރީސަފުގައި ހިމެނޭ ކުންފުނިތަކާ ގުޅިގެން މި ޑިވައިސްތައް ފަރުމާކޮށްފައިވަނީ އެޕަލް ހޯމްއާ އެކު ފަސޭހައިން މަސައްކަތްކުރާނެ ގޮތަށް ކަމަށެވެ.
މި ޑިވައިސްތައް އެޕަލްގެ އާ ސްމާޓް ޑިސްޕްލޭ ކަމަށްވާ "ހޯމްވިއު" އާއި، ހޯމްޕޮޑް އަދި އެޕަލް ޓީވީއާ ގުޅުވާލެވޭނެ ކަމަށާއި ސިރީ މެދުވެރިކޮށް އަޑުން ކޮންޓްރޯލް ކުރެވޭނެ ކަމަށްވެސް ޓެކް ހަބަރުތައް ބުނެއެވެ.
މި ޑިވައިސްތައް އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގެ ބާޒާރަށް މިއަހަރުގެ ޑިސެންބަރު މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޑިވައިސްތައް 2027 ވަނަ އަހަރުގެ ކުރީކޮޅު ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް