ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ހަމަލާދޭން އުޅުމުން ފުލުހުން ހިމާޔަތްދީފިއެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މޭޔަރަަށް ހިމާޔަތްދިނުމުގެ ގޮތުން، ފުލުހުންގެ ހިމާޔަތުގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވާ ކަމަށެވެ.

މައުލޫމާތު ޔަގީންކުރެވޭ މިންވަރުން، އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.

ކުޅުދުއްފުށިން "ވަން"އަށް މައުލޫމާތުދިން މީހަކު ބުނީ، އެ ހަމަނުޖެހުން ހިނގާފައިވަނީ އިތުރު މީހަކާއެކު މޭޔަރު އާތިފް ކާރުގައި އިންނަވަނިކޮށް ކަމަށާއި އެ ހަމަނުޖެހުން ހިނގާފައިވަނީ ސިޔާސީ ދެ ފިކުރެއްގެ މީހުންގެ ދެމެދުގައި ކަމަށެވެ. ނަމަވެސް މޭޔަރަށް އެއްވެސް ހަމަލާއެއް ދެވިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އާތިފަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅެކެވެ.