ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް، ބައެއް ޓެކްސީތަކުން ނަގަން ފަށައިފިއެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގޮބޮޑުވުމުގެ ސަބަބުން ރާއްޖޭގައިވެސް ތެލުގެ އަގުވަނީ މައްޗަށް ގޮސްފައެވެ.

އެއާކު މާލެއިން، ހުޅުމާލެއަށް، ހުޅުމާލެެއިން މާލެއަށް، އަދި އެއާޕޯޓުން މާލެއަށާއި، މާލެއިން އެއާޕޯޓަށް، ދަތުރުކުރާ ބައެއް ޓެކްސީތަކުން ވަނީ އަގުބޮޑުކޮށްފައެވެ.

އެއާޕޯޓުން މިއަދު މާލެ އައި މީހަކު "ވަން"އަށް ބުނީ އޭނާ، މާލެ އައިސްފައިވަނީ ޓެކްސީއަށް 85 ރުފިޔާ ދީގެން ކަމަށެވެ.

"ޓެކްސީ ޑްރައިވަރު ބުނީ މިހާރު ތެލުގެ އަގުބޮޑުވުމުން، ދަތުރުކޮށްދޭ އަގުބޮޑުކުރީ ކަމަށް" އޭނާ ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތައް:

  • މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް، 30 ރުފިޔާ
  • މާލެ-ހުޅުމާލެ އެކަކަށް، 85 ރުފިޔާ
  • މާލެ-ހުޅުމާލެ 2 އަށް 100 ރުފިޔާ
  • މާލެ-ހުޅުލެއަށް 70 ރުފިޔާ
  • ހުޅުމާލެ 1 އިން ހުޅުލެއަށް 80 ރުފިޔާ
  • ހުޅުމާލެ 2 އިން ހުޅުލެއަށް 85 ރުފިޔާ
  • ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 40 ރުފިޔާ

ނަމަވެސް އެ އަގުތަކާ އެއްގޮތަށް ދަތުރުތައް ކޮށްދިނުމުގެ ބަދަލުގައި ބައެއް ޓެކްސީތަކުން އެއަށްވުރެ ބޮޑު އަގެއް ނަގަމުންދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން މާލެއިން ހުޅުމާލެއަށް 95 ރުފިޔާ އަދި އެއާޕޯޓުން މާލެއަށް 85 ރުފިޔާ ނަގަމުންދާކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ބައެއް ޓެކްސީތަކުން ދަތުރުތަކުގެ އަގޮބޮޑުކުރިއިރު އާންމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ މީހުންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ވަނީ ބުނެފައެވެ.