އީރާނާ ދެކޮޅަށް އެމެރިކާޔާއި އިޒްރޭލުން ހަގުރާމަ ފެށީ ގިނަވެގެން ތިންދުވަހުގެ ތެރޭގައި އީރާން ކުޑަކަކޫ މައްޗަށް ތިރިކޮށްލެވޭނެ ކަމުގެ އުންމީދުގައެވެ. ހަގުރާމައިގެ ފުރަތަމަ ހަމަލާގައި އީރާނުގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލީވެސް އީރާނު ބަލިކުރުމުގެ ތަޅުދަނޑިއަކީ އެއީކަމަށް ބަލައިގެންނެވެ. ހަގުރާމައަށް ތިންދުވަސް ފާއިތުވެއްޖެއެވެ. މިއީ ތިންވަނަ ހަފުތާއެވެ. އީރާނު ބައްޔެއް ނުވެއެވެ. ބަލިވާތަނެއް ނުފެނެއެވެ. ފެންނަނީ ދިގުދެމިގެންދާ ހަގުރާމައެކެވެ. އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ފެންނަމުންދަނީ ގޮތްހުސްވެ މާޔޫސް ވަމުންދާކަމުގެ މަންޒަރުތަކެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ. އެއްގޮތަކީ މަޖުބޫރުވެގެން އެމެރިކާއިން ހަމަލާތައް ހުއްޓައިލުމެވެ. އެހެން ހުއްޓައިލިޔަސް ޓްރަމްޕު އޭނާގެ ހުވަފެނީ ވިސްނުމުގައި ހުރެގެން ބުނެ އިއުލާން ކުރާނެއެވެ. ކަލޭނޭވެ. މިބިންމަތީގައި އިންސާނުން ދިރިއުޅެން ފެށިފަހުން ހަގުރާމައެއްގައި ބަޔަކަަށް މިހާތަނަށް ނުލިބޭހައި ބޮޑު ކާމިޔާބީއެއް އެމެރިކާއިން މިފަހަރު ހޯދައިފީމެވެ.
މިހެން ބުނެފައި ދެން އިއުލާން ކުރާނެއެވެ. ދެން މިވަގުތަކަށް މިކަން ނިމުނީއެވެ. އެއީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި ސަޕޯޓަރުންގެ ހިތްހަމަޖެހުމަކަށް އަމިއްލަ ނަފުސަށްވެސް ހަދާނޭ ދޮގެކެވެ. އަނެއްގޮތަކީ ހަމަލަތަކަށް ނިމުމެއް ނައިސް ހަގުރާމަ ދިގުދެމިގެން ދިއުމެވެ. އެގޮތަށް ދެމިގެންދާ ދިޔުމަކީ އެމެރިކާއަށް ވަރަށް ގެއްލުން ބޮޑު ގޮތެކެވެ. ވޭންހުރި ގޮތެކެވެ. ކޮންމެ ގޮތެއްވިޔަސް އެމެރިކާއަކަަށް ފަސޭހަ އަވަސް މޮޅެއް ލިބޭކަށް ނެތެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަަށް ރިއާޔަތް ކުރީމާ ގަބޫލު ކުރެވެނީ ހަގުރާމަ އޮތީ ކުރިއަށްކަމެވެ. އަވަސް ނިމުމެއް ނެތްކަމެވެ. އެމެރިކާގެ މިޑްޓާރމް އިލެކްޝަން މިއަހަރުގެ ނޮވެމްބަރުމަހު ބާއްވާއިރު އެހިސާބަށްވެސް ހަގުރާމަ ދިގުލައިގެން ހިގައިދާނެކަމަށް ފެނެއެވެ. ހަމަޔަގީނުންވެސް އީރާން އޮތީ އެހިސާބަށްވެސް ހަގުރާމަ ކުރަން ތައްޔާރުވެގެންނެވެ. ދިގު ހަގުރާމައަކަށް ކަމަރު ބަނދެގެންނެވެ. އީރާނުގެ ލީޑަރުން އެބަވިދާޅުވެއެވެ. އަހަރަކަށް ކީއްކުރަން ދެތިން އަހަރަށްވެސް ހަގުރާމަ ދަމަހައްޓަން ތައްޔާރެވެ.
މިކަމަށް ބޭނުންވާ މިސައިލާއި ރޮކެޓާއި ޑްރޯން އީރާނުގައި ގިނައަދަދަކަށް އެބަހުއްޓެވެ. އެމެރިކާޔާއި އިޒްރޭލުން ހީކުރާވަރަށްވުރެ މާގިނައިންވެސް އީރާނުގައި ހަތިޔާރު އެބަހުއްޓެވެ. މާކުރީއްސުރެ މިފަދަ ހާލަތަކަށް އީރާނު އޮތީ ތައްޔާރުވެގެންނެވެ. އީރާނުގެ ވެރިން އެވިދާޅުވަނީ ތެދު ވާހަކަފުޅެކެވެ. އީރާނުން އައީ ފާއިތުވި 47 އަހަރުގެ ތެރޭގައި މިދުވަހަށް ތައްޔާރުވަމުންނެވެ. މިސައިލާއި ޑްރޯން އުފައްދާ ފެކްޓަރީތައް ހުރީ ބިމުގެ އަޑީގައެވެ. އެތަކެތި ރައްކާކުރާ ގުދަންތައްވެސް ހުރީ ބިމުގެ އަޑީގައެވެ. އެއީ ސަހަރުތަކެއްފަދަ ބިޔަ ތަންތަނެވެ. އެމެރިކާޔާއި އިޒްރޭލުން ކިތަންމެ ވަރަކަށް ބޮންއެޅިޔަސް އެއިން ތަނަކަށް ގެއްލުމެއް ނުވެއެވެ. ލޮޅުމެއް ނާރައެވެ. އެޒާތުގެ ގެއްލުމެއް ލިބޭވަރަށްވުރެ އީރާނުގެ ފެކްޓަރީތައް ހުރީ ފުނުގައެވެ. މިއިން ތަނެއް ހަލާކު ނުކުރެވޭކަމާއި ނުވެސް ކުރެވޭނޭކަން މޭރުން ވުމުން ޓްރަމްޕުގެ ރުޅި އިހުނަށްވުރެ މާ މައްޗަށް ހިގާއްޖެއެވެ. މިހާރު އެކުރާކަމަކާއި ބުނާ އެއްޗެއް އެބުނަނީ މަގުސަދު ހާސިލް ނުވެގެން އައި ރުޅީގެ ބޮޑުކަމުންނެވެ.
މިދެންނެވި ހިސާބަށް ޓްރަމްޕުގެ ރުޅިވެރިކަން އުފުލުނީމާ ދެން މިފެންނަނީ އީރާނުގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާއްމުން ދިރިއުޅޭ ރެޒިޑެންޝަލް ޓަވަރުތަކަށްވެސް ހަމަލަދޭ މަންޒަރެވެ. ތެލުގެ މަރުކަޒުތަކާއި މަދަނީ ސިނާއަތުގެ މަރުކަޒުތަކަށްވެސް ހަމަލަދޭ މަންޒަރެވެ. ގޮތްހުސްވެފައިވާ މޮޔައަކު ކަންކަން ކުރާނޭ ބީދައިންނެވެ. އީރާނުގެ އަސްކަރީ ކެރިކުޅަދާނަކަން ނައްތައިނުލެވުނީމާ މިހާރު ދިމާކޮށްގެން އުޅެނީ އީރާނުގެ އާއްމު ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު މަރައި އީރާނުގެ އާއްމުންގެ ކިބައިންވެސް ބަދަލު ހިފުމަށެވެ. ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެމެރިކާޔާއި އެމެރިކާގެ މިތުރުންނަށް ތެޔޮ ލިބުން ހުއްޓުނީމާ މިހާރުގެ ވިސްނުމަކީ އެމެރިކާގެ ބައިވެރިންނަށް ނުލިބޭ ތެލެެއް އެހެން ބަޔަކަށްވެސް ލިބުނަ ނުދިނުމެވެ. ގަލްފުގައި އޮންނަ އީރާނުގެ ޖަޒީރާއެއް ކަމަށްވާ ޚަރުގަށް ހަމަލަދިނީ އެހެންވެގެންނެވެ. ޚަރުގު ޖަޒީރާއަކީ އީރާނުގެ ތެލުގެ ކާރުޚާނާގެ އެންމެ މުހިންމު އެންމެ ބޮޑު މަރުކަޒެވެ.
އެވަރަކުން އަދި ނުނިމެއެވެ. އެމެރިކާގެ އުދުވާނާ ދެކޮޅު ހެދުމަށް އީރާނުގެ ވެރިރަށް ތެހެރާނުގެ މައިދާންތަކަށް އެއްވާ އާއްމުންގެ ބޮލަށްވެސް ބޮން އެބައަޅައެވެ. އެގޮތަށް އަޅާފައި އެބަބުނެއެވެ. ހައްތާވެސް ދުޝްމަނުންނެވެ. ދުޝްމަނުންނަށް އެއްވެސް އޯގާތެރިކަމެއް ހަމްދަރުދީއެއް ނެތެވެ. އެންމެފަހުން ނުހުރެވިގެން ފަހުއެތިވެސް ބުނެފިއެވެ. ނިއުކުލިއަރ ހަތިޔާރުން ހަމަލަދީ މުޅި އީރާނު ސުންނާފަތިކޮށް ދެންދުވަހަކުވެސް އިންސާނުންނަށް ނޫޅެވޭވަރު ކޮށްލާނަމޭވެސް ބުނެފިއެވެ. މިހިރީ ހަގުރާމައެއް ކާމިޔާބުކުރެވޭހާ ފެންވަރުހުރި ބާރުގަދަ ގައުމެއްގެ ވެރިޔަކު ދައްކާ ކަހަލަ ވާހަކަތަކެއް ނޫނެވެ. މިއީ ގޮތްހުސްވެ މާޔޫސްވެފައިވާ މީހަކު ނޫނީ ނުދައްކާ ކަހަލަ މުޑުދާރު ވާހަކަ ވާހަކައެވެ. ޓްރަމްޕު ނުބުންޏަސް އެމެރިކާގައި ނިއުކުލިއަރ ހަތިޔާރު ހުރިކަން ދުނިޔެއަށް އެނގެއެވެ. މިދަނޑިވަޅުގައި ނިއުކުލިއަރޭ، ކެމިކަލޭ ކިޔަންފެށީ މިހަގުރާމައިން އެމެރިކާ މޮޅުނުވާނެކަން ކަށަވަރުވީމައެވެ. ގޮތްހުސްވެ ބޭޒާރުވީމައެވެ.
އީރާނުގެ ރައްދު ހަމަލާތަކުން އެމެރިކާގެ ސިފައިންނާއި މުޅި އިޒްރޭލަށް ލިބެމުންދާ ގެއްލުންތަކުގެ މިންވަރު ދުނިޔެއަށް ސިއްރު ކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއެވެ. ހުޅަގުގެ ނޫސްތަކުން ރިޕޯޓް ކުރަނީ އީރާނަށް ލިބެމުންދާ ގެއްލުންތަކާއި އީރާނުގެ ދެރަވަރުކަން ދެއްކުމުގެ ވާހަކަތަކެވެ. އެހެންވީމާ މި ހަގުރާމައިގެ ހަގީގީ މަންޒަރު ދުނިޔޭގެ ވަރަށް ގިނަބަޔަކަށް ނުފެނެއެވެ. އެމެރިކާ ފޭލްވެއްޖެކަމުގެ އަނެއް ހެއްކަކީ ހޮރުމުޒް ކަނޑުއޮޅި ހުޅުވަން ވިލާތުގެ އިއްތިހާދާއި ޗައިނާޔާއި ޖަޕާނާއި ދެކުނު ކޮރެޔާއާއި ރަޝިޔާއާއި އިންޑިޔާއިންވެސް މަނަވަރުތައް ފޮނުވައިދޭށޭ ބުނެ ޓްރަމްޕު އާދޭސްކުރަން ފެށުމެވެ. އެމެރިކާގެ މުޅިނޭވީގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ މަނަވަރުތަކާއި ސަބްމެރީންތައް އީރާނުގެ އައްސޭރިއަށް ޖަމާކޮށްގެން ނުކުރެވުނު ކަމެއް އެހެން ބަޔަކު ލައްވައި ކުރުވުމަށް ދިމާކުރުމުންނެވެ. ދެންއޮތީ އެއްގަމުން އީރާނަށް އަރައިގަތުމުގެ ވިސްނުމުގެ ވާހަކައެވެ. އެއީ އެމެރިކާއަށް ދުވަހަކުވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ