ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރުު 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން، (38އ) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ އިތުރުން ގދ. ވާދޫ / ފުރުސަތު، ލޫތު އިބްރާހީމް (29އ) އަދި ގއ. ދާންދޫ / ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (21އ) ވެސް ހައްޔަރުކުރިއެވެ.

އެ ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލޫތު އިބްރާހީމް އާއި އަހުމަދު ރިޝްމާހް ހައްޔަރުކުރީ މާލެއިންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން ރަންޖިނި ޖީވަނަންތަން އާއި ލޫތު 15 ދުވަަހަށް އަދި ރިޝްމާހް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް އިއްޔެ ކޯޓަށް ހުށަހެޅީ ރަންޖިނިގެ މުއްދަތު އިތުރު ކުރުމަށެވެ. އެހެންކަމުން އިއްޔެއިން ފެށިގެން އިތުރު 20 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.