މަސްޖިދުއްޒިކުރާ މިހާރު ހުންނަ ބިމުގައި އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިރޭ އަޅައިފިއެވެ.

ޒިކުރާ މިސްކިތުގެ ބޭރުގައި މިރޭ ބޭއްްވި ރަސްމިއްޔާތެއްގައި އާ މިސްކިތުގެ ބިންގާ އަޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޝަހީމް، މިމަހުގެ ހަވަނަ ދުވަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރޯދަ މަސް ނިމުމާއެކު މިހާރު އެ ބިމުގައި ހުރި ވަގުތީ މިސްކިތް ތަޅާލައި، އާ މިސްކިތުގެ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އަލަށް ހަދާ މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. އެ މިސްކިތުގައި ލިފްޓުވެސް ހަރުކުރުމަށްވަނީ ނިންމައިފައެވެ. މިއީ 1،500 މީހުން ޖާގައިގެ މިސްކިތެކެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ހިލޭ އެހީގައި ތިން ބުރީގެ މިސްކިތެއް އެޅުމަށް މީގެ ދެ އަހަރު ކުރިން އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާތީ، މިހާރު އެ ބިމުގައި ބޭނުންކުރަމުންދަނީ 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެކެވެ.