2023ގައި މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހާ ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރޯޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 17/2010) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ.
އެ މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. މި މަރާމާރީގައި ދައުވާ ލިބޭ ފަރާތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށައިފައެވެ. އެގޮތުން، ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުލުހުން ފުރިހަމަކޮށްފައިވެއެވެ.
މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލައިފައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި، ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުން ހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވެއެވެ.
އެ މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މިމަހުގެ ދިހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމުގައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުހައްމަދު ޝަފީޤްގެ މައްޗަށް ސާބިތުވާކަމަށެވެ.
އެހެންކަމުން، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ޝަފީޤު ހަތް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ ހަތަރު އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.
މުހައްމަދު ޝަފީޤު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގި ތަނުގައި ނުހުންނާނެކަމަށް ބުނެފައިވެއެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެއެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާއަށް ވަނީ އިއުތިރާފުވެއެވެ.
އެ މައްސަލައަކީ އަނިޔާވެރި ކުށްތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި ކާމިޔާބު މަސައްކަތެއް ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް