ހަނގުރާމަ ހުއްޓައިލުމާ ބެހޭގޮތުން އެމެރިކާޔާއި އިޒްރޭލުން ބުނަނީ ކީކޭބާވައެވެ. އެ ދެގައުމުގެ އެކި އޮފިޝަލުން ދައްކަމުން ގެންދާ ވާހަކަތައް އެކަކު އަނެކަކާ ވަރަށް ތަފާތެވެ. ރައީސް ޓްރަމްޕު މިދިޔަ ބުދަދުވަހު ބުނެފައިވަނީ ހަނގުރާމަޔަށް ދެން ވަރަށް އަވަސް ނިމުމެއް އަތުވެދާނޭ ކަމުގައެވެ. ހަމަލަދޭންޖެހޭ ތަނެއް މިހާރު ނެތްކަމުގައެވެ. ހުރިއްޔާ ހުރި ތަނެއް ހަލާކުކޮށް ނައްތައިލެވިއްޖެ ކަމުގަައެވެ. ހަނގުރާމަޔަށް ނިމުމެއް ގެންނަން އޭނާ ގަސްތުކުރާ ވަގުތުން ފެށިގެން ހަނގުރާމަ އޮންނާނީ ނިމިފައި ކަމަށާއި އެމެރިކާއިން ހާސިލްކުރަން ބޭނުންވި ނަތީޖާ މިހާރުވެސް ހާސިލްކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. ޓްރަމްޕު ދެއްކި ވާހަކަތަކާއި އިޒްރޭލުގެ ދިފާއީވަޒީރު އިސްރާއީލް ކާޒް އެންމެފަހުން ދެއްކި ވާހަކަތައް ދިމަލެއް ނުވެއެވެ. ކާޒް ބުންޏެވެ. ހަނގުރާމަ ހުއްޓައިލުމުގެ ވަކި ތާވަލެއް ނެތެވެ. އީރާނު ބަލިކުރެވެންދެން ނުވަތަ އިޒްރޭލުން ބޭނުންވާ އެންމެހައި ކަންކަން ހާސިލު ކުރެވެންދެން ހަނގުރާމަ ދާނީ ކުރިއަށެވެ.

ޓްރަމްޕު އެބުނަނީ ދޮގު ވާހަކައެކެވެ. އެމެރިކާގެ މަގުސަދު ހާސިލެއް ނުވެއެވެ. ނުވެސް ވާނެއެވެ. އީރާނުގެ އަސްކަރީ ކެރިކުޅަދާނަކަން ނައްތައެއް ނުލެވެއެވެ. އެމެރިކާޔާއި އިޒްރޭލުގެ ސިފައިންނާއި ތަންތަނަށް އަމާޒުކޮށް އީރާނުން ފޮނުވާ ހަމަލާތަކަށް ނިމުމެއްވެސް ނާދެއެވެ. އިޒްރޭލުގެ ގިނަ ސަހަރުތައް ވަނީ ސުންނާފަތި ވެފައެވެ. ހަގީގަތަކީ މިއީ ކަމަށްވާއިރު މަގުސަދު ހާސިލް ކުރެވިއްޖެޔޭ، ދެން ލަސްތަކެއް ނުވެ ހަނގުރާމަޔަށް ނިމުން އަތުވެދާނެޔޭ ޓްރަމްޕު އެބުނަނީ ކީއްވެގެން ބާވައެވެ. ހަނގުރާމަޔަށް ނިމުން ގެންނަން އެތެރެޔާއި ބޭރުން ޓްރަމްޕަށް ވަރަށް ބޮޑެތި ފިއްތުންތައް ވަނީ ކުރިމަތި ވެފައެވެ. އެމެރިކާގެ ގިނަބަޔަކު މި ހަނގުރާމަޔާ ދެކޮޅެވެ. ގަލްފުގައި ތިބި އެމެރިކާގެ އެކުވެރި ދައުލަތްތަކުންވެސް އެދި ގޮވަނީ ހަނގުރާމަ ހުއްޓައިލުމަށެވެ. އެމެރިކާގެ އިގްތިސާދާއި ދުނިޔޭގެ އިގްތިސާދު ބޮއްސުން ލައިފިއެވެ. ކޮންމެ ދުވަހަކު އެއްބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ މި ހަނގުރާމަޔަށް އެބަހޭދަވެއެވެ.

ޓްރަމްޕު ހީކުރީ އީރާނުގެ ރޫހީ ލީޑަރު އަވަހާރަކޮށްލީމާ ދެން ލަސްތަކެއްނުވެ އީރާނު އަމާންދީފާނެ ކަމުގައެވެ. މިހާރު ޓްރަމްޕު އެހެރީ ކުރެވުނު މޮޔަކަންތައް މޭރުންވެފައެވެ. އެމެރިކާގެ މިޑްޓާރމް އިންތިޚާބު އެއޮތީ ބޯމަތިވެފައެވެ. އިންތިޚާބު އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ. ނޮވެމްބަރު ތިނެެއްގައެވެ. މި އިންތިޚާބުގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ކޮންޓްރޯލް ގެއްލޭނެކަން ގާތްގަނޑަކަށް މިހާރު ކަށަވަރެވެ. މިޑްޓާރމް އިލެކްޝަނުގައި ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ހުރިހާ ގޮނޑިތަކަށް މެންބަރުން ހޮވާނެއެވެ. އެއީ ޖުމްލަ 435 ގޮނޑިއެވެ. މަތީގޭގެ ސަތޭކަ ގޮނޑީގެ ތެރެެއިން ތެއްތިރީސް ގޮނޑިއަށްވެސް މެންބަރުން ހޮވާނެއެވެ. މިވަގުތު މި ދެގޭގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. ޓްރަމްޕުގެ ޕާޓީއަށެވެ. މި ހައިސިއްޔަތު ބަދަލުވެދާނެތީ ހަނގުރާމަޔަށް ނިމުން ގެންނާނެ ގޮތަކާމެދު އޭނާ މިހާރު ވިސްނަނީއެވެ. ތެޅިފޮޅެނީއެވެ.

މަގުސަދު ހާސިލްވެއްޖެޔޭ، ހަމަލަދޭނެ ވަކިތަނެއްވެސް މިހާރު ނެތޭ ޓްރަމްޕު އެބުނާ ބުނުމަކީ ދޮގަކަށްވިޔަސް އެއްވާހަކަ ތެދެވެ. އެމެރިކާގެ ބައިވެރިވުމެއްނެތި އިތުރު އެންމެ ދުވަހަކަށްވެސް އިޒްރޭލަކަށް މި ހަނގުރާމަ ނުދެމެހެއްޓޭނެއެވެ. އެމެރިކާގެ ބައިވެރިވުމާއި ވަކިވުން އޮތީ ޓްރަމްޕު ނިންމާ ނިންމުމެއްގެ މައްޗަށެވެ. ހަނގުރާމަ ހުއްޓައިލަން އޭނާ ނިންމީމާ އިޒްރޭލަށްވެސް ޖެހޭނީ ތަބާވާށެވެ. އިތުރު ގޮތެއް ނޯންނާނެއެވެ. އެހެންވީމާ އެވާހަކަ ތެދެވެ. އެކަމަކު އެހިސާބަކުން ހަނގުރާމަ އަދި ނުނިމޭނެއެވެ. ނުވެސް ނިންމޭނެއެވެ. އެބާރު އޮތީ އީރާނަށެވެ. އީރާނުން ހަނގުރާމަ ހުއްޓާނުލާހާ ދުވަހަކު ހަނގުރާމަ ދާނީ ކުރިއަށެވެ. އެމެރިކާއިން ބޭނުންވީމާ ހަނގުރާމަ އެއޮތީ ފަށައިފައެވެ. އެކަމަކު އެމެރިކާ ބޭނުންވީމާ ބޭނުންއިރަކު ހަނގުރާމަ ހުއްޓާލުމުގެ އިޚުތިޔާރެއް ނެތެވެ. އެހެންވީމާ އީރާނުން ބުނާ އެއްޗެއްވެސް ބަލައިލަން އެބަޖެހެއެވެ. އީރާނުގެ ސިޔާސީ ޒައާމަތާއި އަސްކަރީ ޒައާމަތުން މިކަމާމެދު ބުނަމުންދަނީ ކީކޭބާވައެވެ.

އީރާނުން މިހަނގުރާމަ ހުއްޓާލާނީ ޝަރުތުތަކަކާ އެކުގައެވެ. އެޝަރުތުތައް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ މިހަފުތާގައި އިއުލާނު ކުރައްވައިފައެވެ. އޭނާ ވިދާޅުވިއެވެ. ހަނގުރާމަ ފެށީ އިޒްރޭލާއި އެމެރިކާއިންނެވެ. އެހެންވީމާ އީރާނުން ދެން މައިތިރިކަން އިޚުތިޔާރު ކުރާނީ މައިގަނޑު ތިންކަމެއް ފުރިހަމަ ވުމުންނެވެ. ފުރަތަމަ ކަމަކީ އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމެވެ. މަރުވި ކޮންމެ މީހެއްގެ މަރުގެދިޔައާއި ހަލާކުވި ކޮންމެ އިމާރާތެއްގެ ބަދަލާއި ހަލާކުވި ކޮންމެ އެއްޗެއްގެ ބަދަލެވެ. ދެވަނަ ކަމަކީ އީރާނަށް ލިބިގެންވާ ހައްގުތަކަށް އެމެރިކާޔާއި އިޒްރޭލުން އިއުތިރާފު ވުމެވެ. މާނަޔަކީ ޔުރޭނިއަމް ފައްކާކުރުމާއި މިސައިލް ތަރައްގީކުރުމާއި ނިއުކުލިއަރ ޕްރޮގްރާމް ހިންގުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް އެމެރިކާޔާއި އިޒްރޭލުން އިއުތިރާފު ވުމެވެ. ތިންވަނަ އަދި ފަހުކަމަކީ އަނެއް ދެކަންތަކަށް އެއްބަސްވުމާއެކު ކުރިއަށްއޮތްތަނުގައި އިސްވެ ހަނގުރާމައެއް ނުފަށާނެ ކަމަށް ވައުދުވުމެވެ.

އީރާނާ ދެކޮޅަށް އެއްވެސް އުދުވާނެއް ނުހިންގާނެ ކަމުގެ ނުވަތަ އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމައެއް ނުފަށާނެ ކަމުގެ ޔަގީންކަން އެމެރިކާޔާއި އިޒްރޭލުގެ ފަރާތުން ދޭންޖެހެއެވެ. އަދި މިފަދަ ޔަގީންކަމަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ޖާމިނުވާންވެސް ޖެހެއެވެ. އީރާނުން މީގެކުރިން މިހާ ތަފުސީލުކޮށް މިވާހަކަ މިގޮތަކަށް ނުބުނެއެވެ. ހަނގުރާމަ ހުއްޓާލަން ތައްޔާރޭ އެކަމަކު ޝަރުތުތަކަކީ މިއީއޭ ބުނި މިއީ ފުރަތަމަ ފަހަރެވެ. އެހެންވީމާ އީރާނުގެ ޕޮޒިޝަން އެއޮތީ ސާފުވެފައެވެ. ހަނގުރާމަ ހުއްޓާލަން އީރާނު ރުހޭތޯ ފަރުދާގެ ފުރަގަހުގައި އެމެރިކާ އެދިގެން ތިންހަތަރު ގައުމަކުން މަސައްކަތްވެސް އެބަކުރެއެވެ. ޕާކިސްތާނާއި ޗައިނާޔާއި ރަޝިޔާވެސް ހިމެނޭގޮތުންނެވެ. އީރާނުގެ ރައީސް ޑރ. ޕަޒިޝްކިޔާނު ވަނީ މިހުރިހާ ގައުމުތަކަށް އީރާނުގެ ޕޮޒިޝަން ސާފުކޮށްދެއްވައިފައެވެ. މިކަންކަމަށް އެމެެރިކާގެ އެއްބަސްވުން ހޯދައިގެން ދެން އީރާނާ ވާހަކަ ދެއްކުމަށް އެ ގައުމުތަކަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.