އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތް ކުރަން ވަންނަން ޖެހުނީ ފާރު ތަޅާލައިގެންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނެފައިވަނީ އެ އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާ ކަމަށެވެ. އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 1:57 އެހާކަންހާއިރު ކަމަށެވެ.
"އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް 1:58 އެހާކަންހާއިރު ހަރަކާތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ވަނީ ފާހަގަކުރެވިފަ" ފުލުހުން ބުންޏެވެ.
"ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި، އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ."
ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނުކަމަށް ފުލުހުން ބުންޏެވެ. ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި މީހަކަށް، ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ބުންޏެވެ.
"އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަޑަކަށް 2:30 އެހާކަންހާއިރު" ފުލުހުން ބުންޏެވެ.
ފުލުހުން މިހާރުވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް ތަހުގީގު ފަށައިފައިކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގެ މައުލޫމާތު މޭޖާ ކްރައިމް އިންވެސްޓިގޭޝަނަށް ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުންޏެވެ. މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް މިއަދު ހެނދުނު ދިގުރަށަށް ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް