ކައުންސިލްތައް ބާކީކޮށް، ބާރު ކަނޑުވާލުމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން މިއަދު ބޭއްވި ސައިކަލު ބުރަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުވެފައި، އެހާމަ މުހިންމު ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކާއި ގުޅިގެން ކަންކަން ހިންގައި ކުރިއަށް ގެންދަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ލާމަރުކަޒީ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމު ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.