އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ހައްޖުގެ އަޅުކަމަށް އެއްވެސް ބުރޫއެއް އަރާފާނެކަމަށް ނުބެލެވޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަމާ ގުޅޭ އިންތިޒާމުތައް މިހާރު ނިމިފައިވާ ކަމަށެވެ.

"ހައްޖާގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ. ހައްޖާއި ގުޅޭ އިންތިޒާމުތަކުގައި އެންމެ އަވަހަށް އިންތިޒާމުތައް ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާވަނީ އިޝޫ ކުރެވިފައި. އެކަމޮޑޭޝަންނާއި ހައްޖާއި ގުޅޭ އަރަފާތާއި މިނާގެ ކަންކަންވެސް ވަނީ ހަމަޖެހިފައި. ހަނގުރާމައާއި، ގުޅިގެން ހައްޖާއި ގުޅޭ އެއްވެސް ކަމެއްގައި އަދި ބުރުލެއް ނާރާނެ" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރޯދަ މަހުގެ ފަހު 15 ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2،000 އަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާ ކަމަށާއި، އެ ހުރިހާ މީހުންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ބައެއް ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ދަތިތައް ދިމާވި އުމްރާވެރިންނަށާއި، އެ ނޫންވެސް މައްސަލަތައް ކުރިމަތިވި އުމްރާވެރިންނަށް، ހައްލުތައް ހޯދައިދީފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ފުލައިޓެއް ޗާޓާކުރުމަށްފަހު ހުރިހާ އުމްރާވެރިން ވަނީ މައްކާއަށް ފުރުވާލާފައިިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފްލައިޓެއް ކެންސަލްވުމުގެ ސަބަބުން އެނބުރި ނާދެވިފައި ތިބި 50 އުމްރާވެރިން ރާއްޖެ ގެނައުމަށްކުރަންޖެހޭ މަސައްކަތްވެސް ކުރަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.