އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިނުވާކަމަށާއި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް އެދި ލިބެމުންދާ ރިކުއެސްޓުތައް ރިޖެކްޓު ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ރާއްޖޭގެ އަމާންކަމާއި، އިގްތިސޯދު ރައްކާތެރިކުރުމަކީ ސަރުކާރުން މިވަގުތު އެންމެ ބޮޑަށް އިސްކަން ދެމުންދާކަން ކަމަށެވެ.

"އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެޔޮ ލިބޭނެކަން ކަށަވަރުކުރަން އަވައްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިގޮތުން ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެހެން ގޮތްގޮތުން މަސައްކަތް ކުރެވޭ، މިއީ ވަކި ގައުމަކަށް ނޫނީ މަދު ގައުމަށް ބަރޯސާ ވުމުގެ ބަދަލުގައި ތެޔޮ ހޯދުމަށް ޑައިވާސިފައި ކުރުމަށް ކުރެެވެމުންދާ މަސައްކަތެއް. ހާއްސަ ގޮތެއްގައި ދިގު މުއްދަތުގެ މަސައްކަތުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތެއްކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން." ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ނޭޝަނަލް ފުޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުންފަދަ މުހިންމު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.