ދުނިޔޭގައި މިހާރު ހަމައެއް ލަމައެއް ނެތްކަން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑަރ ލަޔެން ވަނީ މިހަފުތާގެ ހޯމަދުވަހު ކަށަވަރު ކޮށްދެއްވައިފައެވެ. އެކަމަނާޔަކީ ޖަރުމަންވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އުރުސުލާ ވިދާޅުވީ ކީކޭބާވައެވެ. ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކުގައި އެކަނި ހިފަހައްޓައިގެން ޔޫރަޕިއަން ޔޫނިއަނަކަށް ދެން ފަރުޖެއްސޭކަށް ނެތެވެ. މިޒަމާނުގެ ހަގީގަތްތަކަށް ރިއާޔަތްކުރާއިރު މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ދުނިޔޭގެ ހަމަތަކާއި އުސޫލުތައް މުގުރައިލަން ޖެހެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އދ. ގެ ގިއުގަނޑުގެ ތެރެއިން ދުނިޔޭގެ ކަންކަން ބައްޓަން ކުރެވިފައިވާ ހަމަތަކުގައި އެކަނި ހިފަހައްޓައިގެން ކުރެވޭނެ ކަމެއްވެސް މިހާރަކު ނެތެވެ. "ރޫލް ބޭސްޑް އޯޑަރު" ބޭކާރު އެއްޗަކަށް ވެއްޖެއެވެ. އެހެންވީމާ އެއާ ދުރަށްޖެހިލައި ގަދަބާރުންވެސް ކަންކަން ކުރުން މިހާރު ލާޒިމެވެ. އެކަމަނާ އެވިދާޅުވީ ގާނޫނަށް ރިއާޔަތްކޮށްގެން ތިބެވެންނެތް ކަމުގައެވެ.

ޔޫރަޕިއަން ކޮމިޝަނުން އެބުނަނީ ގާނޫނުގެ ބާރަށްވުރެ މިއަދުގެ ދުނިޔޭގައި މުލައްދަނޑީގެ ބާރު ގަދަވެއްޖެ ކަމުގައެވެ. އެހެންވީމާ ޔޫރަޕުގެ ގައުމުތަކަށްވެސް ދެންއޮތީ މިގޮތް ކަމުގައެވެ. އުރުސުލާ އެވިދާޅުވަނީ ދުނިޔޭގެ މިއަދުގެ ހަގީގަތް އޮތްގޮތުގެ ވާހަކައެވެ. އެހެންއެވީ ކީއްވެގެންބާވައެވެ. ދުނިޔޭގައި މިއަދު ނަގާކިޔަންތިބީ ގާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކުރާ ބައެއް ނޫނެވެ. ދުނިޔޭގެ ކޮންޓްރޯލް އޮތީ މުޖުރިމުންނަށެވެ. ޖަލުގައި ތިބެންޖެހޭ ބަޔަކަށެވެ. އެޒާތުގެ ބައެއްގެ މުށުތެރެއަށް ދުނިޔެ ދިޔައީމާ ދެންވާންހުރި ކަންކަން މިދަނީ ފެންނަމުންނެވެ. އެންމެ ފުރަތަމަ ބަލައިލަން ޖެހެނީ އިޒްރޭލުގެ ޒައާމަތަށެވެ. އެގައުމުގެ ބޮޑުވަޒީރަކަށް އެހެރަ ބެންޖަމިން ނަތަންޔާހޫއަކީ ދުނިޔޭގެ ޖިނާއީ ކޯޓަށް ހާޒިރުކުރުމުގެ އަމުރު އެކޯޓުން ނެރެފައިވާ މުޖުރިމެކެވެ. އެވަރަކުން އަދި ނުނިމެއެވެ. ވައްކަމާއި ރިޝްވަތާއި ފަސާދަޔާއި މިހެންގޮސް އެތައްއެތައް ކުށެއް އިޒްރޭލުގެ ކޯޓުތަކުގައި ނަތަންޔާހޫގެ މައްޗަށް ސާބިތުވެފައިވެއެވެ.

އިޒްރޭލުގެ ކޯޓުތަކުގައި ނަތަންޔާހޫއާ ގުޅޭ އެތައްއެތައް މައްސަލައެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެކަމަކު އެއީ އިޒްރޭލުގެ ބޮޑުވަޒީރެވެ. ބޮމާއި ބަޑިޔާއި މިސައިލްގެ ކޮންޓްރޯލް އޮތީ އޭނާއަށެވެ. ވެރިކަމުގައި ދެމިހުރުމަށްޓަކައި އޭނާއަށްއޮތް ހަމައެކަނި ގޮތަކީ ކޮންމެވެސް ހަނގުރާމައެއްގެ ތެރޭގައި މެދުއިރުމަތި ބޭއްވުމެވެ. ގާޒާޔާއި ލުބުނާނުގައެވެ. ސީރިޔާއާއި ޔަމަނުގައެވެ. މިހާރު އީރާނުގައެވެ. އޭނާ ހިތަށްއެރީމާ ހިތަށްއެރި ތަނަކަަށް ހަމަލަދީ ސުންނާފަތި ކުރަނީއެވެ. ނަތަންޔާހޫއަކީ މުޖުރިމެއްކަން އެންމެނަަށްވެސް އެނގެއެވެ. ދޭތެރެ ދޭތެރެއިން ކޯޓަށް ހާޒިރުވާން ޖެހޭތީ ނަތަންޔާހޫގެ ހައިސިއްޔަތުވެސް އޮންނަނީ ބޮޑުވެގެންވާ ޖޯކަކަށްވެފައެވެ. މިކަމުން އޭނާ ސަލާމަތްކޮށްދިނުމަަށް ފޫގަޅައިގެން އުޅޭތީ ފެންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޚުދު ޓްރަމްޕަކީވެސް އެމެރިކާގެ އެކި ކޯޓުތަކުން ކުށްވެރިވާކަމުގެ ހުކުމް އިއްވާފައިވާ މީހެކެވެ. ބަރިބަރިޔަށް އިތުރު ދައުވާތައްވެސް އުފުލިފައިވާ މީހެކެވެ.

ރިޝްވަތު ދިނުމާއި ދޮގުހެދުމާއި ފަސާދަޔާއި ފިތުނަޔާއި މިހެންގޮސް އެތައް އެތައް ދައުވާއެއް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވެއެވެ. އެކަމަކު އެމީހާ އެހެރީ އެމެރިކާގެ ރައީސްގެ މަގާމުގައެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެބޮޑު ބާރެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނެވެ. އިޒްރޭލުގެ ނަތަންޔާހޫއާ ދެކޮޅަށް އިއްވިފައިވާ ހުކުމްތައް ބާތިލުކޮށް ނަތަންޔާހޫއަށް ރިޔާސީ މާފެއް ދިނުމަަށް ޓްރަމްޕު ވަނީ އިޒްރޭލުގެ ރައީސް އިސާކް ހާރޒޮގަށް އަންގައިފައެވެ. ޓްރަމްޕު ބުނާގޮތުން އީރާނު ހަނގުރާމައަށް އެކަނި ނަތަންޔާހޫގެ ނަޒަރު ސީދާކުރުމަށްޓަކައި އޭނާއަށް މާފުދިނުމަކީ އިޒްރޭލުގެ ރައީސަށް ލާޒިމު ކަމެކެވެ. މިކަމަަށް ޓްރަމްޕު އެދުނީމާ ހާޒޮގް މިހާރު ގެންދަނީ ނަތަންޔާހޫއަަށް މާފު ދިނުމާމެދު ވިސްނަމުންނެވެ. ނަތަންޔާހޫއަށް ރިޔާސީ މާފެއް ދިނުމަށް ޓްރަމްޕު ގޮވައިލުމަކީ އެއް މުޖުރިމަކު އަނެއް މުޖުރިމު ސަލާމަތްކުރުމަށް ގޮވައިލުމެކެވެ. އެހެންވީމާ މިކަން ވެފައިވަނީ އާދަޔާ ޚިލާފު ކަމަކަށެވެ.

ޓްރަމްޕުގެ މައްޗަށް ކުށް ސާބިތުވީ އޭނާ ދެވަނަ ފަހަރަށް ވެރިކަމަށް އައުމުގެ ކުޑަކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ވެރިކަމަށް ހޮވުނީމާ ދެންހުރި ދައުވާތައް ވަނީ މަޑުޖެހިފައެވެ. އޭގެ މާނަޔަކީ އޭނާ މުޖުރިމަކަށް ނުވުމެެއް ނޫނެވެ. ވެރިކަމަށް އައީމާ ދެން އެހުރެވެނީ ގާނޫނަށްވުރެ މަތީގައެވެ. އެޕްސްޓީން ފައިލްތައް ފެންމަތިވީ ޓްރަމްޕުގެ މިދައުރުގައެވެ. ބަދުއަޚުލާގީ އަމަލުތައް ހިންގުމާއި ކުޑަކުދިންގެ ކަރާމާތް ނަގާލައި ޖިންސީގޮތުން އެކުދިންނާ ބެހުންފަދަ އެތައް ކަމެއްގައި ޝާމިލްވި އެތައް އެތައް ބައެއްގެ ވާހަކަ މިފައިލްތަކުގައި ބަޔާންވެގެންވެއެވެ. އޭގެތެރޭގައި ޚުދު ޓްރަމްޕުގެ ވާހަކަވެސް ހިމެނެއެވެ. މިހުރިހާ ދުވަހު ޓްރަމްޕު ހުރީ އެފައިލްތައް ހާމަވިޔަނުދީ ހިފަހައްޓައިގެންނެވެ. އެންމެފަހުން ބޭޒާރުވެސްވީއެވެ. ބޭޒާރުވިއިރު ކަމުދާކަށްނެތެވެ. މި ފައިލްތަކުގައި ޓްރަމްޕުގެ ބިތުފަންގި ނެގިފައިއޮތީ ވަރަށްވެސް ބޮޑުކޮށެވެ. ދެން މިކަމުން ރެކިގަނެވޭނެ ގޮތެއް ހޯދުމަށްޓަކައި ޓްރަމްޕު މިކުރާކަމަކީ ކޮންމެވެސް ހަނގުރާމައެއްގެ ތެރޭގައި އެމެރިކާ ބޭއްވުމެވެ.

ކޮންމެވެސް އަލިފާންގަނޑެއް އަންދަންޏާ ނުވަތަ ކޮންމެވެސް ހަނގުރާމައެއް ހިނގަންޏާ އެޕްސްޓީން ފައިލްތަކުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާނޭތާއެވެ. އެންމެންގެ ސަމާލުކަންވެސް ހުއްޓިފައި އޮންނާނީ ހަނގުރާމައަށެވެ. އެގޮތުން މިވަގުތު އެޕްސްޓީނު ފައިލުތަކޭ، ޖަރީމާއޭ، ކުޑަކުދިންނޭ ކިޔާބަޔަކު ނެތެވެ. އެންމެންވެސް ދައްކަނީ އީރާނު ހަނގުރާމައިގެ ވާހަކައެވެ. މިއީ ޓްރަމްޕު ބޭނުންވާ ގޮތެވެ. އެދޭގޮތެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން އިސްވީ ނަތަންޔާހޫއެވެ. އޭނާޔާ ބައިވެރިވީ ޓްރަމްޕެވެ. އެދެމީހުން ފެށި ހަނގުރާމަޔަށް އެހީތެރިވާން ޚިޔާލުކުރާ ބަޔަކު ތިބިއްޔާ އެބަޔަކީވެސް އެޕްސްޓީނު ފައިލްތަކުގައި އެމީހުންގެ ވާހަކަ ހިމެނިފައިވާ ބައެކެވެ. އެހެންވީމާ މިއީ މުޖުރިމުންގެ ބައިގަނޑަކުން ފަށައިގެން އުޅޭ ހަނގުރާމައެކެވެ. މިއީ ހަމަޔާއި އުސޫލުތަކަަށް ރިއާޔަތް ކުރެވިގެން ކުރިއަށްދާ ހަނގުރާމައެއް ނޫނެވެ. އެގޮތުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑަރ ލަޔެންއަށްވެސް ދުނިޔޭގެ މިއަދުގެ ހަގީގަތް ބަޔާންކުރަން މަޖުބޫރުވީއެވެ.