އަންނަ މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރާނީ ހަތަރު ކުޅިވަރަކުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.

އޭޝިއަން ބީޗް ގޭމްސްގެ ހަވަަނަ އެޑިޝަން ސަންޔާގައި ބާއްވަން ފުރަތަމަ ތާވަލުކުރީ 2020 ވަނަ އަހަރަށެވެ. އެފަހަރު ކޮވިޑް 19 ގެ ސަބަބުން ގޭމްސް ފަސްކުރަން ޖެހިފައިވާ އިރު، މިފަހަރު ގޭމްސް އޮންނާނީ އަންނަ މަހު 22 އިން 30 އަށެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރާނީ ހޭންޑްބޯލް، އެތުލެޓިކްސް، އޯޕަން ވޯޓާ ސްވިމިންގެ އިތުރުން ވޮލީބޯލްއެވެ. އޭގެ ތެރެއިން ހޭންޑްބޯލްއިން ފިރިހެން ޓީމެއް ވާދަކުރާ އިރު، ދެން ހުރި އިންޑިވިޖުއަލް ކުޅިވަރުތަކުން ދެ ޖިންސުގެ އެތުލީޓުން ބައިވެރިވާނެއެވެ.

އެމްއޯސީން މައުލޫމާތު ދީފައިވާ ގޮތުގައި ގޭމްސްއަށް ދާ ކޮންޓިޖެންޓް ފައިނަލްކޮށް، މިހާރު ކުރިއަށް ދަނީ އެންމެ ފަސޭހަ ގޮތަކަށް ޓިކެޓް ނެގުމާއި އެކްރިޑޭޝަން ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ވާދަކުރާ ޓީމުތަކާއި އެތުލީޓުންގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެމްއޯސީން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިން އޭޝިއަން ބީޗް ގޭމްސް އެންމެ ފުރަތަމަ ބޭއްވީ 2008 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީގައެވެ. ފުރަތަމަ ދެ އަހަރުން ބާއްވަމުން އައި ގޭމްސް، 2010 ވަނަ އަހަރު އޮމާންގެ މުސްކަޓުގައި ބާއްވާފައިވާ އިރު، 2012 ވަނަ އަހަރު ޗައިނާގެ ހައިޔާންގާއި 2014 ވަނަ އަހަރު ތައިލެންޑްގެ ފުކެޓްގެ އިތުރުން 2016 ވަނަ އަހަރު ވިއެޓްނާމްގެ ޑަ ނާންގްގައިވެސް ބާއްވާފައިވެއެވެ. މިހާރު ނިންމާފައި ވަނީ ގޭމްސް ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޮތަކަށެވެ.