ތިންކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މީގެ ކުރިން ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ޖެނުއަރީ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް، އެ ގެއިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އއ. ފެރިދޫ އިހްރާމްގެ އާއިޝަތު މާޝާ އަހުމަދު (20އ) އާއި ޅ. ނައިފަރު ފަލަކް ޝާއިން އަލީ (27އ) ހައްޔަރުކުރި ކަމަށެވެ.

މީގެ ކުރިންވެސް އެ ދެ މީހުން ބަންދުގައި ބެއިތިއްބުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ މި މައްސަލައިގައި ހިމެނޭ މާޝާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ.

އިއްޔެގެ ކޯޓު އަމުރުގައި ވަނީ އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހާ ހަމައަށް އޭނާ ބަންދު ކުރުމަށެވެ.