ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިޔާ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ޖައިނަބު ވާޖިދު އަލީ (25އ) އާއި މުހައްމަދު ނަވާޒް ދަޔަތަރު، (21އ) އެވެ. އިންޑިއާއިން ރާއްޖެ އައި މި ދެ މީހުންނަކީ އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.

އެ މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މީގެކުރިން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރަން އަމުރުކުރިއެވެ.

ނަަމަވެސް މި ދެމީހުންގެ ބަންދުގެ މުއްދަތު އިއްޔެ ކުރިމިނަލް ކޯޓުން ވަނީ އިތުރު ކޮށްފައެވެ.

އެ ގޮތުން އެ މީހުން ބަންދުގައި ބެއިތިއްބުމަށް އިއްޔެ ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހަށެވެ.