އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާތައް އަދި ބަދަލުގައި އިރާނުން ގަލްފްގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، ބަހުރައިން އަދި އެ ސަރަހައްދުގެ އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހާއްސަކޮށް ގަލްފު ސަރަހައްދުގެ އެއާޕޯޓްތަކާއި ތެޔޮ އުފައްދާ މަރުކަޒުތައް ފަދަ އާންމުންނާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ސާފުކޮށް ހިލާފު އަމަލުތަކެއް ކަމަށްވާތީ، އެކަމާ މެދު ރާއްޖޭން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ގަލްފުގެ ގައުމުތަކުން އެއްވެސް ރައްދު ހަމަލާއެއް ނުދެނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އަދި އެ ހަމަލާތަކުގެ ތެރޭގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދީފައިވާ ބޮޑެތި ގެއްލުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާކަން ދިވެހިރާއްޖޭން ފާހަގަކުރެއެވެ. މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކުންވެސް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖޭން ގޮވާލަމެވެ..،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން، މެދުއިރުމަތީގެ ސަރަހައްދަށް ސުލްހައާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހަނގުރާމައިގެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި މިވަނީ، ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން ބަހެއް ބުނެފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ