ފީފާ ވޯލްޑް ކަޕަކީ އެއްވެސް ހާލަތެއް ދިމާވެގެން ފަސްކުރެވޭ ވަރަށްވުރެ މާބޮޑު މުބާރާތެއް ކަމަށާއި، މިހާރު އޮތް ތާރީހުގައި ވޯލްޑް ކަޕް ބާއްވަން ތައްޔާރުވެފައިވާ ކަމަށް ފީފާގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) ހެއިމޯ ޝިރްގީ ވިދާޅުވެއްޖެއެވެ.

މިއަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަކީ ތިން ގައުމަކުން ހޯސްޓް ކުރާ ވޯލްޑް ކަޕެކެވެ.

ޖޫން މަހު 11 ވަނަ ދުވަހު މުބާރާތް ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް ހޯސްޓް ކުރަނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯއެވެ. އޭގެ ތެރެއިން އެމެރިކާއަކީ މިހާރުވެސް ހަނގުރާމައެއްގައި އޮތް ގައުމެކެވެ. އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިނުމުން، މުޅި މެދުއިރުމަތީގެ ރައްކާތެރިކަން ގެއްލިފައިވާ އިރު، ދުނިޔޭގެ އެތައް ގައުމަކަށް އެ ހަނގުރާމައިގެ އަސަރު ދަނީ ކުރަމުންނެވެ.

އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރުކޮށްލާފައިވެސް ވެއެވެ. އެ ހާލަތާއެކު އީރާނުން ވަނީ އެމެރިކާގައި ހޯސްޓް ކުރާ ވޯލްޑް ކަޕަށް ދިޔުމާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށްވެސް ބުނެފައެވެ. އެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ވޯލްޑް ކަޕަށް ނުދިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ފީފާއިން ވަރަށް ބޮޑަށް ކަންކަން ބަލައި، ދިރާސާ ކުރަމުން އަންނަ ކަމަށް ސީއޯއޯ ޝިރްގީ ވިދާޅުވެފައިވާ އިރު، އޭނާ ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ވޯލްޑް ކަޕް މިހާރު އޮތް ތާރީހުގައި ބާއްވަން ވިސްނާ ކަމަށެވެ.

"އަހަރެމެން ނިންމަން ޖެހުނު ކޮންމެ ނިންމުމެއް ނިންމައިގެންވެސް ވޯލްޑް ކަޕް މިހާރު ތާވަލުގައި އޮތް ގޮތަށް ކުރިއަށް ގެންދާނަން. އެއީ ވޯލްޑް ކަޕަކީ އެއަށްވުރެ މާ ބޮޑު ކަމެއް. ފަސްކުރަން ވިސްނަން ޖާގައެއްވެސް އޮތް ކަމެއް ނޫން. އުންމީދަކީ ކޮލިފައިވެފައިވާ ހުރިހާ ޓީމުތަކެއް ކުޅުން،" ޝިރްގީ ވިދާޅުވިއެވެ.

ޝިރްގީ އިތުރަށް ވިދާޅުވީ އީރާންވެސް މުބާރާތުން ފެންނަން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި ހޯދަން ޖެހޭ ހައްލުތަކަށް ފީފާއިން ބަލަމުން އަންނަ ކަމަށެވެ. އަދި ފީފާއިން އީރާންގެ ފުޓުބޯޅަ އިދާރާއާއެކު މަޝްވަރާކުރަމުން އަންނަ ނަމަވެސް، އެކަމުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ޝިރްގީ ފާހަގަކުރެއްވިއެވެ.