ގުދުރަތީ ކާރިސާތަކުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން، މަޝްހޫރު ތަރި އަދި ވިޔަފާރިވެރިޔާ ޕެރިސް ހިލްޓަން އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ރިކަވަރީ ފަންޑެއް ތައާރަފުކޮށްފިއެވެ. "ބެކް އިން ބިޒްނަސް ރިކަވަރީ ފަންޑު" ގެ ނަމުގައި އިއްޔެ ތައާރަފުކުރި މި ފަންޑުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން މަދުވެގެން 1 މިލިއަން ޑޮލަރު ހޯދުމެވެ.

މި ފަންޑު ފެށުމުގެ ގޮތުން ހިލްޓަންގެ އިޖުތިމާއީ ޖަމިއްޔާ '11:11 މީޑިއާ އިމްޕެކްޓް' މެދުވެރިކޮށް އޭނާ ވަނީ 350،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި މި ކަމުގައި ބައިވެރިވާ ގޯފަންޑްމީ (GoFundMe.org) އިން ވަނީ އިތުރު 100،000 ޑޮލަރު ފަންޑަށް ޖަމާކޮށްފައެވެ. ހިލްޓަން ބުނި ގޮތުގައި އަންހެނުން ހިންގާ ވިޔަފާރިތަކަކީ މުޖުތަމައުތަކުގެ ހިތް ކަމަށާއި، އޭނާ ބޭނުންވަނީ އެފަދަ ފަރާތްތަކަށް އެހީތެރިވެ، އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށެވެ.

މި ފަންޑުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގެއްލުން ލިބޭ ކުދި ވިޔަފާރިތައް ހިންގާ އަންހެނުންނަށެވެ. އެހީއަށް އެދި ހުށަހެޅުމުގެ މަރުހަލާ ކުރިއަށްގެންދާނީ އަންހެން ވިޔަފާރިވެރިންނަށް އެހީވާ ސަރަހައްދީ މަރުކަޒުތަކާ ގުޅިގެންނެވެ. މި ފަންޑުން ދޫކުރާ ފައިސާ ބޭނުންކުރެވޭނީ ކުލި ދެއްކުމަށާއި، މުވައްޒަފުންގެ މުސާރަ ދިނުމަށާއި، ހަލާކުވި ތަކެތި އާކުރުމުގެ އިތުރުން ވިޔަފާރި އަލުން ކޮޅަށްޖެހުމަށެވެ.

މި ފަންޑު އުފެއްދުމުގެ ހިޔާލު އައިސްފައިވަނީ 2025 ވަނަ އަހަރު ލޮސް އެންޖެލިސްގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ހިލްޓަންގެ އަމިއްލަ ގެ އަނދައިގެން ދިއުމާ ގުޅިގެންނެވެ. އެ ހާދިސާއަށްފަހު އޭނާ ވަނީ ގެއްލުން ލިބުނު 50 އަންހެން ވިޔަފާރިވެރިންނަށް 25،000 ޑޮލަރާ ހަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އެއް އަހަރު ފަހުން ބެލިއިރު، އެހީ ލިބުނު 90 އިންސައްތަ ވިޔަފާރި އަދިވެސް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ އަންހެނުންނަށް ޚާއްސަކޮށްގެން ދެވޭ މިފަދަ އެހީތަކުގެ ސަބަބުން މުޅި މުޖުތަމައުގެ އިގުތިސާދު އަލުން އާރާސްތުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.