އިރާނުގެ އާ ސުޕްރީމް ލީޑަރަށް އަމާޒުކޮށް ހަމަލާ ދީގެން ނުވާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާއިން އިއްޔެ ވަނީ އިރާނުން އެގައުމުގެ އާ ސުޕްރިމް ލީޑަރަކަށް މުޖްތަބާ ހާމަނާއީ އިންތިހާބުކޮށްފައި ވުމާއެކު އެއީ އެ ގައުމުގެ ދާޚިލީ ކަމެއް ކަމަށާއި މުޖްތަބާ އަށް އަމާޒުކޮށް އެއްވެސް ފަރާތަކުން ހަމަލާއެއް ނުދިނުމަށް ގޮވާލައިފައެވެ.

އިޒްރޭލާއި އެެމެރިކާ ގުޅިގެން އިރާނުގެ ކުރީގެ ސުޕްރިމް ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަކޮށްލާފައިވާއިރު އިރާނުން އިއްޔެ ވަނީ އެގައުމުގެ ހާއްސަ ކޮމެޓީއަކުން އާޔަތުﷲ ހާމަނާއީގެ ދަރުކަލުން މުޖްތަބާ ހާމަނާއީ އަކީ އެ ގައުމުގެ ސުޕްރިމް ލީޑަރު ކަމުގައި އައްޔަނުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިރާނުން މުޖްތަބާ ހާމަނާއީ ސުޕްރީމް ލީޑަރު ކަމަށް އައްޔަނު ކޮށްފައިވަނީ އެ ގައުމުން އަމަލުކުރާ ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.

ތަރުޖަމާނު ޖިއާކުން ވަނީ އެއްވެސް ގައުމަކުން އިރާނުގެ އެތެރޭގެ މައްސަލަތަކާ ނުބެހުމަށް ގޮވާލައްވައި އާ ސުޕްރީމް ލީޑަރަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދިނުމަށް ވެސް ގޮވާލައްވައިފައެވެ.

އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އިޒްރޭލުން މީގެ ކުރިން ވަނީ އިރާނުން އައްޔަނު ކުރާ ކޮންމެ ސުޕްރިމް ލީޑަރަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއިން ވެސް މީގެ ކުރިން ވަނީ މުޖްތަބާ ހާމަނާއި އަކި ބުރަދަނެއް ނެތް މީހެއް ކަމަށް ސިފަކޮށް އިރާނުން ސުޕްރީމް ލީޑަރުކަން މުޖްތަބާއަށް ހަވާލު ނުކުރުމަށް އަންގައި އިންޒާރު ވެސް ދީފައެވެ.