ފެބްރުއަރީ އަށާވީސްވަނަ ދުވަހު އެމެރިކާޔާއި އިޒްރޭލުން ޝަހީދުކޮށްލި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ބަދަލުގައި އައު ރޫހީ ލީޑަރަކަށް އޭނާގެ ދަރިކަލުން އުމުރުފުޅުން 56 އަހަރުވީ މުޖުތަބާ ޚާމަނާއީ ވަނީ އިއްޔެ އައްޔަން ކޮށްފައެވެ. އީރާނުގެ އެކްސްޕާޓުންގެ އެސެމްބްލީންނެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހުވެސް އެމެރިކާއިން ބޭނުންވީ އީރާނުގެ ވެރިކަން ބަދަލު ކުރުމަށެވެ. ޚާމަނާއީ ޝަހީދުކޮށްލީ އެހެންވެގެންނެވެ. އެކަމަކު އާޚިރުގައި މިނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ. ކޮންމެ ދުވަހަކު މި ހަނގުރާމަޔަށް އެމެރިކާގެ ރައްޔިތުންގެ ޖީބުން އެއް ބިލިޔަން ޑޮލަރު އެބަ ޚަރަދުވެއެވެ. ހަނގުރާމައަށް ފާއިތުވެގެންދިޔަ 8 ދުވަހުގެ ތެރޭގައި 8 ބިލިޔަން ޑޮލަރު ހޭދަވެއްޖެއެވެ. އެވަރަށް ޚަރަދުކޮށްގެން އަދި އެމެރިކާގެ ސިފައިންގެ ތެރެއިންވެސް އެތައް ބަޔަކު ގުރުބާންކޮށްގެން މިހޯދުނީ ޚާމަނާއީގެ ބަދަލުގައި ހަމަ ޚާމަނާއީއެކެވެ. ގެނެވުނު ބަދަލަކީ އެއީއެވެ. މިޖެހުނީ ކޮންތާކު ބާވައެވެ.

ރޫހީ ލީޑަރުކަމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމަކީ އެމެރިކާޔާއި އިޒްރޭލަށް އީރާނުން ދިން ވަރުގަދަ ޖަވާބެކެވެ. ކޮންކަހަލަ ޖަވާބެއް ހެއްޔެވެ. އީރާނުން އެބުނީ މިހެންނެވެ. ޚާމަނާއީގެ ބަދަލުގައި ޚާމަނާއީއެކެވެ. ހަނގުރާމައިގެ ބަދަލުގައި ހަނގުރާމައެވެ. ލޭގެ ބަދަލުގައި ލެޔެވެ. އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނެތެވެ. ހަނގުރާމަ ކުރާކަށް ބިރެެއް ނުގަނެއެވެ. އައު ލީޑަރު ހިމާޔަތް ކުރުމަކީ ކިހައިވަރެއްގެ ކަމެއްކަންވެސް އެނގެއެވެ. އަހަރެމެންގެ ކަންކަން ނިންމާނީ އަހަރެމެންނެވެ. އެއީ އަހަރެމެންގެ ދުޝްމަނުންނާ ބެހޭ ކަމެއް ނޫނެވެ. ބައްސާނޭ ކަމެއްވެސް ނޫންމެއެވެ. ސީދާ އަޑުވީއްލައި މި އިބާރާތުން ނުބުންޏަސް މެސެޖަކީ އެއީއެވެ. މުޖުތަބާ ޚާމަނާއީ ނޫން ބޭފުޅަކު ރޫހީ ލީޑަރުކަމަށް އައްޔަން ކުރިނަމަ މިނޫން އެހެންގޮތަކަށް މާނަކުރަން ފުރުސަތު އޮންނާނެއެވެ. މުޖުތަބާއަކީ ޝަހީދުކޮށްލެވުނު އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. ދެބަފައިކަލުންގެ ގުޅުމަކީ ހަގީގަތުގައިވެސް ވަރަށް ބަދަހި ގުޅުމެކެވެ.

އެހެންވީމާ މިކަމުން ދޭހަވީ އެއްޗަކީ އީރާނުގެ ވިސްނުމަކީ ޚާމަނާއީގެ ސިޔާސަތު ދެމެހެއްޓުން ކަމެވެ. ހަމައެކަނި ސިޔާސަތެއް ނޫނެވެ. ނަންވެސް މެއެވެ. ހުރިހާ އެއްޗެކެވެ. ދަރިކަލުން މުޖުތަބާއަށް ވެރިކަން ނަގުލުވުމަކީ ޝަހީދުވި އަލީ ޚާމަނާއީ ބޭނުންފުޅުވި ކަމެއް ނޫނެވެ. އޭނާއަށްފަހު ރޫހީ ލީޑަރުކަމަށް ވަޑައިގަތުމަށް އަލީ ޚާމަނާއީ ބޭނުންފުޅުވި ނުވަތަ ރުހިވަޑައިގެން ހުންނެވި ހަތަރު ބޭފުޅުންގެ ލިސްޓަކުވެސް ދަރިކަލުން މުޖުތަބާގެ ނަމެއް ނެތެވެ. އެއީ ކޮންމެހެން ދަރިކަލުންގެ ގާބިލްކަމާމެދު އޭނާ ޝައްކު ކުރައްވާތީއެއް ނޫނެވެ. އާއިލީ ނުވަތަ ޚާންދާނީ ވެރިކަމެއް ގާއިމުވުމަށް ތަރުހީބު ނުދެއްވާތީއެވެ. ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ނަގުލުވުމުގެ އުސޫލަކީ ނުވަތަ ވިރާސީ ވެރިކަމަކީ ޝީއީ މުސްލިމުން އެހާ ގަޔާވާ ކަމެއްވެސް ނޫންމެއެވެ. ތާރީޚީ ބައެއް ފިލާވަޅުތަކަށް ރިއާޔަތްކޮށްފައެވެ. އުމަވީ ފުރަތަމަ ޚަލީފާއަށްފަހު އިސްލާމީ ޚިލާފަތު ވިރާސީ ރަސްކަމަކަށް ބަދަލުވެގެންދިޔަ ދިޔުމަކީ ކަރުބަލާގައި ހިނގައިދިޔަ ހަނގުރާމައަށް މަގުފަހިވި އެއްސަބަބެވެ.

އެކަން އެހެން އޮތުމުން މި ނިޒާމަކީ ދީނީ ކުލަޖެހިފައިވާ ވެރިކަމެއްގައި ޝީއީންނަށް ބަލައިގަންނަން ރުހެވޭ ނިޒާމަކަށް ނުވެއެވެ. ވަކިން ޚާއްސަކޮށް މީގެ 47 އަހަރު ކުރިން 1979 ވަނައަހަރުގެ އިސްލާމީ އިންގިލާބުގައި އުވައިލެވުނު ރަސްކަމަކީ ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ބަދަލުވާ ވިރާސީ ރަސްކަމަކަށްވާތީ އީރާނުގެ މިހާރުގެ ވެރިކަމުގައި އެޒާތުގެ ކުލައެއް ޖެހެންވެސް ބޭނުމެއް ނުވެއެވެ. އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ ރޫހު ﷲ ޚުމައިނީ 1989 ވަނަ އަހަރު އަވަހާރަވުމުން އައު ރޫހީ ލީޑަރަކަށް އޭނާގެ ދަރިކަލުން އަހުމަދު ޚުމައިނީ އައްޔަންކުރުމާމެދު އެއްވެސް ބަޔަކު ޚިޔާލެއްހައި މިންވަރުވެސް ބޭރު ނުކުރުމުގެ ސަބަބަކީ އެއީއެވެ. ބައްޕަޔަށްފަހު ދަރިފުޅަށް ވެރިކަން ނަގުލުވުމަކީ ޝީއީންގެ ފިކުރު ތަންދޭ ކަމަކަށް ނުވާތީއެވެ. ޝަހީދުވި އަލީ ޚާމަނާއީވެސް ދަރިކަލުން ވެރިކަމަށް ވަޑައިގަންނަވަން ރުހޭކަމުގެ ސިގްނަލް ނުދެއްވުމުގެ ސިއްރަކީ އެއީއެވެ.

މިކަންކަން ކުއްލިއަކަށް ބަދަލުވެ ޝަހީދުވި އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ވެރިކަމަށް އައްޔަންކުރީ ކީއްވެގެން ބާވައެވެ. ރޫހީ ލީޑަރުކަމަަށް ބޭފުޅަކު އައްޔަން ކުރުމަކީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެކްސްޕާޓުންގެ އެސެމްބްލީގެ ޒިންމާއެކެވެ. އެހެން ބަޔަކަށް ނުވަތަ ފަރާތަކަަށް އެއްވެސް ދައުރެއް އަދި ނުފޫޒެއް އޮންނަ ކަމެއް ނޫނެވެ. އައު ރޫހީ ލީޑަރަކާމެދު އެކްސްޕާޓުންގެ އެސެމްބްލީގައި މަޝްވަރާކުރެވި ބަހުސްތައް ހިނގަމުންދިޔައިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ވަރަށް ނޭއްގާނި ވާހަކަތަކެއް ވަނީ އިވިގެން ގޮސްފައެވެ. ޓްރަމްޕު ބުންޏެވެ. އައު ލީޑަރަކު އައްޔަން ކުރުމުގައި އެމެރިކާގެ ބަހެއްވެސް އޮންނާން ވާނެއެވެ. އައު ލީޑަރަކީ އެމެރިކާއަށްވެސް ރުހެވޭ މީހަކަށް ވާންޖެހޭނެއެވެ. އެހެން ނޫނިއްޔާ ބަލައެއް ނުގަންނާނަމެވެ. އެލީޑަރެއްގެ ނިމުންވެސް ވަރަށް ހިތިވާނެއެވެ. އަލީ ޚާމަނާއީ ފަދައިންނެވެ.

އިޒްރޭލުގެ ނަތަންޔާހޫ ބުންޏެވެ. އިޒްރޭލަށް އިއުތިރާފު ނުވާ ލީޑަރަކު އައްޔަންކޮށްފިއްޔާ އެމީހަކުވެސް ދުނިޔެއިން ވަކިކޮށްލާނަމެވެ. ވަރަށް އަވަހަށެވެ. މިޒާތުން އީރާނަށް ބިރު ދެއްކުމަށް އެމެރިކާޔާއި އިޒްރޭލުން އިސްކަންދީފައިވާތީ އެކްސްޕާޓުންގެ ކައުންސިލްގައި މިފަހަރު އުފެދިފައިއޮތީ ކުރިން ނޯންނަ ކަހަލަ ރޫހެކެވެ. އާނދޮގޭ، ހިތްވަރެއް ހުރިއްޔާ ކަމެއް ކޮށްބަލާށޭ ބުނުމުގެ ރޫހެކެވެ. ދަގަނޑު ކަނޑާނީވެސް ދަގަނޑުންނޭ ބުނުމުގެ ރޫހެކެވެ. ހީކުރިގޮތްތާއޭ، ހޮވާނީ ހަމަ ޚާމަނާއީއެކޭ ބުނުމުގެ ރޫހެކެވެ. ނަތީޖާއެއްގެ ގޮތުން އައު ރޫހީ ލީޑަރަކު އައްޔަން ކުރުމުގައި ކުރިން ވިސްނާ ކަންކަމަށްވުރެ މިފަހަރު އައު ކަންތައްތަކެއް އޮތީ އުފަންވެފައެވެ. އެމެރިކާޔާއި އިޒްރޭލަށް އެކަަށޭނަ ޖަވާބެއް ދިނުންވެސް އޭގެތެރޭގައި ހިމެނެއެވެ. އެކަންކަން އެގޮތަަށް ދިމާނުވިނަމަ އައު ރޫހީ ލީޑަރަކަށް ވަޑައިގެންނެވުން ގާތީ މުޖުތަބާ ޚާމައިނީ ނޫން އެހެން ކޮންމެވެސް ބޭފުޅެކެވެ.