ބައެއް މީހުން ބުނެއެވެ. ހަނގުރާމަ ނުހުއްޓި ކުރިއަށް ދަންޏާ ދާދިއަވަހަށް އީރާނުން ހަތިޔާރު ހުސްވެދާނެއެވެ. މިސައިލާއި ރޮކެޓެވެ. އަދި ޑްރޯންފަދަ ތަކެއްޗެވެ. ނޫނެކެވެ. އެއީ ސައްހަ ހީކުރުމެއް އަދި ބުނުމެއްވެސް ނޫނެވެ. ދިރާސާތަކެއްގެ މައްޗަށް ބުނާ ބުނުމެއް ނޫންމެއެވެ. މިހާރު ކުރިއަށް އެދަނީ ފާއިތުވި 47 އަހަރުގެ ތެރޭގައި އީރާނުން އެ ހަނގުރާމައަކަށް ތައްޔާރުވަމުން އައި ހަނގުރާމައެވެ. އެންމެފަހު ތަޅާލުމެވެ. މި ހަނގުރާމަޔަށް ހަފުތާއެއް ފަހުން މިސައިލާއި ޑްރޯން ހުސްވެގެން އަމާންދޭން އީރާނު ތައްޔާރުވެއްޖެ ކަމަށް ހީކުރުމަކީވެސް މޮޔަ ކަމެކެވެ. އީރާނުގެ ބިމުގެ އަޑީގައި ވިއްސަށްވުރެ ގިނަ މިސައިލް ސިޓީތައް ގާއިމުވެގެންވެއެވެ. މިއީ އެތައް ކިލޯމީޓަރަކަށް ދެމިގެންދާ ބޮޑެތި ސިޓީތަކެކެވެ. ކޮންމެތަނެއް ވަނީ ބިމުން ފެށިގެން ފަސްސަތޭކަ މީޓަރު އަޑީގައެވެ. ފުނުގައެވެ. ބޭރުގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މިދެންނެވި މިސައިލް ސިޓީތަކުން ކޮންމެ މަހަކު މަދުވެގެން ތިންސަތޭކަ މިސައިލް އުފައްދައެވެ.

އެހެންކަމަށް ވަންޏާ ކުޑަކުޑަ ހިސާބެއް ހަދައިލަމާ ބަހީއެވެ. ވިސްނައިގަތުމަށް ފަސޭހަޔަކަށެވެ. އީރާނުން ކޮންމެ މަހަކު ތިންސަތޭކަ މިސައިލް އުފައްދަންޏާ ފާއިތުވި 47 އަހަރުގެ ތެރޭގައި ދެލައްކައާ ގާތްކުރާ އަދަދަކަށް މިސައިލް އުފައްދައި ރައްކާކުރެވިފައި ހުންނާނެތާއެވެ. އީރާނުގެ ދުޝްމަނުންގެ ތެރެއިން އިޒްރޭލާއި އެމެރިކާގެ އަތުގައި ހުންނާނޭ މިންވަރުގެ މައްޗަށްވެސް ފިކުރު ހިންގައިލާން ޖެހެއެވެ. އީރާނުން އުދުއްސައިލާ ކޮންމެ މިސައިލެއް ވައްޓައިލުމަށް ނުވަތަ ޖައްވުގެ ތެރޭގައި ގޮއްވައިލުމަށް އެމެރިކާޔާއި އިޒްރޭލުން މަދުވެގެން ހަތަރު ފަސް މިސައިލެއް ބޭނުންކުރެއެވެ. މިދެގައުމަށް އުފެއްދެނީ މަހަކު ގިނަވެގެން މީގެ 54 މިސައިލެވެ. އީރާނުން މި ހަނގުރާމައިގައި ދުވާލަކު ދުއިސައްތަ މިސައިލް އުދުއްސައިލިއްޔާ އެ މިސައިލްތަކާ ދެކޮޅަށް ދުވާލަކު އެއްހާސް މިސައިލް ބޭނުންކުރަން މަޖުބޫރުވެއެވެ. އެވަރަށް އުފެއްދެނީވެސް ނަވާރަ ދުވަހުންނެވެ. މާނަޔަކީ މުޅި ދޮޅުމަހުން ކިރިޔާ އުފެއްދޭ ތަކެތި އެންމެ ދެ ދުވަހުގެ ތެރޭގައި ހުސްވެގެން ދިއުމެވެ.

މި ހަނގުރާމައިގައި އީރާނުން ބޭނުން ކުރަނީ ހަމައެކަނި މިސައިލެއް ނޫނެވެ. ޑްރޯންވެސް އެބަ ބޭނުންކުރެއެވެ. ވަރަށް ގިނައިންނެވެ. މިއީ ވަރަށް އަގުހެޔޮ ޑްރޯންތަކެކެވެ. މާނަޔަކީ ދާދިފަސޭހައިން ދާދި އަވަހަށް އުފައްދާ ޑްރޯން ތަކެކެވެ. މި ދެންނެވި ޑްރޯން ވައްޓައިލުމަށްވެސް އެމެރިކާޔާއި އިޒްރޭލަށް ބޭނުން ކުރަން ޖެހެނީ އަގުބޮޑު ދިފާއީ މިސައިލެވެ. ގިނަފަހަރަށް އެއް ޑްރޯނެއް ވައްޓައިލެވެނީ އެއް މިސައިލަށް ވުރެ ގިނަ މިސައިލް ބޭނުންކޮށްގެންނެވެ. މިދެންނެވި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ހިސާބުޖަހައިލީމާ މި ހަނގުރާމައިގައި އެންމެ އަވަހަށް މިސައިލް ހުސްވާނީ ކޮންބައެއްގެ އަތުންކަން އެނގޭނެއެވެ. ހަތިޔާރުތައް މަދުވެގެން ނުވަތަ ހުސްވެގެން ހޯހޯއޭ ގޮވައި ހަނގުރާމަ ހުއްޓައިލުން ގާތީ ކޮންބައެއްކަންވެސް މޭރުން ވާނެއެވެ. ހަމަކަށަވަރުންވެސް އަދަދުގެ ގޮތުން އެޑްވާންޓޭޖް އޮތީ އީރާނަށެވެ. ދެން އޮތީ އީރާނަށް ބޭނުންވާ ހަތިޔާރު އުފައްދަނީ އީރާނުން އަމިއްލަޔަށްތޯ ނުވަތަ އެއީ ޗައިނާޔާއި ރަޝިޔާއިން އިމްޕޯޓްކޮށްފައިވާ ހަތިޔާރުތޯ ބަލައިލުމެވެ.

އިމްޕޯޓްކޮށްފައިވާ ހަތިޔާރުވެސް އީރާނުގައި އެބަހުއްޓެވެ. އެކަމަކު އީރާނަކީ މިސައިލާއި ޑްރޯން ތަރައްގީކުރުމާއި އުފެއްދުމުގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެކެވެ. އެހެން ބައެއްގެ މައްޗަށް ބަރޯސާކުރަން ނުޖެހޭ ގައުމެކެވެ. އީރާނުން މި ހަނގުރާމައިގައި ބޭނުންކުރާ މިސައިލާއި ޑްރޯނަކީ އީރާނުގެ އަމިއްލަ އުފެއްދުންތަކެވެ. މިތަކެތި އުފައްދަނީ ކުރިން ބަޔާން ކުރެވުނު މިސައިލް ސިޓީތަކުގައެވެ. ބިމުގެ ވަރަށް ފުނުގައި ގާއިމުކުރެވިފައިވާ ތަންތަނުގައެވެ. އެއީ އެމެރިކާޔާއި އިޒްރޭލުން އަޅަމުންދާ ބޮމަކުން، ފޮނުވަމުންދާ މިސައިލަކުން ހަލާކުކުރެވޭ ތަންތަނެއް ނޫނެވެ. އެތަންތަން ހުރީ މާފުނުގައެވެ. ހުސްވި އަހަރުގެ ޖޫންމަހު އެމެރިކާޔާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ކުރި ބާރަ ދުވަހުގެ ހަނގުރާމައިން ފިލާވަޅު ލިބިގަނެގެން އީރާން ވަނީ މިސައިލާއި ޑްރޯން އުފެއްދުމަށް ބޭނުންވާ އެންމެހައި ތަކެތިވެސް ދިގު މުއްދަތަކަށް ފުދޭނޭ މިންވަރަށް މި ދެންނެވި ސިޓީތަކަށް ޖަމާކޮށްފައެވެ.

އޭގެމާނަޔަކީ ކޮބައިތޯއެވެ. އޭގެ މާނަޔަކީ އީރާނުގެ ދުޝްމަނުންގެ ބޮންތަކުން އީރާނުގައި އަލިފާން ރޯވެ އަނދަމުން ދިޔައަސް ބިމުގެ އަޑީގެ މިސައިލް ސިޓީތަކުގައި މިސައިލް އުފެއްދުން ބާރަށް ކުރިޔަށް ދިއުމެވެ. އެފަދަ މިސައިލްތައް އުދުއްސައިލަނީ ބިންމަތީގައި އެއްތަނެއްގައި ގާއިމު ކުރެވިފައިވާ ހަރަކުން ނޫނެވެ. މިސައިލް އުދުހިގަތުމުގެ ކުރިން އެއިން ލޯންޗަރެއް ދެނެގަތުމަކީވެސް ކުރެވޭ އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ. މިސައިލް އުދުއްސައިލުމަށް އީރާނުން ބޭނުންކުރަނީ އެ ގައުމުން އަމިއްލަޔަށް އުފައްދާފައިވާ ހަރުތަކެކެވެ. އެއީ މިސައިލް އުދުއްސައިލުމާއެކު އަވަހަށް ދުރަށް ގެންދެވޭ ނުވަތަ ބިމުގެ އަޑިއަށް ދެމިގަނެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަކެއްޗެވެ. އިޒްރޭލާއި އެމެރިކާއިން ބުނެއެވެ. ހަނގުރާމައިގެ ފުރަތަމަ ތިން ދުވަހެއްގެ ތެރޭގައި އީރާނުން ބޭނުންކުރި މިސައިލްތަކަށްވުރެ މިހާރު ބޭނުންކުރާ އަދަދު މަދެވެ. އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ މަދުވަމުންނެވެ.

މިއިން ދޭހަކޮށްދެނީ އީރާނުގައި މިސައިލް މަދުވަމުންދާކަމާއި މިސައިލް އުދުއްސައިލުމުގެ ކުޅަދާނަކަން ކުޑަވަމުންދާ މިންވަރު ކަމަށްވެސް އެމީހުން ބުނެއެވެ. އެތަކެތި ހަލާކު ކުރުމުގައި ލިބެމުންދާ ކުރިއެރުން ކަމަށްވެސް ދައުވާ ކުރެއެވެ. އީރާނުން ފޮނުވާ މިސައިލް ހަމަލާތައް ބޮޑުތަނުން މަދުވެއްޖެޔޭ ނުވަތަ ދަނީ މަދުވަމުންނޭ އެބުނާ ބުނުމަކީ ދޮގެކެވެ. މަދެއްނުވެއެވެ. މަދުވާކަމުގެ އަލާމާތެއްވެސް ނުފެނެއެވެ. އެމެރިކާޔާއި އިޒްރޭލުން ހަދަނީ ދޮގެވެ. އެ ދެ ގައުމަށް ލިބެމުންދާ ގެއްލުންތަކުގެ މިންވަރު ވަނީ ފޮރުވައިފައެވެ. ތެދު މައުލޫމާތު އޮންނަނީ ވަންހަނާ ކޮށްފައެވެ. ދެން ހުޅަނގުގެ ގައުމުތަކުގެ މީޑިއާ ބޭނުންކޮށްގެން މިކުޅެނީ ގޭމެކެވެ. ނަފްސާނީ ގޭމެކެވެ. މަގުސަދަކީ މީސްތަކުންގެ ސިކުނޑިތައް ފަސާދަކުރުމާއި އަޒުމް ބަލިކަށި ކުރުމެވެ. އީރާނުން ހަތިޔާރު ހުސްވަނީއޭ، ދެން ލަސްތަކެއްނުވެ އަމާންދީފާނެއޭ އެބުނަނީ މި ނިޔަތުގައެވެ. އެހެންކަމެެއް ނެތެވެ. އެހެންވީމާ ހުޅަނގުގެ ދޮގުތަކާމެދު ހޭއަރައިގެން ތިބުން މުހިންމެވެ.