ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެ އިރެއްގައި ބޭއްވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލައިގެން ބާއްވަން އުޅެނީ ކަމަށް ބުނެ އިދިިކޮޅު ފަރާތްތަކުން ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަނީ ނޫން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.
"ދެ އިންތިހާބު އެކެއް ނުކުރަން، ނުވެސް ކުރެވޭނެ. ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮތަށް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ކުރުވާން ޖެހޭތީވެ، އެކަމަށްޓަކައި ރައްޔިތުންގެ ކިބައިގައި މި އަހަނީ، އެ ދައުރު ކުރުކޮށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންނަށް ފެނޭތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުން އިންތިހާބުގައި ބައިވެރިކުރުވުން ކަމަށެވެ. އެގޮތުން އެންމެ ގިނަ ރައްޔިތުން ވޯޓުލަނީ ރިޔާސީ އިންތިހާބުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މަޖިލިސް އިންތިހާބުގައި 10-12 ޕަސެންޓް މީހުން މަދުން ވޯޓުލަނީ. އެކަމަކު ރައްޔިތުންގެ މަންދޫބުން ހޮވަންށޭ މި އުޅެނީ. އެކަމަކު ނުކުންނަނީ މާ މަދުން ވޯޓް ލާން. ޑިމޮކްރަސީއެއްގައި ވިއްޔާ ރައްޔިތުން އެ ރައްޔިތުންގެ މަންދޫބުން ހޮވަން ވޯޓުލާ އަދަދު މަދުވެގެން ދިއުމަކީ ޑިމޮކްރަސީއަކަށް އަންނަ ހީނަރުކަމެއް. މިއީ ޑިމޮކްރެޓިކް ގައުމެއް. އެހެނެއް ނޫން، ރައްޔިތުންގެ މަންދޫބުން ހޮވުމަށްޓަކައި ނުކުންނަ އަދަދު ގިނަވެއްޖެއްޔާ އެ ޑިމޮކްރަސީ ފައްކާވެގެން އެބަދޭ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، އެންމެ ގިނަ ރައްޔިތުން ވޯޓުލާ ދުވަހު މަޖިލިސް އިންތިހާބު ވެސް ބޭއްވުމުން، ރައްޔިތުންގެ މަންދޫބުން ހޮވުމަށްޓަކައި އެންމެ ގިނަ ރައްޔިތުންގެ ވޯޓުލުމަށް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވާހަކަދައްކަވާ މެންބަރުންނަކީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލައިގެން ހޮވާފައި ތިބި ބަޔަކަށް ހެދުމަކީ މި ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް އަދި މި ރާއްޖޭގެ ޑިމޮކްރަސީ ފައްކާ ކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދެ އިންތިހާބު ދެ އިރެއްގައި ބޭއްވުމުން ގައުމަށް ލިބޭ ފައިދާއަށް ވުރެ، ގެއްލުން ބޮޑުވާ ކަމަށެވެ.
"އެންމެ ބޮޑު ގެއްލުމަކީ ގައުމުގައި ހަމަޖެހުން ގެއްލިގެން ދިއުން. އަޅުގަނޑުގެ މައިގަނޑު އެއް ސިޔާސަތަކީ ހަމަޖެހުން ގާއިމުކުރުން، މި ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތަސް، މިހާރު ގަބޫލުކުރާނެ މި ގައުމުގައި ސިޔާސީ ހަމަޖެހުން އެބައޮތްކަން. މިހާރު ނުހުންނާނެ މިއަދާ ހަމައަށް އައިރުގައި ސިޔާސީ ގޮތުން އަދަބެއް ދީފައި ހުރި މީހެއް، ޖަލަށް ލާފައި ހުރި މީހެއް ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިކުރުވި ކަމަށާއި ރައްޔިތުންގެ ނިންމުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ސަރުކާރު ހިންގަން ގިނަ ހުރަސްތަކެއް ވެސް ކުރިމަތި ކުރުވި ކަމަށެވެ. މިއީ ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު