މިދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި، އަބުރުގެ ގާނޫނުގެ ބިލް އަދިވެސް މަޖިލީހަށް ފޮނުއްވާފައި ނުވާތީ އެ ބިލު އޮތް ހިސާބެއް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިއަދު ފާސްކޮށްފިއެެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ، މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރު އަމަލުކުރަން ފެށީއްސުރެ، ހަދާން ޖެހޭ ގާނޫނުތަކުގެ ތެރެއިން ބައެއް ގާނޫނުތައް ހެދިފައި ނުވާތީ، އެ ގާނޫނުތަކުގެ ބަދަލުގައި ގަވައިދުތަކަކަށް ބާރުދީގެން މިހާތަނަށް އަމަލު ކުރަމުން އައި، "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުރަން މަޖިލީހުން ފާސްކޮށްފައި އޮތް މުއްދަތު އަންނަ މާޗް މަހުގެ ނިޔަލަށް ހަމަވާތީއެވެ.
"އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"ގައި ހިމެނޭ ގަވާއިދުތަކަށް ގާނޫނުތައް ހެދޭ ވަރަކުން އެ ގާނޫނަށް އަަމަލު ކުރުމުގެ މުއްދަތު މަޖިލީހުން އަންނަނީ އިތުރު ކުރަމުންނެވެ.
އެގޮތުން އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރީ މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
އެއިރު އެ ގާނޫނުގައި ހިމެނޭ ގަވައިދުތަކުގެ ތެރެއިން ގާނޫނު ނުހެދި އޮތީ، ހަމައެކަނި ފަސް ގަވައިދަކަށެވެ.
ނަމަވެސް ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމު ވިދާޅުވީ، މިހާރު ގާނޫނެއް ނެުދި އޮތީ ހަމައެކަނި އަބުރާާބެހޭ ގަވާއިދަށް ކަމަށެވެ.
"އާއްމު ގަވާއިދުތަކާބެހޭ ގާނޫނު" އަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އެޕްރީލް މަހަށް ހަމަވާތީ، އެކަމަށް ގޮތެއް ކަނޑައެޅުމަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިބްރާހިމް ނަސީމު ވިދާޅުވީ، އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކުރީ، އޭޖީ ވިދާޅުވި ގޮތަށް، މިދިޔަ އަހަރުގެ ޖޫންމަހު އަބުރުގެ ގާނޫނުގެ ބިލު މަޖިލީހަށް ފޮނުވިނަމަ، ބިލްގެ މަސައްކަތް ނިންމައިލެވޭނެ މުއްދަތަށް ބަލައިގެން ކަމަށެވެ.
ނަމަވެސް ގާނޫނަށް އަމަލު ކުރަން އިތުރުުކޮށްފައިވާ މުއްދަތު އޭޕްރީލަށް ހަމަވާއިރު އޭޖީން އަދިވެސް އެ ބިލް މަޖިލީހަށް ފޮނުވާފައި ނުވާތީ، އެކަމުގައި ދެން ކަނޑަޅަން ޖެހޭ ގޮތަކާމެދު މަޝްވަރާ ކުރުމަށް ނަސީމު މިއަދު ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ މައްސަލައިގައި ހަމައެކަނި ވާހަކަ ދެއްކެވީ، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކެވެ. އޭނާ ވިދާޅުވީ، މިހާރު ވުޖޫދު ނުވެ އޮތީ ހަމައެކަނި އަބުރުގެ ގާނޫނު ކަމަށާއި، ގާނޫނީ ބާރުދީފައިވާ ގަވައިދުގައިވެސް ހިމެނެނީ ހަމައެކަނި އަބުރުގެ ގަވައިދު ކަމަށެވެ. އެހެންކަމުން ދެން އެ ބިލް ހުށަހެޅޭނީ ކިހާ ހިސާބެއްގައިތޯ، އޭޖީ ކައިރިން އޮޅުން ފިލުވުމަށްފަހު، ގާނޫނުގެ މުއްދަތު އިތުރުު ކުރުމާމެދު ގޮތެއް ކަނޑައެޅުމާމެދު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވަން އޭނާ ހުށަހެޅުއްވިއެވެ.
ހުސްނީ މުބާރިކްގެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރާތީ މުގައްއިރު ނިންމެވީ އެ ހުށަހެޅުން ކުރިއަށް ގެންދެވުމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ