ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގދ. ގައްދޫ/ ހިތިލާގެ، އަލީ އިރުފާނު (28އ) އާއި އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް، (19އ) އަދި އިންޑިޔާގެ ކަތިރިވިލް މަނިމަރަން، (21އ) އެވެ.

އެ ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިމަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ..

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.