އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބޭ ގެއްލުން ދެނެގަންނާނެ ނިޒާމެއް ތައާރަފްކޮށްފި އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން ރޭ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މި ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
"އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"ގެ މި ހިދުމަތް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭނެ ކަމަށްވެސް ބުންޏެވެ.
"މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް މި ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެއް." އައިޖީއެމްއެޗްއިން ބުންޏެވެ.
އެ ޕޯސްޓުގައި ސިނިޔާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. އަލީ ނިޔާފް ހިއްސާކުރެއްވި ވީޑިއޯގައި ވިދާޅުވީ މިއަހަރު އެ ހޮސްޕިޓަލުން ގަސްތުކޮށްފައިވާ ކުރިއެރުންތަކަށް ފޯކަސްކޮށްގެން އިއްޔެ ފެށި "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"ގެ ހިދުމަތަކީ ބަލިމީހާގެ ރައްކަލަކަށް ކޮންމެހެން ހުރުން މުހިންމު އާލާތެއް ކަމަށެވެ.
"މެޝިނަކުން ދައްކާނެ އެގަޑީގައި ފަންކްޝަން ކުރާގޮތް. އޮޕްރޭޝަން ކުރާގަޑީގައި ނާރަކާ ގާތްވެއްޖެއްޔާ އޭގެން އެލާމް އަޅާނެ. ނޫނިއްޔާ އެ ނާރަކަށް ގެއްލުމެއް ލިބި ތަފާތު ބަދަލެއް އަންނަންޏާ އެއިން އަޅުގަނޑުމެންނަށް އެ ޕަސެންޓޭޖާއެކީގައި އެނގޭނެ." ޑރ. ނިޔާފް ވިދާޅުވިއެވެ.
އެޔާއެކީގައި އޮޕަރޭޝަން ބަދަލުކޮށް ނުވަތަ އެހެން ތަނަކުން އޮޕަރޭޝަން ކުރަން ފަސޭހަވެގެން ދާނެ ކަމަށްވެސް ޑރ. ނިޔާފް ވިދާޅުވިއެވެ.
"އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"އާ އެކީގައި ސްޕައިނަލް ކޯޑްގެ ހުންނަ ޓިއުމަރު އަދި އާންމު އޮޕްރޭޝަންސްތަކުގައި ކަނދުރާ ޑިސްކް ސާޖަރީ ނުވަތަ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ މީހުންގެތެރޭގައި އިސްކުރު ޖަހާއިރު، އެ އިސްކުރުގެ އިންޓަގްރިޓީ، އިސްކުރު ޖަހަމުންދާ ގަޑީގައި އިތުރު ނާރަކަށް ފިތުން ކަހަލަ ކަމެއް ވަންޏާވެސް އެއިން ފާހަގަކޮށްދޭނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.
"ނަތިޖާއަކަށް ވެގެންދާނީ ބަލިމީހާގެ އޮޕަރޭޝަންގެތެރޭގައި ދިމާވެދާނެ ނޭދެވޭ ކަންކަން މަދުކުރުން. އޮޕަރޭޝަންތަކުގައި ނާރަށް ގެއްލުން ލިބުން ކުޑަކުރެވޭނެ." ޑރ. ނިޔާފް ފާގަހަކުރެއްވި އެވެ.
އެ ވީޑިއޯގައި ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ ފެލޯޝިޕް އިން ޕެއިން މެނޭޖްމަންޓް ޑރ. އައިމިނަތު އަސްމާ ވިދާޅުވީ ހޭނައްތާއިރު ހުންނަ މުހިންމު ޕޮއިންޓްތަކެއް ހުރުމުން އެކަން ބަލި މީހާއަށް އަމިއްލަޔަށް އިހުސާސް ނުކުރެވޭނެ ކަމަށެވެ.
"ބުނެދޭކަށެއް ނޭނގޭ. އެެހެންވީމަ އަޅުގަނޑުމެންނަކީ ބަލިމީހާ ބަލަމުންދާ ފަރާތެއް. އެހެންވީމަ ނިއުރޯ މޮނޮޓަރިންއާ އެކީގައި އަޅުގަނޑުމެންނަށް، ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންއެބަދޭ ޕޭޝަންޓް ސޭފްޓީ ހިފެހެއްޓުމަށްޓަކައި." ޑރ. އަސްމާ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އައިޖީއެމްއެޗް