އެމެރިކާއަށް ނަގޫރޯޅި އަރައި 8 މީހަކު މަރުވެއްޖެއެވެ.

އެމެރިކާގެ މެދުތެރޭ ސަރަހައްދަށް ނަގޫރޯޅިތަކެއް އަރާފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރު ގަދަވާނެ ކަމަށް އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އިއްޔެ ނަގޫރޯޅިތައް އެރީ ގައުމުގެ މިޝިގަން އާއި އޮކްލަހޯމާއަށެވެ.

ނަގޫރޯޅިއެރުމުގެ ސަބަބުން މިޝިގަން އިން ހަތަރު މީހަކު މަރުވެފައިވާއިރު އޮކްލަހޯމާއިން ވެސް ހަތަރު މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ރެސްކިއު ޓީމުތަކުން ތޫފާން އެރި ސަރަހައްދުތަކުގައި އޮޕަރޭޝަން ފަށައިގެން ކުރިޔަށް ގެންދާއިރު މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ނެޝަނަލް ވެދާ ސެންޓަރުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އިތުރު ސަރަހައްދުތަކަށްވެސް ތޫފާން އަރާނެކަމަށް ލަފާކޮށް ރައްކާވެތިބުމަށް އިލްތިމަސްކޮށްފައެވެ.