ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވަރު، ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހދ. އަތޮޅުގެ މާލެ ޖަގަހަ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރަށް އެއްބާރުލުންދޭންޖެހޭ ބަޔަކަށް ކޮންމެހެންވެސް ވާން ޖެހޭނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނާ ވާދަވެރި މި އިންތިހާބަށް ވާދަކުރެއްވުމަށް ތިއްބެވި ފަރާތްތަކުގެ ބޭފުޅުންވެސް ވިދާޅުވޭ މިހާތަނަށްވެސް ކޮބާހޭ ކުރި އުނދަގުލަކީ، ނޫނީ މާދަމާ ތިމަންނަމެން އިންތިހާބުވެގެން ކޮބާހޭ ކުރާނެ އުނދަގުލަކީ. ދަންނަވާލަން ބޭނުންވަނީ މިއަދު އެބޭފުޅުން ޕޯޑިއަމްތަކުގައި އެ ވާހަކަ ދައްކަނީ ސަރުކާރާ އެއްބާރުލުން ދީގެންތޯ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންގެ ވާހަކަތަކުން ދޭހަވަނީ އެ ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުވެއްޖެ ނަމަ، ކައުންސިލްގެ ތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެކަން ކަމަށެވެ. މާޒީގައިވެސް އެ ބޭފުޅުންވެސް މަސައްކަތްކޮށްފައިވަނީ އެގޮތަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މަސައްކަތްކުރާނީ ރައީސުލްޖުމްހޫރިއްޔާއަށް އިޖާބަ ދެއްވައިގެން އެ މަނިކުފާނުގެ ސިޔާސަތާ އެއްގޮތަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާ އެއްކޮޅު ބަޔަކާއެކު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އެ މަސައްކަތްޕުޅުތައް ހިއްޕަވައިގެން ރައްޔިތުންނާ ހަމައަށް، ރައްޔިތުންނާ ހަމައަށް ގެންގޮސް އެކަންކަން ވިސްނުވައިދޭން ހެޔޮ ވިސްނުންތައް އިސްކުރުމަށް މަސައްކަތްކޮށްދެއްވަނީ މިއަދުގެ މި ތިއްބެވި ކެންޑިޑޭޓުން ކައުންސިލްތަކުގެ ގޮނޑިތަކުގައި، ކައުންސިލްތަކުގައި. އެހެންވީމާ އަޅުގަނޑުމެންނަށް މި ކައުންސިލްތަކުގެ އިންތިހާބު މުހިންމު ވަނީ އެކަންކަމަށްޓަކައި،" ނައިބު ރައީސް ވިދާޅުވިއެވެ.