އޭޝިއަން ކަޕް އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާންގެ އަންހެން ޓީމުން ސެލިއުޓާއެކު ގައުމީ ސަލާމް ކިޔައިފިއެވެ.

އޮސްްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާން ރޭ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. އެއީ އީރާންގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗެވެ. ފުރަތަމަ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އީރާންގެ ޓީމުން ވަނީ ގައުމީ ސަލާމް ބޮއިކޮޓްކޮށް، ބައިވެރި ނުވާން ނިންމައިފައެވެ.

އެގޮތަށް ފުރަތަމަ މެޗުގައި ކަންކުރި ނަމަވެސް، މިހާރު އޮތް ހާލަތުން ޓީމުން ވަނީ ސެލިއުޓާއެކު ގައުމީ ސަލާމުގައި ބައިވެރިވެފައެވެ.

އެމެރިކާއާއި އިޒްރޭލު އިސްވެ، އީރާނަށް ހަމަލާދީ 1000 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރާލާފައިވެއެވެ. އޭގެ ތެރޭގައި އާންމުންގެ އެތައް ބަޔަކާއި ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެ ހަމަލާތަކުގައި އީރާންގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީވެސް އަވަހާރަކޮށްލާފައިވާ އިރު، އީރާނުގައި ބަދަލު ހަމަލާ ދީ، ހާލަތު ވަނީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ރޭ އީރާނުން ގައުމީ ސަލާމް ކީ ވަގުތު ބައެއް މީހުން އެކަމާ ދެކޮޅަށްވެސް އަޑު އުފުލާފައިވާ އިރު، ސްޓޭޑިއަމްގައި އީރާންގެ އެކި ޒަމާންތަކުގެ ދިދަވެސް ބޭނުން ކޮށްފައިވެއެވެ.

މެޗަށްފަހު އީރާނުގެ ކޯޗު މަރްޒިއޭ ޖަފަރީ ބުނީ ޓީމަށް ސަޕޯޓަރުން ދޭ ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށާއި، ކުޅުންތެރިންނާއި އޮފިޝަލުންނަށްވެސް އާއިލާއާ ވާހަކަ ނުދެކެވި މިދާ ދަނޑިވަޅުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް އީރާނަށް ރަނގަޅަށް އިންޓަނެޓް ނުލިބުމުން ކުޅުންތެރިން ހާސްކަމުގައި ތިބި ކަމަށްވެސް އޭނާ ބުންޏެވެ.