އިންޑިޔާ ކަނޑުން ސްރީލަންކާގެ އައްސޭރީގައި އެމެރިކާއިން ވަނީ އީރާނުގެ މަނަވަރު އައިރިސް ދިނާއަށް ހަމަލަދީ ގޮއްވާލައިފައެވެ. ކަންހިނގި ގޮތާއި ހިންގުނު ގޮތަށް ވިސްނާއިރު މިއީ އެމެރިކާއިން ހިންގި ބޮޑުވެގެންވާ ޖަރީމާއެކެވެ. މިއީ ގަތުލުއާއްމެކެވެ. މަނަވަރުގެ ދަތުރާއި އޭގައި ތިބި ފަޅުވެރިންނަކީ މިހާރު ކުރިއަށްދާ ހަނގުރާމަޔާ ގުޅުވޭނެ ބައެއް ނޫނެވެ. މި ހާދިސާގެ ޒިންމާ އުފުލަންޖެހޭ ގައުމަކީ އިންޑިޔާއެވެ. އީރާނުގެ މަނަވަރާއި އޭގައި ތިބި ސަތޭކައަށްވުރެ ގިނަ ފަޅުވެރިންނަށް ރައްކާތެރިކަން ނުދެވުމަކީ އިންޑިޔާ ލަދުގަންނަން ޖެހޭނެ ކަމެކެވެ. އެ ހިމާޔަތް ދިނުމަކީ އިންޑިޔާއަށް ވާޖިބުކަމެއްވެސް މެއެވެ. މި ހަމަލަޔަކީ ހަމައެކަނި އީރާނަށް ދެވުނު ހަމަލައެއް ނޫނެވެ. މިއީ އިންޑިޔާގެ ބުރަކައްޓަށްވެސް ވަޅި ހަރައިލުމެކެވެ. އީރާނުގެ މަނަވަރު އައިރިސް ދިނާއަށް ހަމަލަދިނީ އެމެރިކާގެ ސަބްމެރީނަކުންނެވެ. ޓޮރުޕިޑޯ ބޭނުންކޮށްގެންނެވެ. މިކަމެއް ހިނގީ ސްރީލަންކާގެ އިރުމަތީ ބިތުން ބޭ އޮފް ބެންގޯލްގައެވެ.
މަނަވަރުގައި ތިބިކަމަށް އަންދާޒާ ކުރެވެނީ 140 ފަޅުވެރިންނާއި 180 ފަޅުވެރިންނާ ދެމެދުގެ އަދަދެކެވެ. މީގެ ތެރެއިން 32 މީހުންގެ ފުރާނަ ސްރީލަންކާގެ ނޭވީން ވަނީ ސަލާމަތް ކޮށްފައެވެ. މަރުވެފައިވާ 87 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނުފެންނަ އެތައްބަޔަކުވެސް ވެއެވެ. އެމެރިކާއިން ވަނީ ސަތޭކައަށްވުރެ ގިނަ ފަޅުވެރިންނާއެކު އީރާނުގެ މަނަވަރަކަށް ހަމަލަދީ ފައްތާލައިފީމޭ ބުނެ ވަރަށް ފަޚުރުވެރިކަމާއެކު ވާހަކަ ދައްކައިފައެވެ. ހަމަލާގެ ވީޑިއޯވެސް އާއްމު ކުރުމާއެކުގައެވެ. މިކުރެވުނީ ފަޚުރުވެރިވާފަދަ މޮޅުކަމެއް ކަމުގައި ހީވެގެންނެވެ. މިއީ އިންޑިޔާއިން ޒިންމާވާންޖެހޭ ކަމަކަށްވީ ކޮންގޮތަކުން ހެއްޔެވެ. ހުސްވި ފެބްރުއަރީ މަހުގެ ފަހުކޮޅު އިންޑިޔާގެ އިރުމަތީ ބިތުން ވިސަޚަޕަތުނަމް އައްސޭރީގައި ބައިނަލްއަގުވާމީ ފްލީޓް ރިވިއުއެއް ވަނީ ބާއްވައިފައެވެ. އިންޑިޔާއިން ދައުވަތުދީގެން ދުނިޔޭގެ 74 ގައުމަކުން 85 މަނަވަރު މި ރިވިއުގައި ބައިވެރި ކުރިއެވެ. ރިވިއު ޝަރަފުވެރިކޮށްދެއްވީ އިންޑިޔާގެ ރައީސް ދުރޫޕަޑީ މުރްމޫއެވެ.
އިންޑިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައިއެންއެސް ވިކްރަންތުގެ އިތުރުން ފަސްދޮޅަހަށްވުރެ ގިނަ މަތިންދާބޯޓުވެސް އިންޑިޔާއިން ބައިވެރި ކުރިއެވެ. އީރާނުގެ މަނަވަރަކީ މިދެންނެވި ރިވިއުގައި ބައިވެރިވާން ފޮނުވި މަނަވަރެކެވެ. މި ރިވިއުއަކީ އިންޑިޔާއަށް މިނިވަންކަން ލިބުނުފަހުން ބޭއްވި ތޭރަ ވަނަ ރިވިއުއެވެ. އިތުރު ގައުމުތައްވެސް ބައިވެރިކޮށްގެން ބޭއްވުނު ބައިނަލްއަގުވާމީ ތިންވަނަ ރިވިއުއެވެ. ބޭނުމަކީ އިންޑިޔާގެ ކަނޑުގެ ބާރު ދައްކައިލުމާއި ބައިނަލްއަގުވާމީ މައިދާނުގައި އިންޑިޔާގެ މަގާމުވެސް ދައްކައިލުމެވެ. އީރާނުގެ މަނަވަރު އައިރިސް ދިނާ އިންޑިޔާއަށް ދިޔައީ މިހާރު ކުރިއަަށްދާ ހަނގުރާމަ ފެށުމުގެ ކުރިންނެވެ. އޭގެ ހުރިހާ ކަމަކަށް އިންޑިޔާ ޖާމިނުވާ ގޮތަށް އިންޑިޔާގެ މެހުމާނެއްގެ ގޮތުގައެވެ. އެހެންވީމާ މަނަވަރު އެނބުރި އީރާނަށްގޮސް ބަނދަރު ކުރުމާ ހަމަޔަށް އެއީ އިންޑިޔާގެ މެހުމާނުންނެވެ. ރައްކާތެެރިކަން ދިނުމަކީ އިންޑިޔާގެ މައްޗަށް ލާޒިމުކަމެކެވެ. އެއީ ޝައްކެއްވެސް ނެތްކަމެކެވެ.
އިންޑިޔާއިން މިކަމަށް ޖާމިނުވުމާއެކު އައިރިސް ދިނާ އެނބުރި އީރާނަށް ދިޔުމުގެ ދަތުރުފެށީ މިޒާތުގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރެއް ނެތިއެވެ. އަމާންކަން އިހުސާސް ކުރަމުންނެވެ. ހަނގުރާމައިގެ ހާލަތުގައި މަނަވަރުގެ ދިފާއުގައި އަމިއްލައަށް ކުރަންޖެހޭ ކަންކަން ނުކޮށް ތިބުމުގެ ސިއްރަކީ އެއީއެވެ. އިންޑިޔާއަށް ބަރޯސާ ނުކުރިނަމަ އަމިއްލައަށްވެސް ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުއްޓެވެ. ހުންނާނެއެވެ. އެކަމަކު ކަންކަން އެންމެފަހުން ނިމިގެންދިޔައީ ކޮންގޮތަކަށްތޯއެވެ. އިންޑިޔާގެ ރަސްމީ މެހުމާނުންގެ ގޮތުގައި އިންޑިޔާއަށް ގޮސްފައި އިންޑިޔާގެ އެންމެ މުހިންމު ސިކިއުރިޓީ ޒޯންކަމުގައި ހިމެނޭ ޒޯނެއްގައި އިންޑިޔާގެ އައްސޭރިޔާ ނުހަނު ގާތުގައި މަރައިލީއެވެ. ގަތުލުއާއްމެއް ހިންގީއެވެ. މިކަމާމެދު އިންޑިޔާއިން މާގިނަ ވާހަކަތަކެއްވެސް ނުދައްކައެވެ. އޮތީ ހިމޭނުންނެވެ. އެކަމަކު ގަތަރާއި ޔޫއޭއީއާއި ކުވޭތު ކަހަލަ ތަންތަނަށް އީރާނުގެ މިސައިލްތައް އަމާޒުކުރާތީ އެކަން ވަރަށް ބޮޑުކަމަކަށް ވެގެން ބޮޑުވަޒީރު މޯދީގެ ސަރުކާރުން ހުއްޓާނުލައި ވާހަކަ އެބަދައްކައެވެ.
އިންޑިޔާގެ މެހުމާނުންގެ ގޮތުގައި ތިބި ބަޔަކަށް އިންޑިޔާގެ ލޮލުގެ ކުރިމަތީގައި އެމެރިކާއިން ހަމަލަދީ ދުނިޔެއިން ވަކިކޮށްލުމަކީ އެކަމާމެދު އިންޑިޔާއަށް ހިމޭންކަން އިޚުތިޔާރު ކުރެވޭވަރަށްވުރެ ސީރިއަސް މައްސަލައެކެވެ. މި ހަމަލައިގެ ކުރިންވެސް މިޒާތުގެ ކަމެއް ހިނގައިފާނެ ކަމުގެ މައުލޫމާތު އިންޑިޔާއަށް ލިބިފައިވުންވެސް ވަރަށް ގާތެވެ. އިންޑިޔާއިން ދައުވާކުރާ ކަހަލަ ކެރިކުޅަދާނަކަން އިންޑިޔާއަށް ހަގީގަތުގައިވެސް ލިބިގެންވަންޏާ އެކަން އިންޑިޔާއަށް އޮންނަންވާނީ އެނގިފައެވެ. އެކަން އެނގިތިބެ ރައްކާތެރިކަން ނުދިނުމަކީ އަދި މާބޮޑު ޖަރީމާއެކެވެ. ދެންއޮތީ އެމެރިކާގެ ވާހަކައެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދައުވާކުރާ ގައުމެވެ. ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމާއި ގާނޫނު ނެގެހެއްޓުމުގެ ޒިންމާ އުފުލާކަމަށް ދައުވާކުރާ ގައުމެވެ. އިންޑިޔާގެ އަސްކަރީ އަދި އިގްތިސާދީ މިތުރެެއްކަމުގެ ކުލަވަރު ދައްކާ ގައުމެކެވެ. އެކަމަކު އިންޑިޔާގެ މެހުމާންދާރީގައި ތިބި ބަޔަކު ދުނިޔެއިން ވަކިކޮށްލުމަށްފަހު މިކުރެވުނީ މާމޮޅު ކަމަކަށް ހަދައިގެން އެމެރިކާއިން ވާހަކަ އެބަދައްކައެވެ.
އެގޮތަށް ފޮނި ވާހަކަ ދައްކަމުން އެގެންދަނީ ކުރިންވެސް ދެންނެވިހެން ވީޑިއޯއާވެސް އެކުގައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑުބާރުގެ އަމަލުތައް ހުންނަންވީގޮތް ބާވައެވެ. ޒިންމާދާރު ގައުމުތަކުގެ ކަންކަން ހުންނަންވީ ގޮތަކީ މިއީހެއްޔެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިގެންވާ އަދި އދ. ގެ އެއްވުންތައް ބާއްވާ ގައުމުގެ ކަންކަން މިފެންވަރަށް ވެއްޓުނީމާ ދެން ބުނަންޖެހެނީ ކީކޭބާވައެވެ. އީރާނުގެ މަނަވަރު އައިރިސް ދީނާއަކީ ހަނގުރާމަމަތީ މަނަވަރަކަށްވިޔަސް އެއީ ޑިޕްލޮމެޓިކް މިޝަނެއްގައި އިންޑިޔާއަށް ދިޔަ މަނަވަރެކެވެ. އޭގައި ތިބީ ޑިޕްލޮމެޓިކް މިޝަނެއް ފުރިހަމަކޮށްފައި އެނބުރި ގައުމަަށްދާން ދަތުރުކުރި ބައެކެވެ. އެމީހުން މަރައިލުމަކީ ބޮޑު ޖަރީމާއެކެވެ. ބައިނަލްއަގުވާމީ އެންމެހައި ގާނޫނުތަކާއި އުސޫލުތަކުގެ ދަށުންނެވެ. އެކަންކުރި ބަޔަކާ ދެކޮޅަށް ބައިނަލްއަގުވާމީ ކޮމިޝަންތައް ހަދައިގެން ތަހުގީގުވެސް ކުރެވެންޖެހޭނެއެވެ. މިއީ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ބެލޭނެ އަދި ބަލަންވެސް ޖެހޭނެ ޖަރީމާއެކެވެ. އެކަމަކު އެމެރިކާއަކީ އެމެރިކާއެވެ. އެމެރިކާއާ ދެކޮޅަށް ކަމެއް ކުރެވޭވަރުގެ ހަކަތަ ދުނިޔޭގެ މުއައްސަސާތަކަށް ލިބިގެނެއް ނުވެއެވެ.
އިމާދު ލަތީފު
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް