ޓީ20 ވޯލްޑް ކަޕްގެ ތާރީހުގައިވެސް ހެދި އެންމެ އަވަސް ސެންޗަރީއާއެކު ދެކުނު އެފްރިކާ ބަލިކޮށް، ނިއު ޒީލެންޑުން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.

އިންޑިއާގެ ކަލްކަތާގެ އީޑެން ގާޑެންސްގައި ކުޅުނު މެޗުގައި ނިއު ޒީލެންޑުން ދެކުނު އެފްރިކާ ބަލިކުރީ ނުވަ ވިކެޓުންނެވެ. މެޗަކުން ބަލިނުވެ ސެމީއާ ހަމައަށް ދިޔަ ދެކުނު އެފްރިކާއިން މެޗުން ބަލިވީ 43 ބޯޅަ ބާކީ އޮއްވައެވެ. އެއީ ތަފާތު ބޮޑު ނަތީޖާއެކެވެ.

މެޗުގައި ޓޮސް ދިމާވީ ނިއު ޒީލެންޑަށެވެ. އެޓީމުން ފުރަތަމަ ހޮވަން ނިންމާފައިވާ އިރު، ދެކުނު އެފްރިކާއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 169 ލަނޑު ހެދިއެވެ. މާކޯ ޖެންސެން ހާފް ސެންޗަރީއެއް ފުރިހަމަ ކޮށްފައިވާ އިރު، ޑެވަލްޑް ބްރެވިސް ވަނީ 34 ލަނޑު ހަދައިފައެވެ.

ބަދަލުގައި ކުޅެން އަރައި ނިއު ޒީލެންޑަށް ތަފާތު ދެއްކީ ފިން އެލަންއެވެ. އޭނާ ވަނީ 33 ބޯޅައިން ސެންޗަރީ ފުރިހަމަކޮށް، ޓީ20 ވޯލްޑް ކަޕް ރެކޯޑު މުގުރާލައިފައެވެ. މީގެ ކުރިން އެންމެ އަވަހަށް ވޯލްޑް ކަޕްގައި ސެންޗަރީ ފުރިހަމަ ކޮށްފައި އޮތީ ކްރިސް ގޭލްއެވެ. އެއީ 2016 ވަނަ އަހަރު، 47 ބޯޅައިންނެވެ.

ނިއު ޒީލެންޑް ފައިނަލަށް ގެންދިޔުމަށް ފިން ހެދި ސެންޗަރީގައި 10 ބޯޅަ ހަތަރަކަށް ޖަހައި، އަށް ބޯޅަ ހަޔަކަށް ޖަހާފައިވެއެވެ.